ގިނަ ދުވަސްވަންދެން ފަޅަށް އޮތް ހުޅުމާލެ ސިޓީ ހޮޓެލް "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ހުޅުވައިފި

މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވުމުގެ ތެރެއިން --

ބޮޑެތި ބަދަލުތަކާއެކު، ފަނަރަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ފަޅަށް އޮތް ހުޅުމާލެ ސިޓީ ހޮޓެލް"މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

ހަވާ އެރުވުމުގެ ރަސްމިއްޔާތަކާއެކު މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

https://sun.mv/210857

ހުކުރު މިސްކިތުގެ ޒަމާނީ ރީތިކަމަށް ބަލައި ފަރުމާކުރި މި ހޮޓެލުގައި 150އަށް ވުރެ ގިނަ ކޮޓަރި ހިމެނެއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގެ ފަރާތުން މީގެ ކުރިން ބުނިގޮތުގައި، އެ ތަން ފަރުމާކޮށްފައިވަނީ ވިޔަފާރި ދަތުރުވެރިންނާއި އެ ތަނުގައި މަޑުކުރާ ފަރާތްތަކާއި އެކިއެކި ހަފުލާތައް ބާއްވާ ފަރާތްތަކުގެ ބޭނުންތައް ފުރިހަމައަށް ފެތޭނެ ފަދަ ގޮތަކަށެވެ.

އެ ހޮޓެލްގެ ފަރާތުން ބުނިގޮތުގައި އެތެރޭގެ ފަރުމާތަކުން ރާއްޖޭގެ ސަގާފީ އަތްތެރި މަސައްކަތްތެރިކަން ދައްކުވައިދޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި މެންހެޓަން ގްރޭންޑް ހޮޓެލް ތަރައްގީކުރަން ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20ވަނަ ދުވަހެވެ.

https://sun.mv/210210

ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކުރިން އެ ތަން އޮތީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުގައެވެ.

އެސްޓީއޯގެ ސިޓީ ހޮޓަލަކީ އެ ކުންފުންޏަށް ޑޮލަރު ހޯދަން އެ ކުންފުނީގެ ބޯޑުން 2006 ގައި ނިންމައިގެން ފެށި މަސައްކަތެކެވެ. މި ނިންމުމުގެ ދަށުން "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011 ގައެވެ.

އޭގެ ފަހުން، އެ ތަނުގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އެކި ފަހަރު މަތިން އެތަން ވިއްކާލަން އެސްޓީއޯއިން މަސައްކަތް ކުރިއެވެ. އަދި މި ތަނަށް ބޮޑު އިންވެސްޓެއްކޮށް، އެއްވެސް އާމްދަނީއެއް ނުލިބި ގިނަ ދުވަސްވާތީ އެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިން އެޗްޑީސީއާ ގުޅިގެން ވެސް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ހޮޓަލުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ސިޓީ ހޮޓަލުގެ އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

comment ކޮމެންޓް