"ހިނގާމަގު ބަލަންވާނޭ!"

މީގެ ދެތިން ހަތަރު ދުވަހެއް ކުރީން ދިމާވި ކަމެކެވެ. އެއީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. މިހެން ބުނިއިރު، މާލޭގައި މިނޫން މަގެއް މިހާރު ނޯންނާނޭކަން ވެސް އެނގެއެވެ. އެހެންނަމަވެސް މިބުނާ މަގަކީ އޭގެތެރެއިން ވެސް ފާހަގަކޮށްލެވޭ މަގެކެވެ. އެއްކޮޅަށް ދުއްވާ މަގެކެވެ. މާ ފުޅާމަގެއް ވެސް ނޫނެވެ. މިވަރުން ދެން ފުއްދާލަމާ ހިނގާށެވެ.

މަގުހުރިގޮތަށް ސައިކަލެއް ދުއްވާފައި ދެއެވެ. އެންމެ ސައިކަލެއް ނޫނެވެ. އެތައް ސައިކަލެކެވެ. ކާރާއ ޕިކަޕެވެ. ފުލުފުލުންނެވެ. އިރުކޮޅަކުން ފެނުނީ މަގުގެ އަނެއްކޮޅުން ޒުވާން ކުއްޖަކު މޮބައިލް ފޯނަކާ ކުޅެމުން އަންނަތަނެވެ. ދުވާރު ދޫކޮށްލުމަށްފަހު، ޕާކުކޮށްފައިވާ ސައިކަލުތަކުގެ ވެސް ބޭރުން، ގާތްގަނޑަކަށް މަގުގެ މެދުން ކަހަލަ ގޮތަކަށެވެ. އޭނާ ހިނގަމުން އައީ ދެއަތުން މޮބައިލް ފޯނުގައި ހިފައިގެން އެއާ "ކުޅެމުން"ނެވެ. މޮބައިލްފޯނުން ކުޅެމުން، ނުވަތަ ބަލަމުން އެ އަންނަ އެއްޗެއް ފިޔަވައި އެހެން ޚިޔާލެއް، ފިކުރެއް، އޭނާގެ ސިކުނޑީގައި އޮންނާނޭ ހެނެއް ހިއެއް ނުވެއެވެ. ހިނގަމުން އަންނަ މަގަކީ ކިހައި ބާރު ބޮޑު މަގެއްކަން ވެސް އޭނާގެ ފިކުރަކު އޮންނާނެއެކޭ ހިތެއް ނުބުނެއެވެ. މަގުގައި ދުއްވަމުން ދިޔަ އެއްޗިއްސަށް އޭނާގެ ސަމާލުކަމެއް އެއްވެސް ވަރަކަށް ނުހުއްޓެއެވެ. އޭނާއަށް ޖެހިދާނެ ހާލަކަށް ވިސްނާން ޖެހިފައި ވަނީ ދުއްވަމުން ދިޔަ މީހުންނަށެވެ.

ތަންކޮޅަކަށް އައިސްފައި ހަމަ ކުއްލިއަކަށް އެ ހިނގައިގަތީ މަގު ހުރަސްކޮށް އަނެއް ފަރާތަށް ދާށެވެ. އޭރު ފުދޭވަރެއްގެ ހަރު ދުވެއްޔެއްގައި އެ ދިމާއަށް ސައިކަލެއް ދުއްވާފައި ދެއެވެ. ކުއްލިއަކަށް އެ ސޮރު ގެނައި މި ހަރަކާތުގެ ސަބަބުން، ސައިކަލުގައި އިން މީހާއަށް ވެސް ލިބުނީ ކުއްލި ސިހުމެވެ. އަވަސް އަވަހަށް ދެ ބުރަތްކަށް އެއްފަހަރާ ފިތާލައިފިއެވެ. ފުރޮޅުން މަގުމަތީގައި ކަޅު ރޮނގެއް ދަމާލުމަށްފަހު އެ ސޮރުގެ ގަޔަށް ސައިކަލު ނާރާ މައިތިރިވީ ހަމަ ކިރިޔާއެވެ. މީގެ މަޖާ ތަންކޮޅަކީ، މީހަކު އޭނާއަށް ޓަކައި "ޤުރުބާން" ވަމުން ދިޔައިރު، އޭނާ ހަމަ ކަހާތަން ހިރުވާ ވެސް ނުލައެވެ. އެ ދިޔަ ގޮތަކަށް ދިޔައީއެވެ. އަތުގައި އޮތް ފޯނާ ކުޅެމުން ކުޅެމުންނެވެ.

