ގާސިމް ވަނީ އަނެއްކާވެސް ފިއްލަވާފައި: އަދީބު

ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން "ގިނަވަނީ" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު

ޖުމްހޫރީޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް "މިހާރު ވަނީ އަނެއްކާވެސް ފިލާފައި" ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި އެމްޑީއޭ ގުޅިގެން "ގިނަވަނީ" އެ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދީބު ވިދާޅުވީ، މަޖިލީހުގެ ރައީސްކަން ހޯދަން އުޅެ އެކަން ނުވުމުން، އިދިކޮޅު ފަރާތްތަކުގެ ބަހަށް ރައީސްކަން ކުރަން އުޅެ މިހާރު ގާސިމް ވަނީ އަނެއްކާވެސް ފިއްލަވާފައި ކަމަށެވެ.

"މަޖިލިސް ރައީސްކަން ނަގަން އުޅެ އެކަން ނުވެ މިކަން ނުވެ، އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ބުނަންފައްޓައިފި މަނިކުފާނު ރައީސްކަމަށް ނުކުންނާށޭ ތިއޭ ރައީސަކީ، އެހިސާބުން ތިބޭފުޅާ ގާނޫނުއަސާސީއެއް އެހެން އެއްޗެއް އެހެން ފޮތެއް ނުބަލައި ރައީސްކަން ކުރަން އުޅެގެން މިހާރުވީ އަނެއްކާވެސް ފިލާފައި،" އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ގާސިމް ބޭނުންފުޅުވަނީ ހުރިހާ ލާރިޔަކާއި ހުރިހާ ފަޅުތަކެއްވެސް އެބޭފުޅާއަށް ލިބެން ކަމަށެވެ.

" އެބޭފުޅުން ބޭނުންވަނީ އެބޭފުޅުންނަށް ފަޅުތަކާއިއެއްޗިހި ލިބެން. އެފަޅުތައް ހެދުނަސް ނުހެދުނަސް މައްސަލައެއް ނެތް، އަދި އަޅުގަނޑުމެންގެ ދައުލަތަށް ދައްކަންހުރި 100 އެތަށް މިލިއަން ޑޮލަރެއް ދައްކާކަށް ބޭނުމެއް ނުވޭ،" އަދީބު ވިދާޅުވި އެވެ.

ކޯޓު މެދުވެރިކޮށް ނުވަ މިލިއަން ޑޮލަރު ގާސިމް ހޯއްދަވާފައިވާކަމަށް ވެސް މިރޭގެ ޖަލްސާގައި އަދީބު ވިދާޅުވި އެވެ. އަދި 17 މިލިއަން ޑޮލަރުގެ ބަދަލުގައި "ޕްލަސް ޕްލަސް އިންޓަރެސްޓާއި އެކު" 127 މިލިއަން ދައުލަތުން ގާސިމަށް ދޭން ޖެހޭނެކަމަށް ބުނެ ހައިކޯޓުގައި މިހާރުވެސް ގާސިމް ވަކާލާތުކުރައްވަމުން ދާ ކަމަށާއި، އެކަން ދެން މިގައުމުގައި ވިޔަ ނުދޭނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

ޕީޕީއެމުން މިރޭ ކުރިއަށްގެންދިޔަ ޖަލްސާގައި އަދީބު ގާސިމަށް ފާޑު ވިދާޅުވެފައިވާއިރު، މީގެ ކުރިން ދެފަހަރެއްގެ މަތިން އަދީބާއި ގާސިމްވަނީ ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭގޮތުން އެއިން އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

comment ކޮމެންޓް