އަޅުގަނޑު މަސައްކަތުން އެކަހެރި ކުރި ކަމެއް އެނގިފައެއް ނެތް: އަބްދުﷲ ގާޒީ

އަބްދުﷲ ގާޒީ ----

ކްރިމިނަލް ކޯޓުގެ މަސައްކަތުން އެކަ ހެރި ކުރި ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވިދާޅުވެއްޖެ އެވެ.

"ސަން"އިން މިއަދު ދެންނެވި ސުވާލެއްގެ ޖަވާބުގައި އަބްދުﷲ ގާޒީ ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ޗުއްޓީގައި ކަމަށާއި ޗުއްޓީ ހަމަވަނީ އަންނަ ހަފްތާގައި ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް އެފަދަ ފިޔަވަޅެއް އެޅިކަން އެނގިވަޑައި ނުގަންނަވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

"ތިކަހަލަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތް،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ ޗުއްޓީ ނިންމުމަށްފަހު އިސް ގާޒީ އެނބުރި އޮފީހަށް ނިކުންނަވަން މަސައްކަތް ކުރުމުން ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން އެކަމާ ދެކޮޅު ހައްދަވައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އަބްދުﷲ ގާޒީ ކޯޓުގައި ހުންނަވާނަމަ ބައެއް މައްސަލަތައް ކުރިއަށްގެންދަން އުޒުރުވެރިވާ ކަމަށާއި އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ބޭނުންވާ ކަމަށް އެދިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އަބްދުﷲ ގާޒީ ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ 22، 2015ގަ އެވެ.

comment ކޮމެންޓް