މީގެ ހައެއްކަ އަހަރު ކުރީގެ ހަނދާނެކެވެ. އެއްދުވަހަކު ރައްޓެއްސަކު ބުނެލިއެވެ. ހުކުރު ދުވަހު ކިޔާ ހުކުރު ޚުތުބާ މިއީ އަޅެ ފަހެ ބާވާލައްވާފައި އޮތް އެއްޗެއް ހެއްޔެވެ؟ ކިހިނެއްވީހޭ އަހައިލުމުން ބުނީ އެއަށް ބަދަލެއް ނުގެންނަ ވާހަކައެވެ. ޚުތުބާ ފެށުމާ އެކު، މުޅި ޚުތުބާ ހަނދާނަށް އަންނަ ވާހަކައެވެ. އިންތިޒާރު ކުރާނެ އެއްވެސް އެއްޗެއް އޭގައި ނޯންނަ ވާހަކައެވެ. އަބަދު އެއް ޚުތުބާތަކެއް އިވިއިވި، ހިތުދަސްވެފައިވާ ވާހަކައެވެ. އަޅެ މިޔަށް ބަދަލެއް އަންނާނީ ކޮން ދުވަހަކުންބާވައެވެ؟

އެކުވެރިޔާގެ އެ ސުވާލަށް އެދުވަހު ޖަވާބެއް ނުދެވުނެވެ. އެއީ ސަރުކާރުން ކުރާ ކަމެކެވެ. ބަދަލު ކުރާނީ ވެސް އެކަމަށް ހަމަޖެހިފައި އޮންނަ މުވައްސަސާއަކުންތާއެވެ. އެކުވެރިޔާގެ ވާހަކައަށް ތާއީދު ކުރީމެވެ. އޭނާ އިތުރަށް ބުނެލިއެވެ. ފެނޭހެއްޔެވެ؟ ޚުތުބާ ފެށުމާއެކު ގިނަ މީހުން ފަށާނީ ނިދާށެވެ. ނުނިދާން އިންނަ މީހާ ގާތަށް ވެސް އަންނާނީ ނިންޖެވެ. ނިދި ނާންނަ މީހާވެސް އިންނާނީ ކޮންމެވެސް އެހެންކަމަކަށް ވިސްނާށެވެ. ބައެއް މީހުން ބޮޑުވާހަކަ ފަށައިގެން ވެސް ތިބެދާނެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަހައި އަހައި ބާވެފައި ހުރި ވާހަކަތަކެކެވެ. ހިތުދަސްވެފައި ހުރި އިބާރާތްތަކެކެވެ.

ހަމަ އެ އެކުވެރިޔާއާ ދާދި ފަހުން ދުވަހަކު ދިމާވެއްޖެއެވެ. ދެކެވުނު ވާހަކަ ތަކެއްގެ ތެރެއިން ބުނެފީމެވެ. ހުކުރު ޚުތުބާއާ ބެހޭގޮތުން އެއް ދުވަހަކު ދެއްކި ވާހަކަތަކެއް ހަނދާންވޭ ހެއްޔެވެ؟ މިހާރު މިވަނީ އެދުވަހު ދެއްކި ވާހަކަތަކަށް ހައްލެއް ލިބިފައި ނޫންހެއްޔެވެ؟ މިހާރު ކޮންމެ ހުކުރު ޚުތުބާއަކީ އައު ޚުތުބާއެކެވެ. އެ ދުވަސްވަރަކާ ނުހަނު ގުޅުން ހުރި މުނާސަބު ޚުތުބާއެކެވެ. ޝައުޤުވެރިކަމާއެކު އަޑުއަހައިލެވޭ ފަދަ ގޮތަކަށް ލިޔެފައި ހުންނަ ޚުތުބާއެކެވެ. އޭނާ ބުނެލިއެވެ. އާއެކެވެ. މިހާރު ރަނގަޅަވެ. ކިތަންމެ ހައިވެސް ރަނގަޅެވެ. މިކަން ކުރަން ޖެހޭ ގޮތަކީ މިއެވެ. މިހާރު ހުކުރަށް ގޮސް ޚުތުބާ ކިޔައިގަޑީގައި ނިދާ މީހުނެއްވެސް ނުފެނެއެވެ. މި ހެޔޮ ބަދަލު ގެނައިބަޔަކަށާއި އެކަން ދަމަހައްޓަމުން ގެންދާ ބަޔަކަށް، ފަށްފަށުން ޝުކުރިއްޔާއެވެ.

