ތޮލްހަތުގެ މައްސަލަ އިސްތިއުނާފުކޮށްފި

ތޮލްހަތު ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ ---- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު 10 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި އެވެ.

ތޮލްހަތުގެ ގާނޫނީ ޓީމުން މިއަދު ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ތޮލްހަތުގެ މައްޗަށް އިއްވާފައިވާ ހުކުމްގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން ތޮލްހަތު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުތަކާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ތޮލްހަތުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އޭނާއަށް ޝަރީއަތުން ކަނޑައަޅާފައިވާ އަދަބަކީ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ލުއި އަދަބެވެ.

ތޮލްހަތާ ދެކޮޅަށް ހެކިބަސް ދެއްވި އޮފިސަރުންގެ ތެރެއިން އެމްއެންޑީއެފްގެ ކެޕްޓަން އިހުސާން ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ 30 އަހަރަށް ޖަލަށް ލިޔަސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް އޭނާގާތު ތޮލްހަތު ވިދާޅުވި ކަމަށެވެ.

ތޮލްހަތާ ދެކޮޅަށް ހެކިބަސް ދެއްވަމުން މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން 40 އަހަރަށް ޖަލަށްލިޔަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.

ހެކިބަސްދެއްވި ސިފައިންގެ އޮފިސަރެއް ކަމަށްވާ އިބްރާހީމް ރަޝީދު ވިދާޅުވެފައި ވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ސިފައިން ނަންގަވަން ނުޖެހޭނެ ކަމަށާއި އަމިއްލަފުޅަށް ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.

comment ކޮމެންޓް