ރަސްމާލޭގައި ފަތުރުވެރިކަމަށް ޚާއްސަކުރާ ސަރަހައްދުގައި ބަނގުރަލާއި އޫރުމަސް ވިއްކުމާއި ޖުވާކުޅުން މަނާކުރަން ގާނޫނެއް ހެދުމަށް ނިންމައި ދިވެހި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރަސްމާލޭގައި ހިންގާ މަޝްރޫއަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.
މި ބިލުގައި ބުނެފައި ވަނީ ރަސްމާލެއިން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ދިވެހިރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އިދާރާތައް އެ ޒޯނުގައި ތަމްސީލުވާނެ ކަމަށް ބުނެފައިވެއެވެ.
ޖުވާކުޅުމާއި ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ވެސް ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާވާނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލު ހުށަހަޅާފައި މިވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ.
މި އެއްބަސްވުމުގެ ދަށުން ޒަމާނީ ސިޓީއަކާއި މެރީނާއެއް ތަރައްގީކުރުމަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ ގިނަ ދަތުރުތަކަކާއި ދިރާސާތަކަކާއި މަޝްވަރާތަކަކަށް ފަހު ހަވާލުކުރި މަޝްރޫއެއް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ.
ނަމަވެސް، މި އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. މީކާއީލް ތުހުމަތުކުރެއްވި ގޮތުގައި، މި އެއްބަސްވުން އެކުލަވާލާފައިވަނީ ބިމުގެ އިކުއިޒިޝަން ކޮސްޓް ނުވަތަ ކުލި އީގަލް ހިލްސްއިން ދައްކަން ނުޖެހޭ ގޮތަށެވެ. އަދި ތިންވަނަ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގެ ހައްގު އެ ކުންފުންޏަށް ލިބޭ ގޮތަށް އޮތް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދިނުމަށް ހެދި އެއްބަސްވުމުގެ ވިޔަފާރީގެ ޝަރުތުތައް ރައްޔިތުންގެ މަޖިލީހަށާއި މީޑިއާއަށާއި އާންމުންނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އެ 500 ހެކްޓަރުގެ ބިމުގެ އަގު ކަނޑައެޅި ގޮތެއް ނޭނގޭ ކަމަށާއި، ދޫކުރާ ބިމަށް އެކަށީގެންވާ އަގެއް ދައުލަތަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވޯޓުން ވަނީ ބޭރުކޮށްލާފައެވެ.
ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ ދަށުން ފެއްޓެވި މަޝްރޫއެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ މި މަޝްރޫއު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ ޑިސެންބަރު 18، 2023 ގައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
މާލެއާ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ބިނާކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި، ކާބަން މަދު ނުވަތަ "ޒީރޯ-ކާބަން" އަދި ރައްކާތެރި ރަށެއްގެ ތަސައްވުރުގެ މައްޗަށް ކަމަށް ރައީސް މުއިއްޒު ވަނީ ޑިސެންބަރު 18، 2023 ގައި އިއުލާންކުރައްވާފައެވެ. މި މަޝްރޫއުގެ މާސްޓާޕްލޭންގައި، އެކި ބާވަތްތަކުގެ 65،000 ހައުސިން ޔުނިޓު ހިމެނޭހެން، ހުރިހާ ހިދުމަތެއް ގުޅިފައިވާ ޒަމާނީ އަދި ދެމެހެއްޓެނިވި ސިޓީއެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.