ސައިކަލުން ޑިއުޓީ ކުޑަކޮށް، ގާމެންޓްސްއިން ޑިއުޓީ ނުނަގަން ބިލެއް ހުށަހަޅައިފި

ޖަމީލް އުސްމާން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލުން ޑިއުޓީ ކުޑަކޮށް، ގާމެންޓްސް އިން ޑިއުޓީ ނުނަގާ ގޮތަށް އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އެ ބިލްގައި ވަނީ ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް، ޖަމީލް ހުށަހެޅުއްވި ބިލްގައި ވަނީ އެއަދަދު 100 ޕަސެންޓަށް ތިރިކޮށްފައެވެ.

އެ ބިލްގައި ވަނީ ނިޓްކޮށްފައި ނުވަތަ ކްރޯޝޭ ކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި، ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.

ނުކުޅެދޭ މީހުންނަށް ޚާއްސަކޮށްގެން ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިހި އަދި އެތަކެތީގެ ބައިތަކުން ނަގަންޖެހޭނީ ފަސް ޕަސެންޓުގެ ޑިއުޓީއެއް ކަމަށް އެ ބިލްގައި ވެއެވެ.

comment ކޮމެންޓް