އިންޑިއާގެ ވެރިރަށް ދިއްލީން ޕާކިސްތާންގެ ލާހޯރު ފަހަތަށް ޖައްސާލައި، ދުނިޔޭގެ ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ސިޓީއަށް މިއަދު ވެއްޖެއެވެ.
ޖުމްލަ 20 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީއަށް ބޯ ދުން ފެތުރި، ތަންތަން ފެންނަ މިންވަރު ދަށްވެފައިވާއިރު، ވައިގެ ފެންވަރު ވަނީ ނުރައްކާތެރި މިންވަރަކަށް ގޯސްވެފައެވެ.
ވައިގައި ވިހަ މާއްދާތައް ހުންނަ މިންވަރަށް ބަލައިގެން ވައިގެ ފެންވަރު ވަޒަންކުރާ ސްވިޒަލޭންޑްގެ ޖަމިއްޔާއެއް ކަމަށްވާ އައިކިއުއެއާއިން ބުނި ގޮތުގައި، ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ވަނީ 334 އަށް އަރައި "ނުރައްކާތެރި" ދަރަޖައަށް ގޮސްފައެވެ.
އެއާއެކު އެ ސިޓީ ވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ސިޓީއަށް ވެފައެވެ. އޭކިއުއައި މިންގަނޑުން 50 އާ ހަމައަށް ހުންނަ މިންވަރަކީ ސިއްހަތަށް ނުރައްކަލެއް ނެތް، ރަނގަޅު މިންވަރެއްގެ ގޮތުގައި ބެލެވޭ މިންވަރެކެވެ.

ނަމަވެސް އިންޑިއާގެ ރަސްމީ އިދާރާ ކަމަށްވާ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) އިން ވަނީ އެ ސިޓީގެ އޭކިއުއައި 403 ގައި ހުރި ކަމަށް ކަނޑައަޅައި، ވައިގެ ފެންވަރު "އިންތިހާއަށް ގޯސް" ދަރަޖައިގައި ހުރި ކަމަށް ބުނެފައެވެ. ސްވިޒަލޭންޑްގެ ޖަމިއްޔާއާއި އިންޑިއާގެ އިދާރާގެ ތަފާސްހިސާބުތަކުގައި މި ފަރަގު ހުންނަނީ ވައި ތަޣައްޔަރުވެފައިވާ މިންވަރު ހިސާބުކުރުމަށާއި ދަރަޖަކުރުމަށް ބޭނުންކުރާ އޭކިއުއައި މިންގަނޑުތަކާއި އުސޫލުތައް ތަފާތުވުމުގެ ސަބަބުންނެވެ.
ނިއުސް އެޖެންސީއެއް ކަމަށްވާ އޭއެންއައިއިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސިޓީގެ މައި މަގުތަކުގައި ކާރުތަކާއި ސައިކަލުތައް ދުއްވާފައި ދަނީ ބޯ ދުމުގެ ތެރެއިންނެވެ. އަދި މި ދުމުގެ ސަބަބުން މަގުބައްތިތަކުގެ އަލިވެސް ވަނީ ފަނޑުވެފައެވެ. މިއަދު ނިއު ދިއްލީގައި ވައި ތަޣައްޔަރުވުން ކޮންޓްރޯލްކުރުމަށްޓަކައި މަގުތަކުގެ މެދުގައި ފެން ބުރުވާ ނިޒާމުތައް ހަރުކޮށްފައި ހުރިއިރު، އުޅަނދުތައް ދަތުރުކޮށްފައިވަނީ އެ ނިޒާމުތައް ކައިރިންނެވެ.
ފިނިމޫސުމުގެ ފިނި އަދި ބަރު ވައިގެ ސަބަބުން ދުއްވާ އުޅަނދުފަހަރުން ބޭރުވާ ދުމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކުން އުފެދޭ ކުނޑިއާއި، ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އެންދުމުން އަރާ ދުން އެ ސަރަހައްދުގައި ހިފެހެއްޓިފައި ހުރެއެވެ. އެހެންކަމުން، ވައި ތަޣައްޔަރުވުމަކީ އުތުރު އިންޑިއާގެ ގިނަ ސަރަހައްދުތަކަށާއި އަވަށްޓެރި ޕާކިސްތާނަށް ކޮންމެ އަހަރަކުވެސް މޫސުމީ ގޮތުން ކުރިމަތިވާ މައްސަލައެކެވެ.