އަބްދުﷲ ގާޒީއާއި ތިން ފަނޑިޔާރުންގެ މައްޗަށް ރައީސް ނަޝީދު އަބުރުގެ ދައުވާ ކުރައްވަނީ

ޝަރީއަތަށް ފަހު ރައީސް ނަޝީދު ފުލުހުންނާއެކު ވަޑައިގަންނަވަނީ: ފޮޓޯ: އޭޕީ/ ހުސައިން ސިނާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި، އިސް ގާޒީ ހައްޔަރުކުރި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓަށް ދެއްވާފައިވާ ބަޔާނުގައި ސޮއިކުރެއްވުމަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށް ބުނެ، މިމަހުގެ 23 ވަނަ ދުވަހު އެ ކޯޓުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

"މި މައްސަލައިގެ ފުރަތަމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށްފަހުގައި، ރައީސް މުހައްމަދު ނަޝީދު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ އުފައްދާފައިވާ ލިޔުމެއް ރައީސް މުޙައްމަދު ނަޝީދުއަށް ދެއްކެވިއެވެ. އެދުވަހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެލިޔުމަކީ އެމަނިކުފާނު އެދުވަހު ކޯޓުގައި ދެއްކެވި ވާހަކަތަށް ބަޔާންކުރާ ލިޔުމެއް ނޫންކަމަށެވެ. އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތަށް ހިމަނައި، އެލިޔުން އިސްލާހުކޮށްދެއްވުމަށް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތެވެ. މިއަދާ ހަމައަށްވެސް ކްރިމިނަލް ކޯޓުން އެކަން އެގޮތަށް ނުކުރައްވައެވެ،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ލައްވައި ބަޔާނުގައި ސޮއިކުރަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ބަޔާނުގައި ސޮއިކުރެވޭނީ ގާނޫނީ ވަކީލުންގެ ހާޒިރުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ބަޔާނުގައި ސޮއިކުރަން ކޯޓުގެ މުވައްޒަފަކު އެންގުމުން "ކަނބުލޯއޭ ތިކަން ކުރަން ނޫޅުއްވާށޭ" ވިދާޅުވެ، ބަޔާނުގައި ސޮއިކުރައްވަން ރައީސް ނަޝީދު އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ނިންމަވައި، ސިފައިން މެދުވެރިކޮށް އިސް ގާޒީ ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސް ބަހައްޓާފައިވާތީ އެވެ.

ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ގާޒީ ސުޖާއު އުސްމާނާއި ގާޒީ އަބްދުﷲ ދީދީގެ އިތުރުން ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.

comment ކޮމެންޓް