މައުމޫން ފައުންޑޭޝަންގެ ސީއީއޯއަކަށް އަބްދުﷲ ކަމާލުއްދީން

ރައީސް މައުމޫނާއި، އަބްދުﷲ ކަމާލުއްދީން (އޭކޭ): މައުމޫން ފައުންޑޭޝަންގެ ސީއީއޯއަކަށް އަބްދުﷲ ކަމާލުއްދީން ވަނީ ހަމަޖައްސާފައި -- ފޮޓޯ/ އެކްސް، ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 'ދަ މައުމޫން ފައުންޑޭޝަން'ގެ ސީއީއޯ ކަމުގެ މަގާމަށް، އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން, އައްޔަނުކުރައްވައިފިއެވެ.

މައުމޫން ފައުންޑޭޝަނަކީ 2010 ވަނަ އަހަރު ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި އަމިއްލަ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ ސީއީއޯކަމުގެ މަގާމަށް އަބްދުالله ކަމާލުއްދީން އައްޔަނުކުރައްވާފައިވާކަން އިއުލާނުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އަބްދުالله ކަމާލުއްދީންގެ ތަޖުރިބާގެ ސަބަބުން މައުމޫން ފައުންޑޭޝަންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.

'ސަން' އާ ވާހަކަދައްކަވަމުން އަބްދުالله ކަމާލުއްދީން ވިދާޅުވީ، ލިބިވަޑައިގެން ހުންނެވި ތަޖުރިބާ ބޭނުންކޮށްގެން, އެ ޖަމިއްޔާ ހިންގެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފަހުމުނާމާގެ ދަށުން ކުރާ މަސައްކަތްތައް އިސްވެ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުالله ކަމާލުއްދީން ވިދާޅުވި ގޮތުގައި އެ ފައުންޑޭޝަނަކީ އެކްސްކޯއެެއް އޮވެ، ވަރަށް ރަނގަޅަށް ހިންގާ ޖަމިއްޔާއެކެވެ. އެހެންކަމުން ރައީސް މައުމޫންގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

[މިއީ] އެއްގޮތަކަށް ވެސް އަމިއްލަ ތަސައްވަރަކަށް ކުރާނެ ކަމެއް ނޫން. މައުމޫން ފައުންޑޭޝަންގައި ވެސް އޮންނާނެ އެކްސްކޯއެއް. އެންމެން ބައިވެރިވެގެން ނިންމާ ނިންމުންތަކަށް ބިނާކޮށް ކަންކަން ތަންފީޒުކުރުމުގައި ބޮޑަށް ހަރަކާތްތެރިވާނީ،

އަބްދުالله ކަމާލުއްދީން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫނާއެކުގައެވެ. ނަމަވެސް ފަހުން ޖުމްހޫރީ ޕާޓީގައި ވެސް އޭނާ އުޅުއްވިއެވެ. ރައީސް މައުމޫން، މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) އުފެއްދެވުމުން އޭނާ އަނެއްކާވެސް އުޅުއްވީ މައުމޫނާއެކުގައެވެ. އެމްއާރުއެމް އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ތާއީދާއެކު އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވިއެވެ.

މައުމޫން ފައުންޑޭޝަނުން މި ފަހުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ކަންކަމަކީ:

  • އިސްލާމީ މަރުކަޒު ޢިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޢިމާރާތަކަށް ހެދުމަށް މަޝްރޫޢެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެ މަސައްކަތް ކުރުން.
  • އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުން.
  • ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ޢާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.
  • މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިޔަށްގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުން.
  • މައުމޫން ފައުންޑޭޝަންގެ ޑިޖިޓަލް އާކައިވްއާއި ލައިބްރަރީ އުފެއްދުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން.
comment ކޮމެންޓް