ސަރަހައްދުގެ ފުރަތަމަ ފުޓްސަލް ކޮމްޕްލެކްސްގެ ޕްރޮޖެކްޓު ލިބުމަކީ ފަޚުރެއް: ސަވާދު

ފުޓްސަލް ކޮމްޕްލެކްސްގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ލިއޯ ގުރޫޕުގެ އެމްޑީ ޢަބްދުﷲ ސަވާދު، "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން--

ސައުތު އޭޝިއާ ސަރަހައްދުގައި އިމާރާތްކުރާ ފުރަތަމަ ފުޓްސަލް ކޮމްޕްލެކްސް، ރާއްޖޭގައި ޢިމާރާތްކުރާއިރު، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުމަކީ ލިއޯ ގުރޫޕަށް ލިބުނު ފަޚުރެއްކަމަށް އެ ގުރޫޕުގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސަވާދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައިވާ ފަދައިން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް، އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސައިޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު "ސަން"އާ ވާހަކަދައްކަވަމުން ސަވާދު ވަނީ، މި ސަރަހައްދުގައި ވެސް މިވަގުތު ފުޓްސަލްއަށް ޚާއްސަކޮށްގެން ކޮމްޕްލެކްސްއެއް ނުހުންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ކޮމްޕްލެކްސް ޢިމާރާތްކުރަން ލިބުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށް ވިދާޅުވެ، ސަވާދު ވަނީ މި ފުރުސަތު ދެއްވިކަމަށް ޓަކައި ކުޅިވަރާބެހޭ ވުޒާރާއަށާއި މިކަމުގައި އުޅުއްވި އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

"މިވަރުގެ ބޮޑު ކޮމްޕްލެކްސްއެއްގެ ބިންގާ އެޅިގެން މިދިޔައީ އަދި ކޮންސްޓްރަކްޝަންގެ މަސައްކަތް ފެށިގެން މިދިޔައީ ދިވެހިރާއްޖޭގައި. އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން، އަދި މި ޕްރޮޖެކްޓު ހިންގުމަށް ލިއޯ ގުރޫޕަށް ލިބުނީތީވެސް އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ އަދި ޝުކުރުވެސް ދަންނަވަން ހުރިހާ ފަރާތްތަކަށް،" ސަވާދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަވާދު ވަނީ މި މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައިވާ މުއްދަތުކަމަށްވާ 18 މަސްދުވަސްތެރޭ، ނުވަތަ އެއަށްވުރެ އަވަހަށް ވެސް އެންމެ ފުރިހަމަ ކޮލިޓީގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މަސައްކަތުގައި ބޭނުންކުރާ ހުރިހާ މެޓީރިއަލްއެއް ޕްރޮކިއުއާކުރުމާއި ކޮންސަލްޓެންސީ ފަދަ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ސްޓޭންޑަޑުތަކަށް ފެތޭގޮތަށް ކަމަށާއި ކޮންސްޓްރަކްޝަން މަސައްކަތް ވެސް ކުރިއަށްދާނީ ފީފާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

https://sun.mv/230546

މި އެރީނާގެ މަސައްކަތް ނިމޭއިރު، މެޗަށް ޚާއްސަ ކޯޓެއްގެ އިތުރުން ތިން ޕްރެކްޓިސް ކޯޓު އެކުލެވޭނެކަމަށް ލިއޯގެ އިތުރުން ކޮމްޕްލެކްސް ޑިޒައިންކުރި ކުންފުނިކަމަށްވާ ކޮލާޖު ޑިޒައިނުން މައުލޫމާތުދީފައި ވެއެވެ. އެރީނާގައި ހިމެނޭ މެޗު ކޯޓުގައި ފުޓްސަލްގެ އިތުރުން ވޮލީއާއި ބެޑްމިންޓަން ފަދަ އެހެނިހެން ކުޅިވަރުތައް ވެސް ކުޅެވޭނެއެވެ،

މީގެ އިތުރުން، ކުޅުންތެރިންގެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ލޭންގުއޭޖް/ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެކަމަށް ވެސް އެދެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއިން ވަނީ ފުޓްސަލް އިންޑޯއެއް ނެތި ވެސް، ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދައިފައިވާއިރު، ދާދި ފަހުން ޗައިނާގައި ބޭއްވި އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ.

comment ކޮމެންޓް