ދައުލަތުން ދޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގެއްގެ ގޮތުގައި ހަމަޖައްސަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ދައުލަތުން ދޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގެއް އޮތް އެތްޗެއްގެ ގޮތުގައި ހަމަޖައްސައި އާއިލާގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީިހަށް ބިލެއް ހުށަހަޅައިފިއެވެ.

ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެންޏެއް ކޮށްގެން އުޅުމާއި، ދަރިން ތިބި އަދަދު އެއީ ފްލެޓަށް އެދޭ މީހާގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޕޮއިންޓް ދިނުމުގައި ބަލާ ކަންކަން ކަމަށެވެ. އަދި މިފަދަ ގިނަ ސްކީމްތަކުގެ ޝަރުތުތަކަށް ބަލާއިރު ދެމަފިރިންގެ ތެރެއިން ފްލެޓަށް އެދި ހުށަހެޅޭނީ އެންމެ މީހަކަށް ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ވެސް ޝަރުތުކޮށްފައި އޮންނަ ކަމެއް ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.

ކުޑޫ ވިދާޅުވި ގޮތުގައި މިފަދަ ސްކީމްތަކުގެ ޝަރުތުތަކަށް ބަލާއިރު އެ ސްކީމްތައް ފަރުމާކޮށްފައި އޮންނަނީ އެއީ ވަކި މީހަކަށް ދޭ ބޯހިޔާވަހިކަމަކަށް ވުމުގެ ބަދަލުގައި އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައެވެ. މިހެން މިކަން އޮތަސް ފްލެޓް ރަޖިސްޓްރީ ކުރެވޭނީ އެކަމަށް އެދި ހުށަހެޅި މީހާއަށް އެކަނި ކަމަށް ވުމުން ދެމަފިރިން ވަކިވާއިރު އެ ފްލަޓަކީ ވަކި މީހެއްގެ އެއްޗަކަށްވެ، އެކަމުގެ ސަބަބުން މުޅި އާއިލާއަށް ނިކަމެތިކަން ލިބިގެންދާކަން ކުޑޫ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލެއް އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރުވެސް އޮވެއެވެ. ނަމަވެސް އެ މާއްދާ މިހާރު އޮތް ގޮތުން ދެމަފިރިންނަށް ވީތީ ދައުލަތުގެ އެކިއެކި ސްކީމްތަކުގެ ދަށުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ވަކި ސާފު ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކުޑޫ ވިދާޅުވިއެވެ.

މި ބިލުގައި ހިމަނާފައިވާ މުހިންމު ކަންތައްތައް:

  • ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ލިބިފައިވާ ތަނެއް ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް އެއީ އެ އާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބަލަންވާނެ ކަމަށް. އެގޮތުން އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ އިތުރުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ނޫން އަނެއް ފަރާތަށް ވެސް ތަނުގެ މައްޗަށް ހަމަހަމަ ހައްގު ލިބޭނެ ކަމަށް.
  • މި ނޫން ގޮތަކަށް އެފަދަ ތަނަކާ މެދު އަމަލުކުރެވޭނީ ކޯޓުގައި ރަޖިސްޓްރީވެ، ދެމަފިރިންގެ މެދުގައި އެއް ފަރާތަށް ލިބިފައިވާ ހައްގު ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުމަކުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް.
  • ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ފްލެޓާއި، ބިމާއި، ގޯއްޗާއި އެ ނޫން ވެސް މުދަލާ މެދު ޝަރީއަތުން ވަކި ގޮތެއް ނިންމާފައި ނުވާނަމަ އެފަދަ މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވިގެންވާ މުދާ ކަމުގައި ބަލަންވާނެ ކަމަށް.
  • ލިބިފައިވާ ތަން ރަޖިސްޓްރީކުރާނަމަ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހާއަށް އިސްކަންދޭން ވާނެ ކަމަށް.
comment ކޮމެންޓް