މި ފަދަ ކިތަންމެ ކިތަންމެ މަންޒަރެއް އެކި މީސްމީހުންނަށް ފެނިފައި ހުންނާނެއެވެ. މަގެއްމައްޗަށް ނިކުމެ، ނިކަން ކޮޅުކޮޅަށް ނަޒަރު ހިންގައިލަބަލާށެވެ! ފަސްވަރަކަށް މިނެޓް މަޑުކޮށްލިޔަސް، ޚިޔާލެއް ފިކުރެއްނެތި، ފޯނާ ކުޅެމުން، ހިނގަމުން އަންނަ އެތައް ބަޔަކު ފެންނާނެއެވެ. މޮބައިލްފޯނާ ކުޅެމުން، ބަލަމުން ހިނގާ ޒުވާން އަންހެން ކުދީންނެވެ. ފިރިހެން ކުދީންނެވެ. މެދު އުމުރުގެ މީހުންނެވެ. މަދުން ނަމަވެސް ދުވަސްވީ މީހުން ވެސް ފެންނާނެއެވެ. ބިދޭސީން ފެންނަ މިންވަރުވެސް މަދުވާނެއެކޭ ނުބުނެވޭނެއެވެ.
ކަމަކީ އޭގެ ޒާތުގައި ކުޑަކުޑަ ކަމެއް ނޫނެވެ. މޮބައިލްފޯނުން ނެޓަށް ވަދެގެން، ނޫންނަމަ ކޮންމެވެސް ގޭމެއްގެ ފޯރީގައި ޖެހިގެން ހުރެ، މާލެ ކަހަލަ ރަށެއްގެ މަގެއްގެ މަތީގައި ހިނގަމުން ދިޔުމަކީ، ފަހަރެއްގައި ވެސް ރައްކާތެރި ކަމެއް ނޫނެވެ. އޭގެ ނުރައްކާ އޮތީ ހަމައެކަނި އެހެން މީހުންނަކަށް ނޫނެވެ. ތިމާއަށް ވެސް ކިތަންމެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެއެވެ. ލިބިފައި ވެސް އެބަހުއްޓެވެ. މި ބުނަނީ މަގުމަތީގައި ފޯނު ނުކުރާށޭކޭ ނޫނެވެ.

އެއް ދުވަހަކު ރައްޓެއްސަކަށް ދިމާވި ކަމެކެވެ. މަގު ހިނގާ މީހުންނަށް ބެލުމެއްނެތި ދުވާރުމަތިން ފޯނާކުޅެމުން ހިނގާފައި އަންނަ މީހަކު ފެނިއްޖެއެވެ. އޭރު އެކުވެރިޔާ ވެސް އައީ ހަމަ އެ ދުވާރު މަތިން ހިނގާފައެވެ. ދެ މީހުން މަގުގެ ދެކޮޅުންނެވެ. ފިހާރައަކަށް ވަދެލާފައި އެކުވެރިޔާ ނިކުތް ވަގުތު، ކޮންމެވެސް މީހަކު އައިސް އޭނާގެ ގައިގައި ލައިގެންފިއެވެ. ބަލައިލިއިރު އެއްކަލަ ސޮރެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގާފައި އައި ސޮރެވެ. ޖެހުމާއެކު އެ ސޮރު އަތުގައި އޮތް ފޯނު ވެއްޓިއްޖެއެވެ. ފޯނާއި މަތިގަނޑާއި ބެޓެރިއާ ތިނެތި އޮތީ ތިިން ތަނުގައެވެ. ނަގައި ބެލިއިރު ފޯނުގެ އިސްކިރީން ވަނީ ރެނދުލާފައެވެ. ފޯނުގެ ވެރި ޒުވާނާ ރުޅިއައީ އެކުވެރިޔާދެކެއެވެ. އޭނާ ހަޅޭއްލަވައިގެންފިއެވެ. ކަނަށް ބީތާއަށް ގޮވައިފިއެވެ. އޭނާ މަސައްކަތްކުރީ އެކުވެރިޔާގެ ބޮލުގައި އެކަން އަޅުވައިގެން ފޯނެއް ހޯދާށެވެ. ޒުވާނާ މައިތިރިވީ އެތަނަށް މީހުން އެއްވެ އޭނާއަށްވުރެ އަޑުގަދަ ކޮށްގަތުމުންނެވެ.

މި ހާދިސާގައި ފޯނު ހިފައިގެން ހިނގި މީހާއަށް މިއޮތީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ. މަގުމަތީގައި، އެތައް ބަޔެއްގެ ކުރިމަތީގައި ހަޅޭއްފަޅޭއް ޖަހައި، ގަޔަށް އަތްލާ ހިސާބަށް ގޮސްގެން ވެސް ފޯނާ ހަވާލުވާނެ މީހަކު ނުވިއެވެ. އެހެންކަމުން މިފަދަ ކޮންމެ ދަނޑިވަޅަކީ ފޯނު އާކޮށްލެވޭނެ ފުރުޞަތެއްކަމަށް ނުބަލާށެވެ. ފަހަރެއްގައި ކަން ދިމާވާ ގޮތަކުން، މިފަދަ ހާލަތެއްގައި، މިއަށްވުރެ ބޮޑު ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން މަގުމައްޗަށް ނިކުތުމަށްފަހު އަބަދުވެސް ސަމާލުކަން ދިނުން އެދެވިގެން ވަނީ، މަގުމަތީގައި އުޅޭ މީހުންނާއި ދުއްވާ ތަކެއްޗަށެވެ.

މަގުމަތީގައި އުޅޭވަގުތު، އަތުގައި ފޯނު އޮތަސް އެ ނަގައިގެން އުޅޭއިރު ވިސްނާން އެބަޖެހެއެވެ. ތިމާއާއި އެހެން މީހުންގެ ރައްކަލަށް ޓަކައެވެ. ފޯނުން އެއްޗެއް ބަލައިލާން ނުވަތަ އެހެންވެސް ކަމެއްކޮށްލަން ޖެހިއްޖެ ހާލަތެއްގައި، މަގުގެ އެއްފަރާތެއްގައި މަޑުކޮށްލާށެވެ. މީހުންނަށް އުނދަގޫ ނުވާނެ ކަހަލަ ގޮތަކަށެވެ. އެއަށްފަހު އެކަމެއް ނިމުމުން ފޯނު ޖީބަށްލުމަށްފަހު ނޫނީ، ހިނގައިނުގަންނާށެވެ. ޚާއްޞަކޮށް މަގު ހުރަސްކުރާނަމަ، މަގުގެ ދެކޮޅަށް ރަނގަޅަށް ބެލުމަށް ފަހު ނޫނީ ހުރަސް ނުކުރާށެވެ. ހުރިހައި ގޮތަކުން، ހުރިހައި މީހުންނަށް ވެސް ރައްކާތެރިވެފައި، ފައިދާ ބޮޑީ، މަގު ހިނގާ މީހުން ވެސް ފޯނާ ނުކުޅެ މަގަށް ސަމާލުކަން ދީގެން ހިނގުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް