ފާއިތުވި އަހަރުތަކުގައި އެންމެ ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް ކަންބޮޑުވުން އުފެދިފައިވާ އެއް މައްސަލައަކީ ވައި ނުސާފުވުމުގެ މައްސަލައެވެ. އާންމު ގޮތެއްގައި މިކަމާ ގުޅުވައިގެން ދެކެވެނީ ނޭވާލާ ނިޒާމާއި ހިތުގެ ބަލިތަކުގެ ވާހަކަ ކަމުގައި ވީނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ނުސާފު ވައިގެ ނުރައްކާ ދަރިމައިވުމުގެ ނިޒާމަށްވެސް އިންތިހާއަށް އެބައޮތެވެ.
ނޮއިޑާގެ ކައިލާޝް އައިވީއެފް ސެންޓަރުގެ ހެޑް އަދި އައިވީއެފް ސްޕެޝަލިސްޓް ޑރ. މޮނިކާ ގުޕްތާ 'އެޗްޓީ ލައިފްސްޓައިލް'އަށް މައުލޫމާތު ދެއްވަމުން ވަނީ މިކަމާ ގުޅޭ މުހިންމު ޙަގީގަތްތަކެއް ހިއްސާކުރައްވާފައެވެ.
އައިކިއުއެއާގެ މިދިޔަ އަހަރުގެ ދުނިޔޭގެ ވައިގެ ކޮލިޓީ ރިޕޯޓާ ހަވާލާދެއްވައި ޑރ. ގުޕްތާ ވިދާޅުވީ، އިންޑިއާގެ ނިއު ދިއްލީގެ ވައިގައި ހިމެނޭ ޕީއެމް 2.5ގެ ނުރައްކާތެރި ވިހަ ކުނޑިތަކުގެ އަހަރީ އެވްރެޖް މިންވަރު ކޮންމެ ކިއުބިކް މީޓަރެއްގައި 99.6 މައިކްރޯގްރާމަށް އަރާފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާފައިވާ އެންމެ ރައްކާތެރި މިންވަރު ކަމަށްވާ ފަސް މައިކްރޯގްރާމަށްވުރެ ގާތްގަނޑަކަށް 20 ގުނަ އިތުރު އަދަދެކެވެ.
މި ވިހަ މާއްދާތައް ހަށިގަނޑުގެ ލޭގެ ތެރެއަށް ވާސިލުވެ، 'އޮކްސިޑޭޓިވް ސްޓްރެސް' އާއި ހަށިގަނޑު ދުޅަވުމަށް މަގުފަހިކުރުވާއިރު، މިއީ އަންހެނުންގެ ބިހަށް ސީދާ ގެއްލުންދޭ ކަންކަމުގެ ގޮތުގައި ދިރާސާވެރިން ފާހަގަކުރެއެވެ. މީގެ އިތުރުން، ނުސާފު ވަޔަށް ހުށަހެޅުމަކީ ހަމައެކަނި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ދުންފިނި ބޯވާ ދުވަސްވަރަށް އެކަނި އޮތް ނުރައްކަލެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދަރިމައިވުމުގެ ސެލްތައް އުފެދި ފުރިހަމަވުމަށްވެސް މަސްތަކެއް ނަގާ ފަދައިން، މި ވިހަ މާއްދާތަކުގެ އަސަރުވެސް މަސްތަކަކަށް ދެމިގެންދާ ކަމަށެވެ.
ވައި ނުސާފުވުމުގެ ސަބަބުން ފިރިހެނުންގެ ދަރިމައިވުމުގެ ގާބިލުކަމަށް ނޭދެވޭ އަސަރުކުރާ ކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށް ޑރ. ގުޕްތާ ވިދާޅުވިއެވެ. މިކަމަށް ބާރުދެއްވަމުން 2024 ވަނަ އަހަރު ބީއެމްޖޭގައި ޝާއިއުކޮށްފައިވާ ޑެންމާކުގެ ދިރާސާއަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕީއެމް 2.5ގެ މިންވަރު އެވްރެޖްކޮށް 2.9 މައިކްރޯގްރާމް އިތުރުވުމަކީ، އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނަށް ކުދިން ނުލިބުމުގެ ނުރައްކާ 24 އިންސައްތަ އިތުރުވާ ކަމެއްކަން އެ ދިރާސާއިން ހާމަވެފައިވާ ކަމަށެވެ.
