ރައްޔިތުންގެ މަޖިލިސް ހަގީގީ ރައްޔިތުންގެ މަޖިލިހަކަށް ހެދުން

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި 77 މެންބަރު އެބަތިއްބެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސްތަކުގެ ޖުމުލަ މިހާރު ވެސް އުޅެނީ 80000 ދިވެހި ރުފިޔާއަށް ވުރެ މަތީގައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް މުސާރަ ދިނުމަށް އެކަނި ދައުލަތުގެ ބަޖެޓުން އަހަރަކު 74 މިލިއަން ރުފިޔާ އެބަ ހޭދަ ވެއެވެ. މަޖިލިހުގެ މެންބަރުންގެ އަދަދު އިތުރު ވާ ގޮތަށް ގާނޫނުއަސާސީ ހެދިފައި އޮތް މި ގައުމުގައި، ކުރިޔަށް އޮތް ތަނުގައި މި އަދަދު ދާނީ އިތުރު ވެސް ވަމުންނެވެ.

މިވަރުގެ ބޮޑު މުސާރައެއް ދެވޭ މެންބަރުންގެ 77 މީހުން ތިބޭ ގާނޫނު ހަދާ މަޖިލިހެއް ގެންގުޅުމަކީ ދިވެހިރާއްޖެ ފަދަ ފަގީރު ގައުމަކަށް ނުއުފުލޭ ފަދަ ބުރައެއް ކަން ގަބޫލު ނުކުރާ ދިވެއްސަކު މިއަދު މަދު ވާނެއެވެ. މަޖިލިހުގެ މެންބަރުންގެ އަދަދު ކުޑަ ކުރާން ޖެހޭކަން މުޅި ގައުމު ކަހަލަ ގޮތަކަށް ގަބޫލު ކުރެއެވެ. ނަމަވެސް ހިތާމައަކީ އެކަން ކުރުމަށް ޓަކައި އެއްވެސް އަމަލީ މަސައްކަތެއް ނުކުރެވޭ ކަމެވެ. ރައްޔިތުންގެ މަންދޫބުން ވެސް، އަދި ރައްޔިތުން ދެކެ ލޯބި ވާ ކަމަށް ބުނާ ޕާޓީތަކުން ވެސް އެކަމަށް ޓަކައި އެއްވެސް މަސައްކަތެއް ނުކުރެއެވެ.މައްސަލަ އޮތް ތަނުގައި އޮތީއެވެ. ދައުލަތުގެ ޚަޒާނާގެ އިސްރާފުގެ ރެކޯޑު މަތިވަމުން ދަނީއެވެ.

ސިންގަޕޯރަކީ އާބާދީގައި 5.4 މިލިއަން މީހުން ހިމެނޭ ގައުމެކެވެ. އެ ގައުމުގެ ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދަކީ 61046 އެމެރިކާ ޑޮލަރެވެ. ސިންގަޕޯރަކީ އެންމެ ބޮޑު ސައިޒުގެ ގާނޫނު ހަދާ މަޖިލިހެއް ގެންގުޅުމުގެ އިގުތިސާދީ އަދި މާލީ ގާބިލިއްޔަތު ހުރި ގައުމެކެވެ. އެތައް ނަސްލެއްގެ، އެތައް ދީނެއްގެ، އެތައް ބަހަކުން ވާހަކަ ދައްކާ މީހުން އުޅޭ ގައުމެކެވެ. އެ ހުރިހާ ޖަމާއަތްތަކެއް، ގާނޫނު ހަދާ މަޖިލިހުގައި ތަމްސީލު ކުރެވެން ޖެހޭ ގައުމެކެވެ. ނަމަވެސް ސިންގަޕޯރުގެ ޕާލަމެންޓުގައި ތިބީ، ގައުމުގެ އާބާދީގެ ކޮންމެ 55000 ވަރަކަށް މީހުންނަށް މެންބަރެއް މަގުން، ޖުމުލަ 99 މެންބަރުންނެވެ. ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގައި ކޮންމެ 4300 ރައްޔިތަކަށް މެންބަރަކު އެބަ ހުއްޓެވެ. އަޅާ ކިޔައިލައްވާށެވެ!

ދިވެހިރާއްޖެއާ އަޅާކިޔާ އިރު، އާބާދީ ވެސް ތަންކޮޅެއް ބޮޑު، އަދި ރާއްޖެއަށް ވުރެ މުއްސަނދި، ބައެއް އެހެން ގައުމުތަކަށް ބަލައިލަމާތޯއެވެ.

މަކާއޫ އަކީ 591900 މީހުންގެ އާބާދީއެއް އޮންނަ ތަނެކެވެ. ޖީޑީޕީން ބޮލަކަށް 82400 އެމެރިކާ ޑޮލަރު ޖެހޭ މަކާއޫގެ ލެޖިސްލޭޓިވް އެސެންބްލީގައި ތިބެނީ 33 މެންބަރުންނެވެ. ޔޫރަޕުގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށް ވާ ލަގްޒެމްބާރގުގެ އާބާދީ އަކީ 537853 އެވެ. ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދަކީ 79785 އެމެރިކާ ޑޮލަރެވެ. އެ ގައުމުގެ ޗޭމްބަރ އޮފް ޑެޕިޔުޓީޒްގައި ތިބި މެންބަރުންގެ އަދަދަކީ 60 އެވެ. އާބާދީގައި 408786 މީހުން ތިބި، އަދި ޖީޑީޕީން ބޮލަކަށް އަހަރަކު 50440 އެމެރިކާ ޑޮލަރު ޖެހޭ ގައުމެއް ކަމަށް ވާ ބުރޫނާއީގެ ލެޖިސްލޭޓިވް ކައުންސިލް ހިމެނެނީ 36 މެންބަރުންގެ މައްޗަށެވެ.

ކޮމަންވެލްތު އޮފް ބަހާމާސް އަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. ދިވެހިރާއްޖެއަށް ވުރެ ގިނަ އިދާރީ ދާއިރާތައް އެގައުމުގައި ވެއެވެ. އެ ގައުމުގެ އާބާދީ ވަނީ ޖަޒީރާތަކަށް ބެހިފައެވެ.އާބާދީ އަކީ 353658 އެވެ. އެ ގައުމުގެ ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރު މިހާރު ހުރީ 31382 އެމެރިކާ ޑޮލަރުގައެވެ. އެ ގައުމުގެ ޕާރލަމެންޓުގެ މެންބަރުންގެ އަދަދަކީ 54 އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި 77 މެންބަރުން ތިބޭން ޖެހެނީ، ރާއްޖޭގެ 200 ރަށުގައި މީހުން އުޅެފައި، ވީހައި ބޮޑަކަށް ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ސީދާގޮތެއްގައި މަޖިލިހުގައި ތަމްސީލު ކުރެވޭން ޖެހޭތީއެވެ. ނަމަވެސް ދިވެހިރާއްޖޭގެ 200 ރަށުގައި މީހުން ދިރިއުޅުމަކީ، ގައުމުގެ އިގްތިސާދުގެ ނާރަށް ވާން ވެ ކަނޑައިގެން ދާ ފަދަ ބޮޑު ގާނޫނު ހަދާ މަޖިލިހެއް ބާއްވާން ޖެހޭ ސަބަބެއް ކަމަށް އަޅުގަނޑަކަށް ނުފެނެއެވެ.އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި 200 ރަށުގައި މީހުން ދިރިއުޅުމަކީ ވެސް މައްސަލައެކެވެ. 15 ވަރަކަށް ވުރެ ގިނަ ރަށުގައި މީހުން ދިރިއުޅުމަކީ ގައުމީ ތަރައްގީއަށް އޮތް ހުރަހެކެވެ.

ފެހި ގާނޫނުއަސާސީ 2008 ވަނަ އަހަރުގެ އޯގަސްޓު މަހު އައުމުގެ ކުރީން، ދިވެހިރާއްޖޭގައި އޮތް މުސްކުޅި ރައްޔިތުންގެ މަޖިލިހުގައި ތިބީ 48 މެންބަރުންނެވެ. އެއިރު އެ 48 މެންބަރުންނަށް ރައްޔިތުން ނުކުރެވުނު ތަމްސީލެއް، މަޖިލިހުގެ އަދަދު 77 މެންބަރުންނަށް އިތުރު ކުރުމުން، އެބަ ކުރެވޭތޯއެވެ؟ މީގެ ކުރީން އޮތް މަޖިލިހަކީ އެއިރުގެ ސަރުކާރު ބޭނުންވާ ހައި ގޮތަކަށް ނިންމުންތައް ނިންމާ "ރަބަރސްޓޭމްޕް" އިދާރާއެކޭ ބައެއް މީހުން ބުނެފާނެއެވެ. އެހެންވިއްޔާ، މިހާރުގެ މަޖިލިހަކީ "ރައްޔިތުންގެ މަޖިލިސް" ގެ ނަންބޯޑު އަޅުވައިގެން އޮވެ، "ޕާޓީތަކުގެ މަންދޫބުންގެ މަޖިލިސް" އެއްގެ ދައުރު އަދާ ކުރާ، ޕާޓީތަކުގެ "ރަބަރސްޓޭމްޕް އިދާރާއެކޭ" ނުބުނެވޭނެތޯއެވެ؟

ރައްޔިތުންގެ މަޖިލިހުގައި ހުރި ހަމައެކަނި މައްސަލައަކީ އެ މަޖިލިހުގެ މެންބަރުންގެ އަދަދު ގިނަ ވުމާއި މުސާރަ ބޮޑުވުމެއް ނޫނެވެ. މަޖިލިހާ ގުޅިގެން އުފެދޭ އެހެން އެތައް ސުވާލުތަކެއް ވެސް އެބަހުއްޓެވެ.

އިނގިރޭސި ވިލާތަކީ އަލްމާނީ ނުވަތަ "ސެކިޔުލަރ" ދައުލަތެކެވެ. ދީނާއި ދައުލަތް ވަކި ކުރާ ކަމަށް ދައުވާ ކުރާ ދައުލަތެކެވެ. ނަމަވެސް އެ ގައުމުގެ ޕާރލަމެންޓުގެ މަތީގެ "ހައުސް އޮފް ލޯރޑްސް" ގައި އިނގިރޭސި ކްރިސްޓިއަން ފައްޅިތައް ތަމްސީލު ކުރައްވާ، އެ ފައްޅިތަކުން އިޚްތިޔާރު ކުރާ އެންމެ މަތީ ދަރަޖައިގެ 26 ފާދިރީން ތިއްބަވައެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޖުމްހޫރިއްޔާއެކެވެ. ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. ދިވެހިރާއްޖޭގައި ގާނޫނު ހެދޭނީ އިސްލާމީ ޝަރީޢަތާ ހިލާފު ނުވާ ގޮތެއްގެ މަތީން ކަމަށް ދައުލަތުގެ ގާނޫނުއަސާސީގައި ކަނޑައަޅައި ބުނެފައި އެބައޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި ދީނީ އިލްމުވެރީން ތަމްސީލު ކުރެވޭނޭ ގޮތެއް ނެތެވެ. މިވަނީ ކިހިނެއްތޯއެވެ؟

ރައްޔިތުންގެ މަޖިލިހެއް ހަދައި، ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު އެ މަޖިލިހުގައި ބޭއްވުމުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރުމެވެ. ގައުމީ ސިޔާސަތު ރޭވުމާއި ތަންފީޒު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނާނޭ ނިޒާމެއް ގާއިމު ކުރުމެވެ. މަޖިލިހަށް ހޮވާ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. އެހެންވިއްޔާ، ރައްޔިތުން އެ މަންދޫބެއްގެ މަސައްކަތާ ނުރުހުން ވާ ހާލަތުގައި، އެ މަންދޫބު އަނބުރައި ގެނެސް، ރައްޔިތުން އިތުބާރު ކުރާ އެހެން މީހަކަށް އެ ފުރުސަތު ދިނުމުގެ މަގު ފަހިވެފައި އޮންނާން ޖެހެއެވެ. ރައްޔިތުންގެ ވެރިކަން އޮތުމުގެ މާނައަކީ މިއެވެ. ދުނިޔޭގެ އެހެން ބައެއް ގައުމެއްގައި ރައްޔިތުންނަށް އޮންނަނީ މި ފުރުސަތު ދީފައެވެ. "ރިކޯލް އިލެކްޝަން" ނުވަތަ "ރިކޯލް ރިފަރެންޑަމް" ގެ ނަން ދެވިފައި ވާ ނިޒާމެއްގެ ދަށުންނެވެ. ރާއްޖޭގައި މި ނިޒާމު ތައާރަފު ނުކުރަން ވީ ކޮން ސަބަބަކާ ހުރެ ބާވައެވެ! ހަމައެހެންމެ، ވަކި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި، ނުވަތަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަ ކޮށް، އިންތިޚާބު ކާމިޔާބު ކޮށްގެން މަޖިލިހަށް އަންނަ މެންބަރު، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ޕާޓީ ބަދަލު ކޮށް، އެހެން ޕާޓީއަކަށް ދިޔުމަކީ ވެސް ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ނޫން ބާވައެވެ!

އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގައި އޮންނާން ވީ ދެ ގޭގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލިހެކެވެ. އިނގިރޭސި ބަހުން ކިޔާ ގޮތުން ނަމަ، "ބައިކެމަރަލް ލެޖިސްލޭޗަރ" އެކެވެ.

މި ދަންނަވާ ފަދަ މަޖިލިހެއްގައި، މަތީގޭގައި ތިބޭން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ ގިނަވެގެން 15 ވަރަކަށް މެންބަރުންނެވެ. އޭގެ ތެރޭގައި 5 ވަރަކަށް މެންބަރުންނަކީ ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ދީނީ އިލްމުވެރީންގެ ތެރެއިން، ކަނޑައެޅޭ ދުސްތޫރީ އުސޫލުތަކެއްގެ ތެރެއިން ހޮވޭ ބަޔަކަށް ހެދިދާނެއެވެ. މަތީގޭގެ ބާކީ މެންބަރުންނަކީ އެކިއެކި ދާއިރާތަކުން އިލްމާއި ފައްނާއި ތަޖުރިބާގެ ކަންޒުތައް އެއްކޮށްލައިގެން ތިބޭ ޓެކްނޯކްރެޓުން ކަމަށް ކަނޑައެޅިދާނެއެވެ. ޢަސްކަރީ މައިދާނާއި، ފުލުހުންގެ ޚިދުމަތާއި، ސިއްހީ ދާއިރާ އާއި، ވިޔަފާރީގެ ދާއިރާ އާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އާއި، އިޖުތިމާއީ އިލްމުތަކުގެ ދާއިރާ އާއި ގާނޫނާއި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އާއި، ލިޔުންތެރިކަމާއި ބަހުގެ ދާއިރާ އާއި، ތާރީޚު ފަދަ ދާއިރާތަކުން މުޖުތަމައުގެ އެންމެ މަތީ ފަންތީގައި ގުނައިލެވޭ ޓެކްނޯކްރެޓުންނެވެ. މަތީގެއަށް މި ދެންނެވި ފަދަ މެންބަރުން ހޮވޭނީ އިންތިޚާބަކުން ނޫނެވެ. ކަނޑައެޅޭ އެހެން ނިޒާމެއްގެ ދަށުންނެވެ.

ދެ ގޭގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލިހެއް ރާއްޖެއަށް ތައާރަފު ކުރުމަށް ފަހު، މަޖިލިހުގެ ތިރިގެއަކީ "މަންދޫބުންގެ މަޖިލިސް" އެއްގެ ގޮތުގައި ބޭއްވިދާނެއެވެ. މި ގޭގައި ތިބޭ މެންބަރުންގެ އަދަދު 30 އަށް ވުރެ އިތުރު ވާން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.އެއީ ގައުމުގެ ގާތްގަނޑަކަށް ކޮންމެ 10000 ރައްޔިތަކަށް މެންބަރެކެވެ. މިފަދަ ތިރީގެއެއްގައި، ރައްޔިތުން އިންތިޚާބު ކުރާ މެންބަރުންތަކެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ގޮތުގައި ތިނަކަށް ވުރެ ގިނަ ނޫން އަދަދެއްގެ މެންބަރުންނަށް ތިބެވިދާނެއެވެ. އޭގެ ބޭނުމަކީ، ރާއްޖެއަކީ ރިއާސީ ނިޒާމެއް އޮތް ގައުމަކަށް ވުމުން، ރައީސުލްޖުމްހޫރިއްޔާ މަޖިލިހުގައި ތަމްސީލު ކުރެވޭނޭ ގޮތެއް ހެދުމެވެ. ހަމައެހެންމެ، މަޖިލިހަށް މެންބަރުން ހޮވާ އިންތިޚާބުގައި، މަޖިލިހުން ގޮނޑިއެއް ކާމިޔާބު ނުކުރެވޭ ސިޔާސީ ޕާޓީތަކަށް، މަޖިލިހުގައި އެ ޕާޓީތަކާއި އެ ޕާޓީތަކުގެ ފަހަތުގައި ތިބި ރައްޔިތުން ވެސް ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ މަޖިލިހުން ގޮނޑި ނުލިބުނު ޕާޓީތަކުގެ ފަރާތުން އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބު ވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދި ތިން ފަރާތަކަށް މަޖިލިހުން ޖާގަ ދިނުމެވެ. މިއީވެސް ސިންގަޕޯރު ފަދަ ގައުމުތަކުގައި މިހާރު ވެސް ކުރަމުންދާ ކަމެކެވެ.

އިންޑިޔާގެ ގާނޫނުތަކާ ބެހޭ ވަޒީރު ކަޕިލް ސިބާލް ދާދިފަހުން މީޑިއާއަށް ހާމަ ކުރެއްވި ގޮތުގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އިސްލާހު ކުރުމުގެ އޭޖެންޑާއެއްގެ ދަށުން، އައު ބިލެއް ހުށަހެޅުމަށް އޭނާގެ ވުޒާރާއިން ދަނީ ތައްޔާރު ވަމުންނެވެ. މި ބިލުގެ ދަށުން، ބޮޑެތި ކުށްތަކުގައި އަދަބު ދެވިފައި ތިބޭ މީހުންނާއި، އެފަދަ ކުށްތަކުގައި އެ ބައެއްގެ މައްޗަށް ޝަރީއަތް ކުރެވެމުން ދާ މީހުންއިންޑިއާގެ ގާނޫނު ހަދާ މަޖިލިހަށް ކުރިމަތި ލުމުގެ ދޮރު ބަންދު ވެގެން ދާނެއެވެ.

މިއީ މިހާރު ދިވެހީން ވެސް ސީރިއަސްކޮށް އެ ކަމަކާ މެދު ވިސްނަން ޖެހޭ ކަމެކެވެ. ގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ މީހުންނަކީ އީމާންތެރި ބަޔަކަށް ވާން ޖެހެއެވެ. އަޚުލާގު ރަނގަޅު ބަޔަކަށް ވާން ޖެހެއެވެ. އެ ބައެއްގެ ޒަމީރު ޣަފްލަތުގެ އަނދިރިކަމުން ސަލާމަތް ވެގެން ވާ ބަޔަކަށް ވާން ޖެހެއެވެ. ހެޔޮ ހިތްތަކަކާއި ސީދާ ބުއްދިތަކެއްގެ ވެރީންނަށް ވާން ޖެހެއެވެ. އެހެން ނޫންނަމަ، ގައުމަށާއި ރައްޔިތުންނަށް ދުރު މުސްތަގުބަލުގައި ލިބެނޭ ހިތާމައާއި ދެރަޔާއި ނިކަމެތިކަމުގެ ކޮޅެއް ނޯންނާނެއެވެ. މިއަދު ނުވި ރައްކަލެއް، ފަހަކުން ނުވާނެއެވެ. މިއަދު ވިއްކައިލާ ޒަމީރާއި އީމާންކަމުގެ އަގު މާދަމާ އަދާ ކުރަން ނުޖެހޭނޭ ކަމަށް ބެލުމަކީ ކަނޑައެޅިގެން ހުރި މޮޔަ ކަމެކެވެ. މިއަދު ދިވެހިން ގުރުބާން ވެގެން ނަމަވެސް ކުރާން ޖެހިފައި އޮތް ކަމަކީ މުޖުރިމުންނާއި ފާސިގުންނާއި ފާސިދުންނާއި މުނާފިގުންނަށް ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ގޮނޑިތަކަށް ނާދެވޭ ގޮތެއް ހެދުމެވެ.

ރަނގަޅު ކަމަކަށް ވާންވީ ލަހެއް ފަހެއް ނޯންނާނެއެވެ. މިއަދުން މިއަދަށް ވެސް ރައްޔިތުންގެ މަޖިލިސް އިސްލާހު ކޮށް، އަލުން އެކުލަވައިލުމަށް ޓަކައި މުޅި ގައުމުގެ ހުރިހާ ފަރާތްތަކެއް ޝާމިލު ވާ ގޮތަށް، ގައުމީ މަސައްކަތެއް ފަށަން ޖެހެއެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޯމަތި ވުމުގެ ކުރީން، ގާނޫނުއަސާސީ އިސްލާހު ކޮށްގެން، ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލހަކަށް ހަދާން ޖެހެއެވެ. ނުވަދިހަނުވަ ފަހަރު ރޭޕް ކުރެވިފައި ވާ އަންހެންކުއްޖެއްގެ ހާލަތަށް ގައުމު ވެއްޓޭ އިރު ވެސް، ރައްޔިތުން ތިބޭންވީ ގައުމު ހަނދާން ނައްތައިލައިފައި ސިޔާސީ ބަނޑުމުސާރަ ހިފުމުގައިތޯ، މި ސުވާލާ މެދު އަޅުގަނޑުމެން އެންމެން ވެސް ވިސްނާން ޖެހެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް