ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ރާޒީއަށް ލިބިއްޖެ

މ މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީ: ޕްރައިމަރީއަކާ ނުލާ ރާޒީއަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފައި --

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުުރިމަތިލީ ދެ ބޭފުޅުންގެ ތެރެއިން މާފަންނު ތްރީއޭވިލާ އިބްރާހިމް ޖިހާދުގެ ނަން އަނބުރާ ގެންދެވުމުން މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީއަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެ އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ ޖިހާދު ފުރުސަތު ދޫކޮށްލާފައިވާކަން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

ޖިހާދު ފުރުސަތު ދޫކޮށްލުމާ ގުޅިގެން އެމްޑީޕީގެ ޓިކެޓް ޕްރައިމެރީއަކާއި ނުލައި ރާޒީ އަށް ވަނީ ލިބިފަ އެވެ. ނަމަވެސް ރާޒީއާ ރަސްމީކޮށް އެމްޑީޕީގެ ޓިކެޓް ހަވާލުކުރާނީ އެމްޑީޕީގެ ލީޑާޝިޕުން ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ބުނެފަ އެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ވަނީ ފާރިސް މައުމޫން ހޮއްވަވައިފަ އެވެ. ޕީޕީއެމްގެ ޓިކެޓް އޭނާ އަށް ލިބިވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންނެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމުންނެވެ.

އަންނަ ޖޫން ހައެއްގައި ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

comment ކޮމެންޓް