ދިވެހިންގެ އިހުތިރާމްގެ ފޭރާން ވީދާލީ ކޮން ބައެއް؟

ޒަމާނުންސުރެ ދިވެހިރާއްޖޭގެ މުޖުތަމައު ބިނާވެފައި އޮތީ އެކަކު އަނެކަކަށް ކަމޭހިތުމާއި، ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމުގެ މަތިވެރި އަސާސްތަކުގެ މައްޗަށެވެ. ނަމަވެސް މިއަދު މަގުމައްޗަށް ނުކުމެލިޔަސް، ސޯޝަލް މީޑިއާގެ ސަފުހާތަކަށް ނަޒަރު ހިންގައިލިޔަސް، އަދި ސިޔާސީ ޕޯޑިއަމްތަކުގެ އަޑު އަހައިލިޔަސް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެކަކު އަނެކެއްގެ އަބުރު ކަތިލަނީއެވެ. ހަޑިހުތުރު ބަހުން މުޚާތަބުކުރަނީއެވެ. ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އެއްވެސް ގަދަރެއް ނުކުރެއެވެ. މި ހިތާމަވެރި ހާލަތަށް ދިވެހި މުޖުތަމައު ވައްޓައިލީ އާންމު ރައްޔިތުންނެއް ނޫނެވެ. ދިވެހިންގެ މެދުގައި އޮތް އިހުތިރާމްގެ ރީތި ފޭރާން އެންމެ ފުރަތަމަ ވީދައިލީ، ވެރިކަން ދެމެހެއްޓުމަށް ބޭނުންވި ސިޔާސީ ވެރީންނެވެ. އޭގެ ފަހުގައި ޑިމޮކްރެސީގެ ނަމުގައި ވެރިކަމާއި ބާރު ހޯދުމަށް ނުކުތް ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކުންނެވެ.

ދިވެހި ގައުމަށް ފެތުރިފައިވާ މި ސަގާފަތުގެ އަސްލު ދެނެގަތުމަށް ޓަކައި އަޅުގަނޑުމެން ޖެހެނީ ފާއިތުވެ ދިޔަ ވިއްސަކަށް އަހަރުގެ ސިޔާސީ ތާރީޚުގެ މާޒީއަށް ފީނައިލާށެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރެސީ ތައާރަފުކުރުމުގެ ނަމުގައި، ގައުމުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިއްޒަތާއި އަބުރު ކަތިލުން ސިޔާސީ ހަތިޔާރަކަށް ހެދީ ޚުދު ސިޔާސީ ލީޑަރުންނެވެ. އިހުތިރާމްކުރުމަކީ ބަލިކަށިކަމެއް ކަމަށާއި، ޕޯޑިއަމްތަކުގައި އެންމެ ބާރަށް ހަޅޭއްލަވައި އެންމެ ހުތުރުކޮށް މީހުންނަށް އެއްޗެހި ގޮވާ މީހާއަކީ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށް ދައްކައިދިނީ އެ ބޭފުޅުންނެވެ. އެހެންކަމުން، މިއަދު މުޖުތަމައުން އިހުތިރާމް ގެއްލިގެން އުޅޭ ސަބަބާ މެދު ސުވާލުކުރާއިރު، އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ސިޔާސީ މަންފާއަށް ޓަކައި އަޚުލާގީ ހުރިހާ އިމެއް ފަހަނައަޅައި ދިޔަ ސިޔާސީ ފަރާތްތަކުންނެވެ. ވެރީންނެވެ.

ދިވެހިރާއްޖެއަށް ޕާޓީ ނިޒާމު ތައާރަފުވެގެން އައި ދުވަސްވަރު، ސިޔާސީ ވާދަވެރިކަން ބިނާކުރީ ސިޔާސަތުތަކަށް ވުރެ ބޮޑަށް ޝަޚުސިއްޔަތުތައް ކަތިލުމުގެ މައްޗަށެވެ. ވަކިން ޚާއްސަކޮށް، ދިގު މުއްދަތެއްގައި ގައުމުގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް އަރައިގަތުމާއި، އެމަނިކުފާނަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކުރުން ސިޔާސީ އާދައަކަށް ހެދިއެވެ. މައުމޫނުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފާރާތްތަކުން ގެންގުޅުނު މައިގަނޑު އުކުޅަކީ އެމަނިކުފާނުގެ އަބުރުފުޅު ގެއްލުވައިލުމާއި، ދޮގު މައުލޫމާތު ފެތުރުމާއި، އެއްވެސް އަސާސެއް ނެތި ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތައް އެޅުވުން ކަމަށް ޚުދު މައުމޫން އަބްދުލްގައްޔޫމް ވެސް ފާހަގަކުރައްވާފައިވެއެވެ.

މައިދަރީންނާއި ޅަކުދީންނާއި އެއް އާއިލާއެއްގެ އެއް ބަޔަކު ތިބޭ ތަންތަނުގައި ދިވެހިން ކިޔާން ޖެހިލުވި ބައެއް އިބާރާތްތަކާއި ފުރައްސާރައިގެ ބަސްމަގު ސިޔާސީ ސްޓޭޖުތަކުން އާންމުވިއެވެ. އެއީ މުޖުތަމައަށް ލިބިދިން ވަރަށް ނުރައްކާތެރި މެސެޖެކެވެ. ގައުމުގެ އެންމެ އިސް މަގާމު ފުރުއްވި ބޭފުޅަކަށް ނުވަތަ އުމުރުން ދުވަސްވީ ބޭފުޅަކަށް އެއްވެސް އިހުތިރާމެއް ނެތި، ހިތަށްއެރި އެއްޗެއް ގޮވުމަކީ ސިޔާސީ ހައްގެއް ކަމަށް ޒުވާން ޖީލަށް ވިސްނައިދެވުނެވެ. ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިއްޒަތާއި ގަދަރު ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކަތިލައި ނައްތައިލުމުގެ ނަތީޖާއަކަށްވީ، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް ވެރިޔަކަށް އިހުތިރާމްކުރުމުގެ ރޫހު އާންމުންގެ ހިތްތަކުން ފޮހެވިގެން ދިއުމެވެ. އިސްވެރިންނަށް އިހުތިރާމްނުކުރާ މުޖުތަމައެއްގައި، މައިންބަފައިންނަށާއި މުދައްރިސުންނަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިހުތިރާމްކުރާނެ ކަމަށް އުންމީދުކުރުމަކީ މޮޔަކަމެކެވެ.

އިހުތިރާމްގެ ފޭރާން ވީދިގެން ދިޔަ ދެވަނަ ބޮޑު ސަބަބަކީ، ތައުލީމާއި ގާބިލުކަމާއި އަޚުލާގީ ފެންވަރަށް ބެލުމެއް ނެތި، ހަމައެކަނި ސިޔާސީ އެކްޓިވިސްޓުންނަށް ވީތީ ދައުލަތުގެ ބޮޑެތި މަގާމުތައް ބަހަން ފެށުމެވެ. މަގާމެއްގެ ޝަރަފާއި އިއްޒަތް ދެމިއޮންނަނީ އެ މަގާމަކަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި އިލްމާއި ހިލްމާއި ނަޒާހަތްތެރިކަން ހުރެގެންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ވެރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކަކީ ކެމްޕޭނުގައި ހަޅޭއްލެވި މީހުންނަށާއި ކޯލިޝަން ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ދޭ އިނާމަކަށް ހަދާފައެވެ. އާއިލީ ގުޅުން އޮންނަ މީހަކަށް ވަޒީރުކަން ދޭއިރު، އޭނާ އަކީ ދިވެހި ތާރީޚުގައި ކޮން ފަދަ ހާދިސާއަކާ ގުޅިފައިވާ މީހެއްތޯ ވެސް ބަލައިނުލައެވެ.

ޕޮލިސީ ޑިރެކުޓަރުންނާއި ކޯޑިނޭޓަރުންނާއި އެސްޕީޑީންނާއި އަދި މި ނޫނަސް ފާޑުފާޑުގެ ނަންނަމުގައި އާ މަގާމުތަކެއް އުފައްދައި، ކޯލިޝަން ޕާޓީތަކުގެ އެކްޓިވިސްޓުންނަށާއި އިސްވެރިންގެ އާއިލީ މެންބަރުންށާއި ޕާޓީއަށް ވެރިކަން ހޯދައިދޭން އުޅުނު މީހުންނަށް ސަރުކާރުގެ މަތީ މަގާމުތައް ބަހާލައެވެ. ނަތީޖާއަކި މަގާމަށް ކުފޫ ހަމަނުވާ، އެ ފަދަ މީހުންނަށް ރައްޔިތުން އިހުތިރާމްކުރުން ހުއްޓައިލުމެވެ.

މި ނުރަނގަޅު ސަގާފަތް އެއް ސަރުކާރުން އަނެއް ސަރުކާރަށް ދިޔައީ އިތުރަށް ފުޅާވަމުންނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ސިޔާސީ މަގާމުތައް އިތުރުކޮށް، އެ މަގާމުތަކުގެ އަދަދާއި މުސާރައިގެ ތަފްސީލު ރައްޔިތުންނަށް ސިއްރުކުރާ ހިސާބަށް ކަންކަން ދިޔައެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން މުއައްސަސާތަކަށާއި ދައުލަތުގެ ކުންފުނިތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި އިންތިހާއަށް ސިޔާސީ މުވައްޒަފުން އައްޔަންކުރައްވާ ކަމަށް ތުހުމަތުކުރެވެނީ ވަކި ސަރުކާރަކަށް ނޫނެވެ. ޑިމޮކުރަސީގެ އަޑު އިވޭން ފެށުމަށް ފަހު ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްގައި ވެސް އޮތީ މިކަމެވެ.

ވައްކަމާއި ކޮރަޕްޝަނާއި މަސްތުވާތަކެއްޗާއި އަޚުލާގީ ބޮޑެތި މައްސަލަތަކުގެ ރެކޯޑު އޮތް މީހުންނަށް ދައުލަތުގެ އިސް މަގާމުތަކާއި އިންތިޚާބީ މަގާމުތަކުގެ ދޮރު ހުޅުވައިދީފައިވާ ކަން ވެސް ތާރީޚުން ފެނެއެވެ. 8 ފެބުރުއަރީ 2017ގައި ރައްޔިތުންގެ މަޖިލީހުން ވަނީ، ޚިޔާނާތާއި ރިޝްވަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް، މައާފު ލިބޭތާ ނުވަތަ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް، 46 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ. މިއީ ކޮން ފަދަ ބޮޑު ލަދުވެތިކަމެއް ތޯއެވެ؟ ރައްޔިތުން ދަންނަ މި ފަދަ މީހަކު އެ ފަދަ މަގާމަކަށް ހޮވުނީމާ ރައްޔިތުން އެ މީހުންނަށް އިހުތިރާމް ކުރާނީ ކިހިނަކުން ތޯއެވެ؟

މީހުން މެރުމުގެ ކުށްތަކުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހުންނާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހުންނާއި މަސްތުވާތަކެތި ވިއްކާކަމަށް ތުހުމަތުކުރެވިފައިވާ މީހުން ވެސް ސިޔާސީ "އިއްޒަތްތެރި" މަގާމުތަކަށް އައުމަށް ފަހު އެ މީހުންނަށް އިހުތިރާމްކުރާން ގައުމުގެ ރައީސް ވިދާޅުވިއަސް ރައްޔިތުން އެކަންކުރާނެ ތޯއެވެ؟ މިފަދަ ތުހުމަތުތަކާއި ރެކޯޑުތައް ހުރި މީހުން ދައުލަތުގެ އިސް ގޮނޑިތަކުގައި ޓައީ އާއި ހުދު ގަމީސް ތުރުކުރައްވައިގެން ތިއްބެވިއަސް، އެ މަގާމުތަކުގައި ތިބޭ އެ ފަދަ ބަޔަކަށް ރައްޔިތުން ކުރާނެ އިހުތިރާމެއް ނޯންނާނެކަން ކަށަވަރެވެ.

މަގުމައްޗަށް ނުކުމެ ސިޔާސީ އެއްވުންތަކުގައާއި ސިޔާސީ ޕޯޑިއަމްތަކަށް އަރައި، އެއްވެސް ހަމައެއް ލަމައެއް ނެތި މީހުންގެ އަބުރު ކަތިލައި، ހަޑިހުތުރު އައުގުރާނަ ގޮވައި، ދީނާއި މިނިވަންކަން ނުރައްކަލަށް ހުށަހެޅިއްޖެ ކަމަށް ބުނެ ބިރުވެރިކަން އުފެއްދުމަކީވެސް ރާއްޖޭގެ ސިޔާސީ އިސްވެރިން އާންމުކުރި ކަމެކެވެ. ސިޔާސީ ވާދަވެރިޔާގެ މައްޗަށް ކާމިޔާބު ހޯދުމަށް މި ދެންނެވި ފަދަ ކަންތައްތައް ކޮށްފައި، ސިޔާސީގޮތުން ކާމިޔާބު ލިބުނީމާ އެއީ ނުދައްކާ ވާހަކައަކަށް ހައްދަވައި އަބުރުވެރި ބަސްމަގު ރީތި މީހެއްކަމަށް ދެއްކުމަށް ކުރާ މަސައްކަތްތަކެއް ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. ރާއްޖެއަށް ކުރިމަތި ވެފައިވަނީ މި ދެންނެވި ގޮތަށް ނޫންތޯއެވެ؟

ބަހުގެ ހަމަލާތަކާއި އައުގުރާނަ ގޮވުން ފަހަނައަޅައި ގޮސް، ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ސިޔާސީ މެންބަރުން މާރާމާރީ ހިންގައި ތަޅައިފޮޅައި ރައްޔިތުންގެ މުދަލަށް ގެންލުން ދިނީމާ، ރައްޔިތުން އެ ބޭފުޅުންނަށް ކުރާނެ އިހުތިރާމެއް އޮންނާނެތޯއެވެ؟ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ވަޒީރުންގެ މަޖިލީހުގެ 4 މެންބަރަކަށް ރުހުން ނުދިނުމަށް އިދިކޮޅު މެންބަރުން ވޯޓު ދިނުމާ ގުޅިގެން، ޕީއެންސީއާއި ޕީޕީއެމް އަދި އެމްޑީޕީގެ މެންބަރުން އެކަކު އަނެކަކަށް ފައިންނާއި އަތުން ހަމަލާދީ މާރާމާރީ ހިންގައި، މެންބަރުންނަށް ޖިސްމާނީ އަނިޔާތައް ލިބުނު މަންޒަރު ވެސް ދިވެހީން ދުށީމެއް ނޫންތޯއެވެ. ހަޑިހުތުރު މި މަންޒަރުތައް ދުރަށް ދައްކައިފައި، އޭގެ ފަހުގައި ތިމަންނާމެންނަކީ "އިއްޒަތްތެރީން" ކަމަށް ވިދާޅުވިއަސް އެކަން ދިވެހިން މިއަދަކު ބަލައެއް ނުގަންނާނެއެވެ. ގައުމުގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި "އިއްޒަތްތެރި މެންބަރުން" މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަވާއިރު، މަގުމަތީގައި އުޅޭ ޒުވާނުންގެ ކިބައިން އަދަބުވެރިކަމާއި އިހުތިރާމް ފެންނާނެ ކަމަށް އުންމީދުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މި ސިޔާސީ ބައިބައިވުމާއި އިހުތިރާމް ކުޑަވުމުގެ އަލިފާނަށް ތެޔޮއަޅައިދޭ އަނެއް ބަޔަކީ ސިޔާސީ ނުފޫޒުގައި ޖެހިފައިވާ މީޑިއާތަކެވެ. ސިޔާސީ ވެރިން ދައްކާ ޒިންމާދާރުކަން ކުޑަ ވާހަކަތަކާއި އަބުރުކަތިލުމުގެ އަމަލުތައް އެއްވެސް ފުރޭންޏަކުން ފުރާނައިލުމެއް ނެތި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި މީޑިއާތަކުގެ ދައުރު ބޮޑެވެ.

