މި އަހަރު ލޯން ދައްކަން ބޮޑު ޚަރަދެއް: މިހާތަނަށް 10 ބިލިއަން ޚަރަދުކޮށްފި

ފިނޭންސް މިނިސްޓަރު ޒަރީރު: -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ހިނގާ 2026 ވަނަ އަހަރުގެ މިހާތަނަށް ދައުލަތުން ލޯނު އަނބުރާ ދެއްކުމަށް ކުރި ޚަރަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެ، 10.43 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ އެކަކުން، މި މަހު 12 ގެ ނިޔަލަށް ލޯނު ދެއްކުމަށް 10.43 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 4.64 ބިލިއަން ރުފިޔާގައެވެ. މިއީ ގާތްގަނޑަކަށް 125 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިއީ ތަރައްގީގެ ހުރިހާ މަޝްރޫއުތަކަކަށް ދައުލަތުން ކުރި ޖުމްލަ ޚަރަދަށްވުރެ ވެސް ބޮޑު އަދަދެކެވެ.

ލޯނު ދެއްކުމަށް ކުރި މި ބޮޑު ހޭދައަކީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު 27.39 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް 38 އިންސައްތައެވެ. މީގެއިތުރުން، ފައިނޭންސިން އަދި އިންޓްރެސްޓް ޚަރަދުގެ ގޮތުގައި ދައުލަތުން 4.19 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެހެންކަމުން، ލޯނު އަނބުރާ ދެއްކުމާއި އިންޓްރެސްޓަށް އެކަނިވެސް 14.61 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މިއީ މި އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 35.99 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް 41 އިންސައްތައެވެ.

އަނެއްކޮޅުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް (ޕީއެސްއައިޕީ) މި އަހަރު ހޭދަކޮށްފައިވަނީ 5.38 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.01 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 23.3 އިންސައްތައިގެ ދަށްވުމެކެވެ. އަދި ލޯނު ދެއްކުމަށް ކުރި ޚަރަދަކީ ޕީއެސްއައިޕީއަށް ކުރި ހޭދައަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ސެކިއުރިޓީޒް ނުވަތަ ޓީ-ބިލާއި ބޮންޑުގެ ގޮތުގައި ނުދައްކާ 101.66 ބިލިއަން ރުފިޔާ އެބައޮތެވެ. މީގެތެރެއިން ގާތްގަނޑަކަށް ހުރިހާ ސެކިއުރިޓީޒް (100.12 ބިލިއަން ރުފިޔާ) އަކީ އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏެވެ. އަދި މީގެ 46 އިންސައްތައަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކުރު މުއްދަތުގެ ޓީ-ބިލްތަކެވެ. އަދި ބޭރު ފައިސާއިން އަދާކުރަންޖެހޭ ޑޮލަރު ސެކިއުރިޓީޒްގެ ގޮތުގައި 17.23 ބިލިއަން ރުފިޔާ އެބައޮތެވެ.

ލޯނު އަނބުރާ ދެއްކުމަށް ކުރާ ޚަރަދަކީ ކުރީ އަހަރުތަކުގައި ނަގާފައިވާ ދަރަނި އަދާކުރުން ކަމަށްވާތީ، މިއީ ބަޖެޓުގެ ޑެފިސިޓްގެ ތެރޭގައި ގުނޭ ޚަރަދެއް ނޫނެވެ. އެހެންކަމުން ދައުލަތުން މި އަހަރު ދަރަންޏަށް ހޯދަންޖެހޭ އަދަދު ބަޖެޓުގެ ޑެފިސިޓްގެ ގޮތުގައި އޮތް 3.83 ބިލިއަން ރުފިޔާއަށްވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް