ނޮވެންބަރު 3ގައި ބަޑީގެ ވަޒަންތަކުގެ ތެރެއަށް ބަހުގައި ނިކުމެވަޑައިގެންނެވި އިބްރާހިމް އަވަހާރަވެއްޖެ

ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހީމް މަނިކު --

ނޮވެންބަރު ތިނެއް، 1988ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ދިވެހި އަސްކަރިއްޔާ ދިފާޢުކުރެއްވުމުގައި އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބަޠަލު، ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވެއްޖެއެވެ.

ނޮވެންބަރު ތިނެއްގައި، ޣައްދާރުންނާއި ބޭރުގެ ކުލީ ސިފައިން މާލެއަށް އަރައި ސިފައިންގެ މައި މަރުކަޒަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދިޔަ ވަގުތު، އާދަމް އިބްރާހީމް މަނިކު ވަނީ ރާއްޖެ ދިފާއުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ސިފައިންގެ މައި މަރުކަޒު ވަށައިގެން ވަޒަންތައް ޖަހަމުންދިޔަ ވަގުތުގައި، ދުޝްމަނުންގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރައްވައި، އެމީހުންގެ ހަރަކާތްތައް ދެނެގަތުމަށްޓަކައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި، އަމިއްލަ ފުރާނަފުޅަށް ބެއްލެވުމެއްނެތި ބަހަށް އަރާވަޑައިގެންނެވި އެންމެ އިސް އެއް އެއް ބޭފުޅަކީ އާދަމް އިބްރާހީމް މަނިކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހީމް މަނިކަކީ، ސިފައިންގެ ޚިދުމަތުގައި ދިވެހި ލަޝްކަރު ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އޮފިސަރެކެވެ.

މީގެއިތުރުން، ސިފައިންގެ ތަފާތު އެކި ޔުނިޓްތައް ނަމޫނާ ގޮތެއްގައި ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ އިތުރުން، އަސްކަރިއްޔާއިން ހިންގި އެތައް ޚާއްސަ އޮޕަރޭޝަންތަކެއްގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޚިދުމަތްތެރިއެކެވެ.

ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ދަންނަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ، ދިވެހި ޤައުމަށާއި، ދިވެހި އަސްކަރިއްޔާއަށް، އަދި ޚާއްޞަކޮށް ޤައުމީ ދިފާޢީ ޚިދުމަތުގެ ތާރީޚަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދެންނެވިއެވެ.

comment ކޮމެންޓް