ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމެންދިޔައިރު ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަމަކީ ވެސް ނަޞާރާދީނުގެ މީހުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް މައުމޫން ތުހުމަތުކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް މިއަދު އީރާނަށް ފާޑުވިދާޅުވެއްޖެއެވެ.
އީރާންގެ ސަރުކާރު ދިފާއުކުރުމުގެ ބަދަލުގައި ތިބެންވާނީ އެ ގައުމުގެ ރައްޔިތުންނާ އެކުގައި ކަމަށް ނަޝީދު ވިދާޅުވުމުން އެ ގައުމުން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އީރާންގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ. އެއީ، ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކެއް ހުރެގެން ފެށި މުޒާހަރާތަކެއް ނަމަވެސް މިހާރު އެ މުޒާހަރާތަކުގެ ތެރެއިން އިސްރާއީލާއި އެމެރިކާގެ "ޓެރަރިސްޓް އެޖެންޓުން" ވަދެގެން އީރާނާ ދެކޮޅަށް ޓެރަރިޒަމްގެ ހަނގުރާމައެއް ކުރަން އުޅޭ ކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފައެވެ.
މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިސްރާއިލެވެ.
އެ ކަމާ ގުޅިގެން ނަޝީދު އާދިއްތަ ދުވަހު ވަނީ މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އީރާންގެ ސަރުކާރު ދިފާއުކުރުމުގެ ބަދަލުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ތިބެން ގޮވާލާފައެވެ. އެކަމަކު، އެ ވާހަކަތަކާ ގުޅިގެން އީރާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް "ތި ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" ނަޝީދާ ސުވާލުކުރައްވާފައެވެ.
ސްރީލަންކާގައި ހުންނަ އީރާންގެ އެމްބަސީން އެކްސްގައި ކުރި ދިގު ޕޯސްޓެއްގައި ބުނީ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ސިޓީތަކަށާއި އާންމު ރައްޔިތުންނަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ. އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާތަކާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން ހާހަކަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބުންޏެވެ.
މިހާރު އިސްރާއީލާއި އެމެރިކާ އަޑީގައި އޮވެގެން އެ ގައުމުގެ އަމާންކަން ގެއްލުވާލަން މަސައްކަތްކުރަނީ ކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފައެވެ.
އެ ގޮތުން، މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގައާއި ބާޒާރުތަކުގައި އުޅުނު އާންމުންނަށް ހަމަލާދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެމްބަސީގެ ޕޯސްޓުގައި ބުނެފައިވެއެވެ. ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ އީރާނުން ސުވާލުކުރީ އެ ކަންކަމުގެ ފަހަތުގައިވަނީ އިސްރާއީލުން ކަމަށް ބުނުމަށް ފަހުގައެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު އަނެއްކާ ވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން އީރާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާ މެދު އެ މަނިކުފާނު ވެސް ދެކޮޅު ކަމަށެވެ. އެކަމަކު، މަގުތަކުގައި ތިބި ޒުވާން މުޒާހަރާވެރިންނަށް ތާއީދުކުރައްވާ ކަމަށެވެ.
"ހަނދާންވަނީ ރާއްޖޭގެ މާޒީ. އެކްޓިވިސްޓުން މައުމޫންގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރުމުން އެ މަނިކުފާނު ވެސް ތުހުމަތުކުރެއްވީ އެއީ ނަޞާރާދީނުގެ މިޝަނަރީތަކުން އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށް،" ނަޝީދު ލިޔުއްވާފައިވެއެވެ.
ހަގީގީ މައްސަލައަކީ އެ މީހުން ތަހަންމަލުކުރި އަނިޔާއާއި ވޭންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ މުޒާހަރާވެރިންނާ އެކު ހުންނެވިކަން މިއަދު ވެސް ތަކުރާރުކުރައްވާފައެވެ.