އެކުވެރިޔާގެ އެ ބުނުމަކާ ދެކޮޅެއް ހަދާކަށް ނެތީމެވެ. އެހެންނަމަވެސް މުޅިއަކުން އެއްބަހެއް ވެސް ނުވެވޭނެއެވެ. މިހާރު ވެސް އެމަންޒަރު ތަކުރާރުވެއެވެ. ޚުތުބާ ކިޔަމުން ގެންދާއިރު، ނިދި އައިސްފައި ތިބޭ މީހުންނާ ދިމާވެއެވެ. ލޯ މެރިފައި ތިބޭ މީހުން އަޅައިގަނެވެ. ތާއްޔާޖެހޭ މީހުން ވެސް ފެނެއެވެ. ހަމައެކަނި މިކަމެއް ނޫނެވެ. ޚުތުބާ އަޑުއެހުމުގެ ބަދަލުގައި މުޅީން އެހެންކަންކަމަށް މަޝްޣޫލުވެގެން ތިބޭ މީހުން ފެންނަ މިންވަރެއް ވެސް މަދެއް ނޫނެވެ. ޚާއްޞަކޮށް މާލޭގައެވެ. މިސްކިތުގެ އެތެރެއިން ޖާގަ ނުލިބި، ބޭރުގައި ތިބޭމީހުންގެ ތެރެއިން ބައެއް މީހުން، ޚުތުބާ ނިމޭންދެން ބޮޑު ވާހަކައިގައި ތިބޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.

މާލެކަހަލަ ބައިބޯ ރަށަކުން، އެންމެންނަށް މިސްކިތުގެ އެތެރެއިން ޖާގައެއް ހޯދުން ފަސޭހަކަމަކަށް ނުވެއެވެ. ބައެއް މީހުންނަށް ތިބެންޖެހެނީ ބޭރުގައެވެ. ބޭރުގައި ތިބޭ މީހުންނަށް ވެސް ދަތިކަމެއް ނެތި ޚުތުބާ އަޑުއަހައިލެވޭނެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަގޮތުން، ޚުތުބާ އަޑުއަހަން ބޭނުންވާ މީހާއަށް ވެސް ދަތިވާތަން ފެނެއެވެ. ވާހަކަ ދެއްކުމާއި ހުނުމާއި ސަމާސާކުރުން އޮންނަ މިންވަރުގެ ބޮޑުކަމުންނެވެ.

މިއީ އެއްގޮތަކަށް ވެސް މިކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ޚުތުބާ އަޑުއެހުމަކީ، އެއަށްވުރެ މާ، މާތްކަން ބޮޑު، މުހިންމު ކަމެކެވެ. ކަމުގެ މުހިންމު ކަމާއި ބޮޑުކަން ނިކަން އިޙުސާސްކޮށްލަބަލާށެވެ. ޚުޠުބާ ކިޔާ ގަޑީގައި ހަނުހުރުމަށް ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީސްތަކުންނަށް އަމުރު ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވަނީ، އިމާމާ ޚުޠުބާ ކިޔަން ހުއްޓާ، ތިބާގެ އަޚާގެ ގާތުގައި ހަނުހުންނާށޭ ބުނުމަކީވެސް، ބޭކާރުވާހަކަ ދެއްކުން ކަމަށެވެ. ހަމަ އެހެންމެ ޚުޠުބާ ކިޔަމުން ދާ ގަޑީގައި މީހާކު ސަލާމް ގޮވާފައި، ސަލާމަށް އަތްދިއްކޮށްލި ކަމަށްވިޔަސް، އަނގައިން ސަލާމް ބަލައި ނުގަނެ، އެމީހާގެ އަތުގައި ހިފައި ސަލާމްކޮށްލުމަށެވެ. މިއިން ކޮންމެ ކަމަކުން ވެސް ދޭހަވަނީ، ޚުތުބާ ކިޔަމުންގެންދާ ވަގުތު، ހަނުހިމޭނުން ތިބުމުގެ މުހިންމު ކަމެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިކަންކަމަށް ދޭ ސަމާލުކަން ކުޑަކަމެވެ.

ގަބޫލުކުރަމެވެ. ބައެއް ކަންކަން ބައެއް މީހުންނަށް ކުރެވެނީ އެކަމެއްގައި އޮންނަ އުޞޫލާއި ހަމަ ނޭނގޭތީއެވެ. ރަނގަޅު ގޮތާއި ގޯސްގޮތް ވިސްނައިގަންނަން ނޭނގޭތީއެވެ. ނުވަތަ އެއީ ކިހައިވަރެއްގެ ކަމެއްކަން ވެސް ނޭނގޭތީއެވެ. މިއާޚިލާފަށް އެނގިތިބެ ކުރާ މީހުން ވެސް އުޅެއެވެ. އެހެންކަމުން މިފަދަ ކަންކަމާ ދޭތެރޭ މިހާރަށް ވުރެ ފުންކޮށް ވިސްނައި، މިކަންކަން އިޞްލާޙުކުރުމަށް ހުރިހައި އެންމެން ވެސް މަސައްކަތް ކުރާށެވެ! ތިމާގެ އަމިއްލަ ފައިދާއަށެވެ. އެހެން މީހުންނަށް ޓަކައި ވެސް މެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް