ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން މުހިންމު ހަތަރު ބިލަކާއި ބަޖެޓު ބަހުސް މާދަމާއަށް ތާވަލުކޮށްފި

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ހަތަރު ބިލެއްގެ ބަހުސް މާދަން އޮންނާނެ --- ފޮޓޯ: މަޖިލިސް

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ރަސްމާލެ މަޝްރޫއާއި އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލެއްގެ ބަހުސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ސަރުކާރު ފަރާތުން ހަތަރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް ދެން ހުށަހެޅި ބިލުތަކަކީ:

އޭގެ އިތުރުން މާދަމާގެ ޖަލްސާގައި ދެން އޮންނާނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރުމެވެ. ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ކަނޑައަޅައިފައިވާ ސުންގަޑިއަކީ މި މަހުގެ 19ވަނަ ދުވަސް ކަމަށްވީ ނަމަވެސް، ބަޖެޓަށް އަދި ބަހުސްކުރެއްވީ މަދު މެންބަރުންތަކެކެވެ.

ވެރިކަންކުރާ ޕީއެންސީ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

https://sun.mv/230247

މި ބިލުގައި ބުނެފައި ވަނީ ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އިދާރާތައް އެ ޒޯނުގައި ތަމްސީލުވާނެ ކަމަށް ވެއެވެ.

ޖުވާކުޅުމާއި ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ވެސް ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާވާނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލު ހުށަހަޅާފައި ވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރެވެ.

މި އެއްބަސްވުމުގެ ދަށުން ޒަމާނީ ސިޓީއަކާއި މެރީނާއެއް ތަރައްގީކުރުމަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ ގިނަ ދަތުރުތަކަކާއި ދިރާސާތަކަކާއި މަޝްވަރާތަކަކަށް ފަހު ހަވާލުކުރި މަޝްރޫއެއް ކަމަށް މުއްޠަލިބު ވިދާޅުވެފައިވެއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް