އެންމެ ބޮޑު ދައްޗަކީ ވެރިކަމާއި އަދުލު އިންސާފުގެ ބާރު ޒިންމާދާރުކުރުމުގެ ބާރު މަޖިލީހަށް ގެއްލުން: މަޢުރޫފް

ހުކުރު ދުވަހުގެ ރޭ "ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ފަރާތުން ބޭއްވި އެއްވުމުގައި މައުރޫފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރު ޖަވާބުދާރީކުރުވަން މަޖިލީހާ މަތިކޮށްފައި އޮތް ބާރު ގެއްލި، އެ ބާރު އެހެން ބާރަކާ މަސްހުނިވެ ހިނގަމުންދާ ދިއުން ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

"ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަޢުރޫފް ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދީގެން ހިންގާ މަޝްރޫއާ ދެކޮޅަށް ފެށި ހަރަކާތް ދިވެހީން ބަލައިގެންފި ކަމަށެވެ.

މަޢުރޫފް ވިދާޅުވީ މި ހަރަކާތް އިތުރަށް ވަރުގަދަކޮށް، މަޝްރޫއާ ގުޅޭ އެންމެހައި ކަންކަން ހުއްޓައިލަންދެން ހަރަކާތް ކުރިއަށް ގެންދަންޖެހޭކަން މިހާރު ވަރަށް ސާފު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ވިދާޅުވެ މަޢުރޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި މީހަކު ކޮންޓްރޯލްކުރާ ތަނަކަށްވެ، ގާނޫނުއަސާސީގައި ބަޔާންކުރާ ދައުލަތުގެ ތިން ބާރުގެ މަފްހޫމު ގެއްލި، ރައްޔިތުންގެ ވިސްނުމާ ޚިލާފަށް އެންމެ މީހަކު ބޭނުންވާ ގޮތަށް ކަންކަން ނިންމަމުން ދިއުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"ރައީސް މުޢިއްޒު ނުވަތަ ވެރިކަމުގެ ނިޒާމާއި އަދި އަދުލު އިންސާފުގެ ބާރު، މި ދެ ބާރު ވެސް އެކައުންޓެބަލްކުރުން ނުވަތަ ޗެކް މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދޫކޮށްލެވިފައި، އެހެން ނަމަވެސް އެ ޗެކް އެއްކޮށް ގެއްލި އެ ބާރު އެހެން ބާރަކާ މަސްހުނިވެ ހިނގަމުންދާ ދިއުން މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން،" މަޢުރޫފް ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރާ ބަޖެޓު ވެސް ތަންފީޒުކުރަނީ ހިތުހުރި ގޮތަކަށް ކަމަށާއި ގާނޫނުތައް ވެސް ފާސްވަނީ އެންމެ މީހެއްގެ ލާބައާއި މަންފާއަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގައި ބޭނުންކުރަމުން އައި އެންމެ ބޮޑު އެއް ހައްގު ކަމަށްވާ ކުއްލި މައްސަލަ ހުށަހެޅުމާއި ގަރާރު ހުށަހެޅުމުގެ ދޮރު ބަންދުވެފައިވާކަން ވެސް މަޢުރޫފް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަމުން އެ ދަނީ ޑިމޮކްރެޓިކް ގައުމެއްގައި ރައްޔިތުންގެ މަޖިލީހެއް ހިނގަންޖެހޭ ގޮތަކަށް ނޫން. އަދި ދިވެހި ރައްޔިތުން ގަބޫލުކޮށްގެން ތިބި ގާނޫނުއަސާސީއާއި އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ހަމައާ އެއްގޮތަކަށް ނޫން،" މަޢުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަށް އިތުބާރުކުރަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މި ހަރަކާތުގެ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނާނެ ކަމަށާއި އެއަށްފަހު އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ދެވަނަ ބޮޑު އެއްވުމެއް ވެސް އޮންނާނެ ކަމަށެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހެވެ. ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވި ގޮތުގައި، ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުން، 99 އަހަރުގެ ކުއްޔަށް ދޫކުރާ ތަނެއްގެ މުއްދަތު ހަމަވުމުން، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ޑިޕްރިސިއޭޝަން އުނިކުރުމަށްފަހު ޖެހޭ އަދަދު ސަރުކާރުން އިންވެސްޓަރަށް ދައްކަންޖެހެއެވެ.

މި މަޝްރޫއު ހިންގުމަށް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވައިލައިފައި ވަނިކޮށް، މި މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް