ޣައްސާންގެ މެސެޖެއް: "ސިޔާދަތަށް އަސަރު ފޯރުވަނީ ހަމައެކަނި ހަތިޔާރަކުން ނޫން، ރައްކާވެ ތިބިއްޔާ ދަތުރެވެ."

ޣައްސާން މަޢުމޫން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ސިފައިންގެ ރަސްމިއްޔާތެއްގައި-- ފޮޓޯ: ރައީސް އޮފީސް

އަދުގެ ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަތްގަދަ ކުރަނީ ހަމައެކަނި، ކަނޑިބަޑިން ނޫން ކަމަށާއި، އެހެންކަމުން ރައްކާވެ ތިބެން ޖެހޭކަމަށް ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ނޮވެންބަރު 3، 1988ގައި ދިވެހީންތަކަކާއި ލަންކާގެ ކުލީ ސިފައިންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ތަޖުރިބާކުރެއްވި ޣައްސާން އެފަދައިން ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ހިއްސާކުރައްވައި އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އެ ހަމަލާ ދިންއިރު ޣައްސާނަށްވީ އަށް އަހަރު ކަމަށްވާއިރު، މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓުގައި އޭނާ ވަނީ، ތުއްޕުޅު އިރު، ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ އަރިހުގައި ހުންނެވި ތަސްވީރެއް ވެސް ހިއްސާކުރައްވައިފައެވެ.

ޣައްސާން ވިދާޅުވީ ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ލެއާއި ފުރާނައިން ގުރުބާން ވެގެން ގައުމު ސަލާމަތް ކުރި ފަދައިން، ﷲގެ ރަހްމަތްފުޅާއިއެކު މިއަދު ވެސް ދިވެހި ސިފައިން ގައުމު ހިމާޔަތް ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ދިފާއީ ވަޒީރުކަން ކުރެއްވި ޣައްސާން ވަނީ، ދިވެހި ސިފައިންގެ އިޚްލާސްތެރިކަމާއި ހިތްވަރާއި އަޒުމު ގާތުން ދެކެވަޑައިގަތުމުގެ ފުރުސަތު ލިބިފައިވުމުން، ސިފައިންނާ މެދު ފަޚުރުވެރިވެ، އެކަން ހިއްސާކުރަނީ ނުހަނު ލޯތްބާއެކު ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އަދުގެ ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަމަށާއި، އަމިއްލަވަންތަކަމާއި، އެއްބައެއްވަންތަކަމަށާއި، ސިޔާދަތާއި އިސްތިގުލާލަށް އަސަރު ފޯރުވަނީ ހަމަ އެކަނި ހަތިޔާރުން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމަ އެކަނި ބޭރަކުން ވެސް ނޫން. ހަމައެކަނި ދުޝްމަނުންގެ ގޮތުގައި އަޅުގަނޑުމެން ދެކޭ ފަރާތްތަކަކުން ވެސް ނޫން. ހަމައެކަނި ގައުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގެއްލުން ލިބިދާނެކަމަށް ފެންނަ ކަންކަމަކުން އެކަޏެއްވެސް ނޫން. ރައްކާވެ ތިބިއްޔާ ދަތުރެވެ.
ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން

ނޮވެންބަރު ތިނެއްގެ ހަމަލާ އަމާޒުކުރީ އޭރުގެ ރައީސް މައުމޫނަށް ކަމަށްވާއިރު، އޭރު އެ މަނިކުފާނާއި އަނބިކަނބަލުންގެ ނަސްރީނާ އިބްރާހީމްގެ ހަތަރު ބޭފުޅުންގެ ތެރެއިން ގައުމުގައި ހުންނެވީ އެންމެ ހަގު ދަރިކަލުން ކަމަށްވާ ޣައްސާނެވެ.

އެ ދުވަހުގެ ފަތިހު ޓެރަރިސްޓުން މާލެ އަރައި ހަމަލާ ދޭން ފެށިއިރު މައުމޫނާއި ނަސްރީނާއީ ޣައްސާން ތިއްބެވީ ރިޔާސީ ގަނޑުވަރުގައެވެ. ނަމަވެސް ބަޑީގެ އަޑު އިވިވަޑައިގަތުމުން އެ ބޭފުޅުން ތީމުގޭގެ ވަލުދޮރާށިން ނުކުމެވަޑައިގެން، ކައިރީގައި ހުރި ގެއަކަށް ވަޑައިގަތީއެވެ.

އެ ގެއަށް ވަޑައިގަތް މަގުމަތީގައި ދެ ހަނގުރާމަވެރިންގެ ކުރިމައްޗަށް ޖެހިވަޑައިގަތް ޣައްސާން މީގެ ކުރިން، އެ ބިރުވެރި ތަޖުރިބާ އެކި ފަހަރު މަތިން ހިއްސާކުރައްވައިފައިވެއެވެ. އަދި ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވިއިރު، ނަސްރުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރެއްވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން މި ސަރުކާރުން ހިންގަން މަސައްކަތް ކުރާ ބިޔަ މަޝްރޫއާ ގުޅުވައި، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އިދިކޮޅުން އަންނަނީ ސިފަކުރަމުންނެވެ. ޚާއްސަކޮށް، އެއީ އިސްރާއީލު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވާން ދެވޭ ފުރުސަތެއްގެ ގޮތުގައި، މަޝްރޫއާ ދެކޮޅު މީހުން ސިފަކުރެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރަސްމާލޭގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް