ނިދުމަކީ ވަރުބަލިވެފައިވާ ސިކުނޑިއަށް އަރާމު ލިއްބައިދީ، ކަންކަމަށް ސަމާލުކަން ދިނުމުގެ ބާރު އިތުރުކޮށް، ޖަޒުބާތުތައް ހަމައަކަށް އަޅުވައިދޭ މުހިންމު ވަސީލަތެކެވެ. ނަމަވެސް، ނަފްސާނީ ބޮޑެތި މައްސަލަތަކާއި އެފަދަ ކަންކަން މެދުވެރިވާ އަސްލު ސަބަބުތަކަށް ހަމައެކަނި ނިދުމަކުން ފަރުވާއެއް ނުލިބޭނެއެވެ.
މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އިތުރުވަމުން ދިޔަނަމަވެސް، އެފަދަ ކަންކަމުގައި ފަންނީ އެހީތެރިކަން ހޯދުމަށް އަދިވެސް ގިނަ ބަޔަކު ފަސްޖެހެއެވެ. އޭގެ ބަދަލުގައި، ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ގިނަ މައްސަލަތަކުގެ ހައްލަކީ ރޭގަނޑު ރަނގަޅަށް ނިދާލުމެވެ.
ހިތާމައެއް ނުވަތަ މާޔޫސްކަމެއް އިހުސާސްވާ ހިނދު، ގިނަ މީހުންނަށް އެންމެ ފުރަތަމަ ވެސް ވިސްނެނީ "ނިދާލުމުން ހުރިހާ ކަމެއް ރަނގަޅުވެދާނެ" ކަމަށެވެ. އެހެންނަމަވެސް، ގުރުގްރާމްގެ މަރެންގޯ އޭޝިއާ ހޮސްޕިޓަލްސްގެ ކްލިނިކަލް ސައިކޮލޮޖީގެ ސީނިއާ ކޮންސަލްޓަންޓެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. މުނިއާ ބަޓަޗަރިއާ ވިދާޅުވާ ގޮތުގައި، އެއީ އަބަދު އޮންނަ ހައްލެއް ނޫނެވެ.
"ނިދުމުން ހުރިހާ ކަމެއް ހައްލުވާނަމަ، ތެރަޕިސްޓުން ބޭހުގެ ބަދަލުގައި ލިޔެދޭނީ ބާލީހެއް. އެކަމަކު އިންސާނާގެ ސިކުނޑި މަސައްކަތް ކުރަނީ އެ އުސޫލަކުން ނޫން،" އެޗް.ޓީ ލައިފްސްޓައިލްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުނިއާ ވިދާޅުވިއެވެ.
ހެނދުނު ހޭލާއިރު ހަށިގަނޑަށް އަރާމު ލިބިފައި ހުރި ނަމަވެސް، ކުރިމަތިވެފައިވާ މައްސަލަ އޮންނާނީ ހަމަ އެގޮތުގައި ތިބާގެ އިންތިޒާރުގައި ކަމަށާއި އެއީ ނިދުމުގެ ނާކާމިޔާބީއެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ-- ފޮޓޯ/ހިންދުންސްތާން ޓައިމްސްމި ނުކުތާއަށް ބާރުދެއްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ރެއަކު އަށް ގަޑިއިރުގެ ފުރިހަމަ ނިދި ލިބޭއިރު ވެސް، ހާސްކަމާއި ނުތަނަވަސްކަން އިހުސާސްވާ ކަމަށް ބުނެ ގިނަ ބަޔަކު އޭނާގެ ގާތަށް އާދެއެވެ. އަދި މިއީ އާންމުން ހީކުރާ ވަރަށްވުރެ މާ ބޮޑަށް ސަމާލުކަން ދޭންޖެހޭ މުހިންމު އަލާމާތެއް ކަމަށް ވެސް ޑރ. މުނިއާ ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނިދުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ޑރ. މުނިއާ ޤަބޫލުކުރައްވައެވެ. އެގޮތުން، ރަނގަޅަށް ނިދުމުގެ ސަބަބުން ވަރުބަލިވެފައިވާ ސިކުނޑިއަށް އަރާމު ލިބި، ކަންކަމަށް ސަމާލުކަން ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާއިރު، ކެތްތެރިކަން އިތުރުވުމާއި ޖަޒުބާތުތައް ހަމައަކަށް އެޅުވުމަށް ވެސް ނިދުމުން ބޮޑު އެހީތެރިކަމެއް ލިބެއެވެ.
"ނަމަވެސް ތިބާއަށް ކުރިމަތިވެފައިވާ މައްސަލައަކީ ފުން ހިތާމައެއް، ނުވަތަ ހިތުން ފިލައިގެން ނުދާފަދަ ހިތްދަތި ހާދިސާއެއްގެ އަސަރު، ދާއިމީ އެންޒައިޓީ، ޑިޕްރެޝަން، ނުވަތަ ތިބާގެ ނަފްސު މަޑުމަޑުން ހަލާކުކޮށްލަމުންދާ ގުޅުމެއް ކަމުގައިވާނަމަ، އެނދުގައި 8 ގަޑިއިރު ހޭދަކޮށްލުމަކުން އެ މައްސަލައެއް ފިލައިގެންނެއް ނުދާނެ،" ޑރ. މުނިއާ ވިދާޅުވިއެވެ.
"ބައެއް ފަހަރު ހެނދުނު ހޭލާއިރު ހަށިގަނޑަށް އަރާމު ލިބިފައި ހުރި ނަމަވެސް، ކުރިމަތިވެފައިވާ މައްސަލަ އޮންނާނީ ހަމަ އެގޮތުގައި ތިބާގެ އިންތިޒާރުގައި. އެއީ ނިދުމުގެ ނާކާމިޔާބީއެއް ނޫން. އެއީ އެހެން ކަމަކަށް ސަމާލުކަން ދޭންޖެހިފައިވާ ކަމުގެ ސާފު ނިޝާނެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.
ނަފްސާނީ ގޮތުން ސިކުނޑިއަށް މާ ބުރަ ބޮޑުވެ ހާލަތު ގޯސްވާކަން އިހުސާސްކުރެވޭނަމަ ވީހާވެސް އަވަހަކަށް ކަމުގެ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުމަށް ކަމުގެ މާހިރުން އިރުޝާދުދެއްވާ-- ފޮޓޯ/ އިންޑިއަން އެކްސްޕްރެސްނިދުމުގެ ފައިދާތައް މިފަދައިން ހުރި ނަމަވެސް، ނިދި ނައުމުގެ ބިރު ބޮޑުވުމުގެ ސަބަބުން ބައެއް މީހުންނަށް ނިދުމަކީ ނަފްސާނީ ބޮޑު ބުރައަކަށް ބަދަލުވެގެންދާކަން ޑރ. މުނިއާ ފާހަގަކުރެއްވިއެވެ. އެގޮތުން، ގަޑިއަށް ބަލައި، ނިދޭނެ ގަޑިއިރުތައް ގުނައި، ނިދި ނައިސްފިނަމަ މާދަމާ ދާނެ ގޯސް ގޮތްތައް ހިތަށް ގެންނަމުން، ގަދަކަމުން ނިދަން މަސައްކަތް ކުރި ނަމަވެސް، އިންސާނާގެ ސިކުނޑިއަކީ އަބަދު އަމުރުތަކަށް ކިޔަމަންވާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން، ރަނގަޅަށް ނިދާ، ނިދި ރައްކާތެރިކޮށް، ނިދުމަށް އިހުތިރާމު ކުރޭ. ނަމަވެސް ނަފްސާނީ ގޮތުން ދުޅަހެޔޮތޯ ބަލާ މިންގަނޑަކަށް ނިދުން ނަހަދާ،" ޑރ. މުނިއާ ނަސޭހަތްތެރިވެވަޑައިގަތެވެ. އެކަށީގެންވާ ވަރަށް ނިދި ލިބޭއިރު ވެސް، ދާއިމީ ގޮތެއްގައި ހާސްކަމާއި، ހުސްކަމާއި، ބޮލަށް ބަރުވުން ނުވަތަ އަމިއްލަ ނަފްސު ގެއްލިފައިވާ ފަދަ އިހުސާސެއް ކުރެވޭނަމަ، އެ އިޝާރާތަށް ސަމާލުކަން ދިނުމަށް ޑރ.މުނިއާ އިރުޝާދުދެއްވައެވެ.
ޑރ. މުނިއާ ވިދާޅުވީ، ބައެއް ފަހަރު އިންސާނާއަށް ބޭނުންވަނީ އިތުރު 8 ގަޑިއިރުގެ ނިންޖެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ ތިމާގެ ޖަޒުބާތުތަކަށް ހަމަޖެހުން ނުލިބި ހޭލާ ހުންނަން ޖެހިފައިވާ އަސްލު ސަބަބު ތެދުވެރިކަމާއެކު ދެނެގަތުން ކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ނިދުމާ ގުޅިފައިވާ މައްސަލައަކަށްވުރެ މާ ފުން ކަމެއްކަން އެނގިގެންދަނީ އެ ހިސާބުންނެވެ.