އުތުރު ތިލަފަޅަށް "ސިފަވަރު"ގެ ނަން ދީފި

ސިފައިންގެ ވެލްފެއާ ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑަށް ހަދާފައިވާ ބަދަނދަރާއި އެ ރަށުގައި އަޅާފައިވާ މިސްކިތް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

އުތުރު ތިލަފަޅުގެ ނަން "ސިފަވަރު" އަށް ބަދަލުކުރުމާއި، އެ ރަށުގައި ހަދާފައިވާ "ކަލާސީ ބަނދަރު" އާއި އެ ރަށުގައި އަޅާފައިވާ 100 މީހުންގެ ޖާގައިގެ މިސްކިތް ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ހަރަދު ނުކޮށް، ސިފައިންގެ ވެލްފެއާ ބަޖެޓުން ހަރަދުކޮށްގެން މިފަދަ ބިޔަ މަޝްރޫއެއް ހިންގުމަކީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ.

"މިރަށުގެ ބިން ހިއްކުމަކީ ކޮންމެ ވެސް ވަރެއްގެ ޗެލެންޖަކަށް ވެދާނެ. އެއީ ސަރުކާރުގެ ބަޖެޓުގެ ބޭރުން ކުރާ ކަމަކަށް ވާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުގެ މުހިންމު ކަމަށް ބައްލަވައި، އެތަނުގެ ބިން އަވަހަށް ހިއްކައި ނިންމުމަށްޓަކައި ސަރުކާރުން ކޮށްދެވެން ހުރި ހުރިހައި ކަމެއް ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ، މިއީ ސިފައިންގެ އެންމެ ވަރުގަދަ އެއް "ވަރު" ކަމަށްވާ ކަނޑުގެ ސިފައިންނަށް "ހޯމްއެއް" ހޯދައިދިނުމަށް ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހެން ފެށި ދުވަސް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މިއަދު މި ހުޅުވުނު ކަލާސީ ބަނދަރު މުސްތަގުބަލުގައި ބޭނުން ކުރާނީ، ފިއުލިން ޕޮއިންޓެއްގެ ގޮތުގައި ކަމަށާއި އަދި ކޯސްޓްގާޑުގެ ހަގީގީ ބަނދަރު ހެދިގެންދާނީ، ސިފަވަރުގެ އުތުރު ފަރާތުގައި ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު، ކާނަލް ރޓ. މުހައްމަދު ނާޒިމް ވިދާޅުވީ، އުތުރު ތިލަފަޅުގެ މަޝްރޫއު ނިމިގެންދާއިރު، ސިފައިންނާއި ފުލުހުންނަށް، ލިބެންޖެހޭ ބޯހިޔާ ވަހިކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެރަށް ބިނާވެގެންދާނީ، އެމްއެންޑީއެފްގެ މިޝަން ހާސިލްކުރުމަށް މަގުފަހިކޮށްދޭ އަދި ސިފައިންގެ ވެލްފެއާ ނިޒާމް ހަރުދަނާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ، ސިފަވަރުގެ މަޝްރޫއު ނިމިގެންދާއިރު އެ ރަށުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބޭސް އަކާއި، ޑޮކްޔާޑާއި ސްލިޕްވޭ އާއި ވެއާ ހައުސްތަކާއި އެހެނިހެން ހިދުމަތްތަކާއެކު ބަންކަރިންގެ ހިދުމަތް ވެސް ގާއިމްވެގެންދާނެ ކަމަށެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެކިފެންވަރުގެ ހޮޓާތަކާއި ޔޮޓްމެރީނާއެއް ވެސް ހެދިގެން ދާނޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ޕްރޮޖެކްޓާއެކު ސިފައިންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ، ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ސިފައިންގެ ކަންކަން ކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްއެންޑީއެފްގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ތިލަފަޅު ތަރައްގީވެގެން ދާއިރު، ސިފައިންނާއި އާންމުންނާ ދެމެދު އޮތް ގާތް ގުޅުން ވެސް ވަރަށް ބޮޑަށް ފާހަގަވެގެން ދާކަމަށެވެ. އެގޮތުން އަމިއްލަ ފަރާތެއް ކަމަށްވާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން ދީލަތި އެހީތަކެއް ވެދެއްވާފައިވާ ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"މިރަށުގައި އެންމެ ފުރަތަމަ އިމާރާތްކުރެވުނު މިސްކިތް، އަދި ކަޅުތުއްކަލާގައި މިހާރު އިމާރާތްކުރެވެމުންދާ މިސްކިތް، ބޭފުޅަކު ވަނީ ސިފައިނަށް ހަދިޔާކުރައްވާފައި. އަދި މި ރަށުގެ މަސައްކަތް އިތުރަށް ހަލުއިކުރުމަށްޓަކައި ލޯޑަރެއް ހަދިޔާކޮށްދީފައިވާ ކަންވެސް އަޅުގަނޑު ފާހަގަކުރަން،" ނާޒިމް ވިދާޅުވިއެވެ.

ސިފައިންގެ ވެލްފެއާ ކޮމްޕެނީ "ސިވެކް" އާއި އެކު 17 ޖުލައި 2013ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އުތުރު ތިލަފަޅުގައި އެއް ހެކްޓަރުގެ ބިން ހިއްކާފައިވަނީ، ސީޕީއެސް މޯލްޑިވެސް އިންނެވެ.

ފަސް ފިޔަވައްސަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އުތުރު ތިލަފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުނު އިރު އެތަނުގައި ވަނީ، 1.8 ހެކްޓަރުގެ ބިން ހިއްކައި ފުޅާމިނުގައި 121 މީޓަރު، ދިގުމިނުގައި 125 މީޓަރު ހުރި ހަމީޓަރުގެ ފުން ބަނދަރެއް ވެސް ހަދާފައެވެ. އަދި 34 މީޓަރު ފުޅާ ނެރެއް ވެސް އެރަށުގައި ވަނީ، ހަދާފައެވެ.

comment ކޮމެންޓް