މައުމޫންގެ ވެރިކަމާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް 2000ގެ ކުރީކޮޅުގައި ކުރިއެވެ. އޭރު އެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެއީ ނަޞާރާދީނުގެ މިޝަނަރީތަކުން ފަންޑުކުރާ ހަރަކާތްތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ސިޔާސީ އޮއިވަރު ބަދަލުވެ، ދިގު 30 އަހަރުގެ ވެރިކަމަށް ފަހު އާ ގާނޫނުއަސާސީއެއް އެކުލަވާލައި ޑިމޮކްރެޓިކް އިންތިޚާބެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވީ 2008 ވަނަ އަހަރެވެ. އެ ފަހަރު އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައި ނަޝީދެވެ.
އެކަމަކު، އެ މަނިކުފާނަށް ވެރިކަން ކުރެއްވުނީ ތިން އަހަރާއި ދުވަސްކޮޅެކެވެ. ފެބްރުއަރީ 7، 2012 ގައި މުޒާހަރާތައް ހޫނުވެ، ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ.

އީރާނުގައި ކުރަމުން އަންނަ މުޒާހަރާތައް: އެ ގައުމުން ބުނީ މިއީ އެމެރިކާއާއި އިސްރާއީލުން ކުރާ ޓެރަރިޒަމްގެ ހަނގުރާމައެއް ކަމަށް -- ފޮޓޯ/ އޭޕީ
އީރާންގައި ވެސް މިހާރު ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ، މައިތިރިކުރަން ބަޑީގެ ބޭނުންކުރުމުން އެތައް ބަޔަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މުޒާހަރާތަކާ ގުޅިގެން މުޅި އީރާނުން އިންޓަނެޓުގެ ޚިދުމަތް ވެސް ކަނޑާލާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންނުކުރަން ގޮވާލާފައެވެ. އަދި، އެފަދައިން އަމަލުކުރާނަމަ އީރާނަށް ވެސް 'އަރައިގަންނަން' ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
މުޒާހަރާތަކުގެ އިސް ފަރާތްތަކާ ވާހަކަދައްކައިގެން އެ މީހުންގެ ބޭނުންތައް އަޑުއަހައި އެކަންކަން ރަނގަނޅުކުރަން މަސައްކަތް ކުރަމުން ގެންދަނިކޮށް ތޫނުކުރި ދަނގަނޑުބުރިތަކާއި ވައިޓް ވެޕަންސް ހިފައިގެން އެމެރިކާއާއި އިސްރާއީލުގެ އެޖެންޓުންގެ ގޮތުގައި ޓެރަރިސްޓުންގެ ބައިގަނޑުތަކެެއް މުޒާހަރާތަކުގެ ތެރެއަށް ވަދެ، ވެހިކަލްތަކާއި އިމާރާތްތަކާ އަދި އާންމުންގެ ގެދޮރާއި މިސްކިތްތައް ފަދަ ތަންތަނުގައި ހުޅުޖަހައި ފުހުލުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފެށީ ކަމަށް އީރާނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެެމެރިކާ ސްޕޮންސާކުރި ޓެރަރިޒަމްގެ މި އަމަލުތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ޓެރަރިސްޓުންގެ ގިނަ ބަޔަކު ހައްޔަރުކޮށް، ފިލަން ދުވި މީހުންގެ ގަޔަށް ބަޑިޖަހައި މަރައި، އަމަންއަމާންކަން ގާއިމުކުރަން މަޖުބޫރުވިކަމަށް އީރާންގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ ވިދާޅުވިއެވެ.
އިރަގްޖީ ވިދާޅުވި ގޮތުގައި އީރާނުގައި ހިންގާ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި ޔަހޫދީ އިސްރާއީލެވެ. ބޭނުމަކީ އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަނީ އިސްރާއީލާއި އެމެރިކާއަށް އަމާންދީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ރޫޅާލައި ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓުވާނެ އަދި އީރާނުގެ ތެލާއި ގޭސް އަދި ރަނާއި އަގުބޮޑު މައުދަންތަކުގެ ސެކްޓަރުތައް އެމެރިކާގެ ކުންފުނިތަކަށް ދޭނެ ޕަޕެޓް ސަރުކާރެއް އީރާނުގައި ގާއިމުކުރާށެވެ.