ދިއްލީ ފަދަ ސަރަހައްދުތަކާ އަޅާބަލާއިރު ޑެންމާކަކީ ވައި މާ ބޮޑަށް ސާފު ގައުމަކަށް ވާއިރު، އެފަދަ ތަނަކުން މިފަދަ ނަތީޖާއެއް ފެނުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އަންހެނުންގެ ހަށިގަނޑުގައި ބިސް އުފެދޭ މިންވަރު ދަށްވުމާއި، އައިވީއެފް ފަރުވާގައި ބިސް ފާޓިލައިޒްވުމާއި އެމްބްރިއޯގެ ކޮލިޓީ ދަށްވުމާ ޕީއެމް 2.5އާ ގުޅުންހުރިކަން ދިރާސާތަކުން ދައްކާ ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
އިންޑިއާގެ ނިއު ދިއްލީގައި ޒުވާނަކު މާސްކު އަޅައިގެން ބޭރުގައި ހަރަކާތްތެރިވަނީ--ފޮޓޯ/އިންޑިއާޓުޑޭއެހެންނަމަވެސް، މި ހޯދުންތަކާމެދު ވިސްނަންވާނީ ފަރުވާތެރިކަމާއެކު ކަމަށް އައިވީއެފް ސްޕެޝަލިސްޓް ވިދާޅުވިއެވެ. ސަބަބަކީ މި ދިރާސާތަކުގެ ބޮޑު ބަޔަކީ އޮބްޒަވޭޝަނަލް ދިރާސާތަކަށް ވުމާއި، އޭގެ އަސަރު ފެންނަ މިންވަރު ކުޑަވުމުގެ އިތުރުން، ވައިގެ ކޮލިޓީއާ ހަމައަށް ދިއުމުގެ މާ ކުރިންވެސް އުމުރާއި، ބަރުދަނާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ނަފްސާނީ ފިއްތުންތަކާއި، ކެއިންބުއިމުގެ އާދަތަކުގެ އިތުރުން ސިއްހީ އެހެނިހެން މައްސަލަތަކަކީ ދަރިމައިވުމަށް ސީދާ އަސަރުކުރާ ކަންކަމަށް ވާތީއެވެ. އެހެންކަމުން، ވައި ނުސާފުވުމަކީ އެކަނި ކުދިން ނުލިބުމަށް މެދުވެރިވާ ސަބަބަކަށްވުރެ ބޮޑަށް، ދަރިމައިވުމުގެ ސިއްހަތަށް ކުރިމަތިވާ އިތުރު ބުރައެއްގެ ގޮތުގައި ދެކުން މާ ރަނގަޅުވާނެ ކަމަށް ޑރ. ގުޕްތާ ވިދާޅުވިއެވެ.
ނަމަވެސް، އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ނުސާފު ވަޔަށް ހުށަހެޅޭ މިންވަރު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ކޮންމެ ފަރުދަކަށް ކުރާ ކުޑަ އަސަރެއްގެ ސަބަބުންވެސް ގިނަ އަދަދެއްގެ ދެމަފިރިންނަށް އޭގެ ނޭދެވޭ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ބިރުގަތުމުގެ ބަދަލުގައި ކުރީބައިގައި ސިއްހީ ލަފާ ހޯދައި، މައުލޫމާތު ލިބިތިބެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކަމަށް ޑރ. ގުޕްތާ ވިދާޅުވިއެވެ. އެގޮތުން، ކުދިން ހޯދުމަށް މަސައްކަތްކުރާތާ އަހަރެއް ވެފައިވާ ދެމަފިރިންނާއި، އަންހެން މީހާގެ އުމުރުން 35 އަހަރު ނުވަތަ އެއަށްވުރެ މަތިނަމަ މަސައްކަތްކުރާތާ ހަ މަސް ވެފައިވާ ދެމަފިރިން، އެކުގައި ދަރިމައިވުމުގެ ޓެސްޓުތައް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދިން ހޯދުމަށް ރާވާ ދެމަފިރިން ނުސާފު ވަޔަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ބެލުމާއި، ވައި އެންމެ ބޮޑަށް ނުސާފުވާ ދުވަސްތަކުގައި ބޭރުގައި ބުރަ ކަސްރަތުތައް ކުރުން މަދުކުރުމުގެ އިތުރުން، ބޭރަށް ނުކުންނައިރު މޫނަށް ހެޔޮވަރު އެން95 މާސްކެއް އެޅުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. އަދި ވައި ނުސާފުވާ މޫސުމުގައި ގޭތެރޭގައި ހެޕާ އެއާ ޕިއުރިފަޔާއެއް ބޭނުންކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި އަދި ދެމަފިރިންގެ އަމިއްލަ އިޚްތިޔާރުގައި ކޮންޓްރޯލް ކުރެވޭނެ މުހިންމު އެހެން ކަންތައްތަކަށްވެސް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ. ގުޕްތާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ހަމަނިދި ހޯދުމުގެ އިތުރުން ނަފްސާނީ ފިއްތުންތައް ކުޑަކުރުން ހިމެނެއެވެ.