އަބުރުގެ ގާނޫނު ގެންނަން އުޅެނީ ރައްޔިތުންގެ އަބުރު ހިމާޔަތްކުރާކަށް ނޫން، އެއީ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ފޮރުވަން: މެމްބަރު ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު: އަބުރުގެ ގާނޫނު ގެންނަން އުޅެނީ ސަރުކާރުގެ ވައްކަން ފޮރުވަން ކަމަށް --- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ އަބުރު ހިމާޔަތްކުރުން ނޫން ކަމަށާއި، އެއީ ސަރުކާރުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދެއްކުން ހުއްޓުވައި އެ ކަންކަން ފޮރުވުން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އަބުރަކީ ރައްކާތެރިކޮށްދޭން ޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް މީގެ ކުރިން 2016 ވަނަ އަހަރު ވެސް މިފަދަ ބިލެއް ގެނައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ކޮންމެ ބިލެއްގެ ހަގީގީ މަގުސަދަކަށް ވެފައި އޮންނަނީ ސަރުކާރުތަކުގެ ތެރޭގައި ހުންނަ ނޭދެވޭ ކަންކަމާއި ހިޔާނާތްތައް ރައްޔިތުންނަށް ސިއްރުކުރުން ކަމަށެވެ.

""މި ބިލު މިއަދާ ހަމައަށް އައިއިރުގައި ތަފާތު ނަންނަމުގައި މީގެ ކުރިން 2016 ގައި ވެސް އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ބިލެއް އައި މަޖިލީހަށް. މިއިން ކޮންމެ ކަމެއްގައި ހަގީގީ މަގްސަދަކަށް ވެފައި އޮންނަނީ، މައިގަނޑު މަގްސަދަކަށް ވެފައި މިއޮންނަނީ ސަރުކާރުގެ ކޮރަޕްޝަންތަކާއި އެ ސަރަކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންކަން ގޯސް ކަންތައްތައް ފޮރުވުމުގެ ނިޔަތް." ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ޒިޔާދު ވިދާޅުވި ގޮތުގައި މީހެއްގެ އަބުރު ގެއްލެނީ ހަމައެކަނި މީހަކު އެއްޗެއް ބުނެގެން ނުވަތަ ލިޔެގެން ނޫނެވެ. ސަރުކާރުން އަމަލުކުރާ ބައެއް ގޮތްތަކުގެ ސަބަބުން ވެސް މީހުންގެ އަބުރަށް އުނިކަން އަންނަ ކަމަށް ވިދާޅުވެ، ކުއްލި ގޮތަކަށް ވަޒީރުން މަގާމުން ވަކިކުރުމާއި މަޖިލިސް މެންބަރުންނާ މެދު ފިޔަވަޅު އެޅުން ފަދަ ކަންކަން އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒިޔާދު ފާހަގަކުރެއްވީ، މި ބިލު ފަރުމާކޮށްފައިވަނީ މަދަނީ ބިލެއްގެ ގޮތުގައި ކަމަށް ވިޔަސް، އޭގައި ބޮޑެތި ޖޫރިމަނާތަކާއި މާނަ ސާފުނުވާ ފަދަ ފުން އިބާރާތްތައް އެކުލެވިގެންވާ ކަމަށެވެ. އަދި މިފަދަ ބިލުތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި މުޅި މުޖުތަމައުގެ ހައްގުތަކަށް އިސްކަންދީގެން އެކުލަވައިލަންޖެހޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށް ވުމުން މީޑިއާތަކާއި، ބްރޯޑްކާސްޓަރުންނާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން އޮންލައިން ޚިދުމަތްދޭ އެންމެހައި ފަރާތްތަކަށް ވެސް މި ގާނޫނު ހިނގާނެ އެވެ. އަދި ސޯޝަލް މީޑިއާގައި މީހަކު ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭނެއެވެ.

މި ބިލުގެ ދަށުން އަބުރާ ބެހުމުގެ ސަބަބުން ލިބޭ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކޯޓު މެދުވެރިކޮށް ނަގައިދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރުމުގެ އިތުރުން، އިޝާރާތަކުން ނުވަތަ ކުރެހުމަކުން މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވި ނަމަވެސް ބަދަލު ނަގައިދެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް