ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް، ޗައިނާގައި މޯލްޑިވިއަންގެ އައު އޮފީހެއް ހުޅުވައިފި

ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގައި ގައުމީ އެއާލައިންގެ އައު އޮފީހެއް ހުޅުވުން... ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގައުމީ އެއާލައިނުން ބުނެއެވެ.

ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގައި ގައުމީ އެއާލައިންގެ އައު އޮފީހެއް ހުޅުވުން... ފޮޓޯ/ މޯލްޑިވިއަން

ބެއިޖިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ.

މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ.

ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގައި ގައުމީ އެއާލައިންގެ އައު އޮފީހެއް ހުޅުވުން... ފޮޓޯ/ މޯލްޑިވިއަން

އޭގެ ތެރޭގައި ބެއިޖިން އަދި ޝަންހާއީ ފަދަ ސިޓީތައް ހިމެނެއެވެ. އެ އެއާލައިނުން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.

މި އޮފީސް ހުޅުވުމާ ގުޅިގެން މޯލްޑިވިއަންއިން ފާހަގަކުރި ގޮތުގައި، މިއީ ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ވަރުގަދަކޮށް، އެ ގައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި އޮފީހުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް