ހުސްވެފައިވާ ދިއްގަރު ދާއިރާ އަށް ފާރިސް މައުމޫން އިންތިހާބު ކޮށްދިނުމަށް ފާރިސްގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ދަރިކަލުން ފާރިސް އަށް ކާމިޔާބު ވުމުން ރޭ އެންދެރިމާގޭގައި އެ ޕާޓީގެ އިސްފަރާތްތަކާ އެކު މައުމޫން ބޭއްވި ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ ފާރިސް މައުމޫންނަށް އެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް އެ ޕާޓީގެ ލީޑާޝިޕަށާއި ޕާޓީގެ ހުރިހާ ފަރާތްތަކަކުން މަސައްކަތް ކޮށްދެއްވައި ޕާޓީ އާއި ސަރުކާރަށް އަދި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު އޮތްކަން ސާބިތުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕްރައިމަރީ ކުރިއަށް ދިޔައިރު ޕްރައިމަރީއާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވީ ޕާޓީގެ ރައީސް ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދިއްގަރު ދާއިރާގެ އިންތިހާބުގައި އެމަނިކުފާނު ތާއީދުކުރައްވާނީ ދަރިކަލުން ފާރިސް އަށް ކަމަށެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓެއްގެ ގޮތުގައި އެ ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫން ހިޔާރު ކޮށްފިން." ރައީސް މައުމޫން ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ ޕްރައިމަރީއަކީ ވަރަށް ކާމިޔާބު ކާމިޔާބު ޕްރައިމަރީއެއް ކަމަށާއި ދިއްގަރު ދާއިރާގެ ޕްރައިމަރީ އިން ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި އެފަރާތްތަކަށާއި އިންތިޒާމު ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށް ޓަކައި ޕީޕީއެމްގެ ކެނޑިޑޭޓަށް އެގޮނޑި ކާމިޔާބުކޮށް ދެއްވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީ ފާރިސް ކާމިޔާބު ކުރެއްވީ 289 ވޯޓުންނެވެ. އޭނާއާ ވާދަ ކުރެއްވި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.