ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ޚާއްސަ ފޯރަމެއް ބާއްވައިފި

ހެލްތު މިނިސްޓްރީއާއި ޑަބްލިއުއެޗްއޯ އިން ބޭއްވި ފޯރަމްގެ ތެރެއިން --- ފޮޓޯ: ހެލްތު މިނިސްޓްރީ

ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނަކާއެކު، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ހެލްތު މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގުޅިގެން "މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026"ގެ ނަމުގައި ފޯރަމެއް މިއަދު ބާއްވައިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ހަކުރުބަލިން ރައްކާތެރިވުމާއި ބަލި އަވަހަށް ދެނެގަތުމާއި ބަލި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ގާތްގަނޑަކަށް 60 ބައިވެރިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާއާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅައިފައިވާ މަންދޫބު އެމްއެސް ޕޭޑެންއެވެ.

މިނިސްޓްރީން ބުނީ އެ ފޯރަމްގެ ތެރެއިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ އާއިޝަތު ޝިރުހާނާ އާއި މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު މަލްހާ ސައީދު ޕްރެޒެންޓޭޝަނެއް ދެއްވި ކަމަށެވެ. އަދި ނެޝަނަލް ޑައިބެޓީސް ސެންޓަރު (އެންޑީސީ)ގެ ފަރާތުން އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު ވެސް ޕްރެޒެންޓޭޝަނެއް ދެެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހަކުރުބަލި ކޮންޓްރޯލުކޮށް ފަރުވާދިނުމާއި ބަލިމީހުންގެ ހާލަތު ބެލެހެއްޓުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓަކައި، އަތޮޅުތަކުގެ ޕަބްލިކް ހެލްތު ޔުނިޓުތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ބައިވެރިންގެ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި މަޝްވަރާތައް ހިއްސާކުރެވިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ، އެންސީޑީ އެކްޝަން ޕްލޭންގެ ދަށުން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެ، އެ ކަންކަމަށް ހުށަހަޅާނެ ހަރަކާތްތަކާއި ޒިންމާތައް ކަނޑައެޅުމަށްޓަކައި ވޯކިން ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ސެޝަންތަކުގައި ބައިވެރިން މަޝްވަރާކޮށް އެކުލަވައިލި ޕްރެޒެންޓޭޝަންތައް ހުށަހަޅައި، އެ ހުށަހެޅުންތަކުން ނުކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އާލީ އެކްޝަން އޮން ޑައިބެޓީސް"އެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ ކޮންމެ ނުވަ މީހުން އެކަކަކީ ހަކުރުބަލި ޖެހިފައިވާ މީހެކެވެ. އަދި ޓައިޕް-2 ޑައިބެޓީސް ޖެހިފައިވާ 635 މިލިއަން މީހުން ތިބި ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް