ނޮވެންބަރު 3ގައި ހިތްވަރުގަދަ ޚިދުމަތްތަކެއް ކުރެއްވި ނަސީމު އަވަހާރަވެއްޖެ

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ހިތްވަރުގަދަ ހިދުމަތްތަކެއް ކުރެއްވި ސާޖަންޓް މޭޖާ (ރިޓަޔާޑް) އަހްމަދު ނަސީމު (ރީފް)---

ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި, އަދި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ހިތްވަރުގަދަ ހިދުމަތްތަކެއް ކުރެއްވި ސާޖަންޓް މޭޖާ (ރިޓަޔާޑް) އަހްމަދު ނަސީމު (ރީފް) އިއްޔެ އަވަހަރާވެއްޖެއެވެ.

އުމުރުފުޅުން 68 އަހަރުގައި އަވަހާރަވި ނަސީމުގެ ޖަނާޒާ އޮތީ ރޭ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސިފައިންގޭގެ ތާރީހީ މައުލޫމާތުތައް ދިރާސާ ކުރައްވާ އަބްދުالله ސައީދު ވިދާޅުވިގޮތުގައި އަސްކަރީ ސާވިސް ނަންބަރު 498 ގައި ހިދުމަތްކުރެއްވި ނަސީމަކީ، އަސްކަރިއްޔާގައި އިހުލާސްތެރި އަދި ނަމޫނާ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިން ދުވަހު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ނައިބު އިލްޔާސް އިބްރާހީމް މ. ގައްދަޑުގޭގައި އޮންނެވިއިރު، އެ ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓެވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން، އެ ދުވަހު މއ. ކިނބިގަސްދޮށުގެއިން ގެނެސްފައި ހުރި ވަޒަންތައް އެންމެ ފުރަތަމަ މެގަޒިންތަކަށް ފިލްކުރުމުގެ މަސައްކަތްވެސް ކުރެއްވީ އޭރު ޕްރައިވެޓް ރޭންކުގައި ހުންނެވި ނަސީމު ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސިފައިންގެ ތެރޭގައި "ރީފް ސާ" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ނަސީމު ފާހަގަކުރެވިފައިވަނީ ދީނީ ކަންތައްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވި މަޑުމައިތިރި ބޭކަލެއްގެ ގޮތުގައެވެ. އަބަދުވެސް ވަރަށް ރީތިކޮށް އަދި ޑީސެންޓްކޮށް ހުންނެވި ހަށިހެޔޮ ބޭކަލެއްގެ ގޮތުގައި ސިފައިންގެ ތެރޭގައި އޭނާ ފާހަގަކުރެވުނެވެ. އަދި އެ ވަގުތަކު ހަވާލުވެވަޑައިގެން ހުންނަވާ މަސައްކަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަން ދެއްކެވުމާއެކު، ކަމަށް ކަމޭހިތުމާއި ވެރިންނަށް އިހުތިރާމުކުރުމުގެ ފުރިހަމަ މިސާލެއްގެ ގޮތުގައި އޭނާ ވަނީ ދެމިހުންނަވާފައެވެ.

comment ކޮމެންޓް