ހަމައެކަނި ސަރުކާރުން ހިންގާ ޕްރޮގްރާމަކުން ނުވަތަ ދޭ ނަސޭހަތްތަކަކުން ވީދިފައިވާ އިހުތިރާމްގެ ފޭރާން އަލުން ނުފެހޭނެއެވެ. އޭޕްރީލް 2025 ގައި ޕަބްލިކް ޕޮލިސީ ލެބުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޖުތަމައުގައި ފެންނަ ނޭދެވޭ އަމަލުތަކާ މެދު އާންމުން ތިބީ މާޔޫސްވެފައި ނަމަވެސް، ދައުލަތުން ނުކުމެ ހަމައެކަނި "ވައުޒު ބުނެ ނަސޭހަތްދޭ" ގޮތަށް ކަންކަން ކުރުމާ މެދު ރައްޔިތުން ތިބީ ޝައްކުގެ މަތީގައެވެ. ސަބަބަކީ ވަރަށް ސާފު ކަމެކެވެ. ސިޔާސީ ވެރިން އެއްކޮޅުން އިހުތިރާމްގެ ވާހަކަ ދައްކަވަމުން، އަނެއްކޮޅުން ޕޯޑިއަމްތަކުގައި މީހުންގެ އަބުރު ކަތިލައި، ކުށްވެރިންނަށާއި ނާގާބިލު އެކްޓިވިސްޓުންނަށް ދައުލަތުގެ މަތީ މަގާމުތައް ބަހަމުންދާނަމަ، ދައުލަތުން ދޭ ނަސޭހަތެއްގެ އެއްވެސް ބުރަދަނެއް ނޯންނާނެއެވެ.

އިހުތިރާމަކީ ގަދަކަމުން ނުވަތަ ގައުމީ ކެމްޕޭނެއްގެ ޝިއާރުތަކަކުން ހޯދޭނެ އެއްޗެއް ނޫނެވެ. އިހުތިރާމަކީ ތިމާގެ އަމަލާއި ބަހާ ދިމާވެގެން، ތިމާގެ ނަޒާހަތްތެރިކަމާއި އަޚުލާގުން ހޯދަންޖެހޭ އެއްޗެކެވެ. ސިޔާސީ މަގާމެއް ނުވަތަ "އިއްޒަތްތެރި" ލަގަބެއް ލިބުމަކުން އަދި ރައްޔިތުންގެ ހިތްތަކުގައި ގަދަރެއް ނުއުފެދޭނެއެވެ. ރައްޔިތުންގެ އިހުތިރާމް ބޭނުންނަމަ، އެންމެ ފުރަތަމަ އިސްލާހުވާންޖެހެނީ ސިޔާސީ ވެރިންނާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ސިޔާސީ ޕޯޑިއަމްތަކަކީ މީހުންގެ އަބުރު ކަތިލާ ކަތިލުންގަނޑަކަށް ހެދުން ހުއްޓައިލަން ޖެހެއެވެ. ދައުލަތުގެ މަގާމުތަކަކީ ސިޔާސީ އެކްޓިވިސްޓުންނަށާއި ކުށުގެ ރެކޯޑު އޮތް މީހުންނަށް ބަހާ ސަދަގާތަކަށް ހެދުމުގެ ބަދަލުގައި، އިލްމާއި އަޚުލާގާއި ގާބިލުކަން ހުރި މީހުންނަށް ޚާއްސަ އަމާނާތަކަށް ހަދަން ޖެހެއެވެ. ގާނޫނު ހަދާ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކަކީ ތަޅައިފޮޅުމާއި ޒާތީ ބަދަލުހިފުމުގެ މައިދާނަކަށް ހެދުން ނިމުމަކަށް ގެންނަން ޖެހެއެވެ.

ދިވެހިންގެ އިހުތިރާމްގެ ފޭރާން އަލުން ވިޔެވޭނީ، ސިޔާސީ ވެރިން އެ ބޭފުޅުންގެ ބަހާއި އަމަލު ސީދާކުރައްވައިގެންނެވެ. އަމިއްލަ އަމަލުތަކުން ނަމޫނާ ނުދައްކަވައި، ހަމައެކަނި ރައްޔިތުންގެ ކިބައިން އިހުތިރާމަށް އެދުމަކީ ބޭކާރު ކަމެކެވެ. އިހުތިރާމް ލިބޭނީ އިހުތިރާމް ލިބުން ހައްގުވާ ފަދަ އަޚުލާގެއް އިސްކޮށްގެންނެވެ.

comment ކޮމެންޓް