ދައްކާ ވާހަކައަކުން ނުވަތަ ކިޔާ ލަވައަކުން ވެސް އަބުރާ ބެހިއްޖެނަމަ ބައި މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަނީ

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުޙައްމަދު އިސްމާޢީލް: އަބުރުގެ ދައުވާއާ ގުޅޭ ބިލެއް ވަނީ ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް

ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ލަވަޔަކުން ވިޔަސް އަބުރުގެ ދައުވާކުރެވޭނެ ކަމަށް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަން ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ވެރިކަންކުރާ ޕީއެންސީ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި ބިލުގައިވަނީ، މި ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީޑިއާތަކަށާއި މީސްމީޑިއާ ޕްލެޓްފޯމްތަކަށާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކަށް ގާނޫނު ހިނގާނެ ކަމަށެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓުކުރެވޭ މީޑިއާ ވެސް ހިމެނެއެވެ.

ބިލުގައިވާ ގޮތުން އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.

އަބުރާ ބެހުން ބިލުގައި މާނަކޮށްފައިވަނީ ދައްކާ ވާހަކައަކުން ނުވަތަ ދޭ މައުލޫމާތަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ އިންޓަނެޓާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭ މައުލޫމާތު މެދުވެރިކޮށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން އެ ބަސް ނިސްބަތްވާ ފަރާތަކަށް ކުރަމުން އައި އިހުތިރާމު ގެއްލި، އެ ފަރާތާ މެދު މުޖުތަމައުގައި ނަފުރަތު އުފެދޭ ގޮތް މެދުވެރިވުމަށެވެ.

އަބުރާ ބެހުން ކަމުގައި ބިލުގައި ކަނޑައަޅައިފައިވަނީ ބުނެފައިވާ ބަހަކީ ދޮގު ބަހަކަށްވެ އާންމުކޮށްފައިވާ، އަދި އަބުރާ ބެހެވޭ ފަރާތަށް ނިސްބަތްވާ ބަހަކަށް ވުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައިވާ ނަމަ އެ ބަހެއް ނުވަތަ މައުލޫމާތެއް އަބުރާ ބެހެވޭ ފަރާތަށް ނިސްބަތްވާނެ ކަމަށް ބެލެވޭނެއެވެ. ހަމަ އެހެންމެ އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައި ނެތް ނަމަވެސް މައުލޫމާތު ދިނުމުގައި އެ ފަރާތަށް އިޝާރާތްކުރެވޭކަން ގަބޫލުކުރެވޭނަމަ އެ ބަހެއް ނިސްބަތްވަނީ އެ ފަރާތަށް ކަމަށް ބެލެވޭނެ ކަމަށް ބިލުގައިވެއެވެ.

ނަމަވެސް މީހަކަށް ނިސްބަތްކޮށް ބުނާ ބަހަކީ ތެދު ހަގީގަތަކަށްވާ ނަމަ އެއީ އަބުރާ ބެހުން ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން އަބުރާ ބެހޭ މިންގަނޑެއް ކަނޑައަޅަން ވާނެއެވެ.

މީގެ އިތުރުން ބިލުގައިވާ ގޮތުން އަބުރާ ބެހުމާ ގުޅޭ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ހުށަހެޅި ގޮތްތަކުގެ ތެރޭގައި އަބުރާ ބެހުމުގެ ގޮތުން އާންމުކޮށްފައިވާ މައުލޫމާތަށް އެކަށީގެންވާ އިސްލާހެއް ގެނައުމާއި މައާފަށް އެދުމާއި މައާފަށް އެދުނު ކަމުގެ މައުލޫމާތު އާންމުކުރުމާއި އެ މައުލޫމާތެއް ނެގުން، ނުވަތަ ގެއްލުމުގެ ބަދަލު ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް މައްސަލަ ހައްލުކުރަން ހުށަހަޅާ ހުށަހެޅުން އަނބުރާ ގެނައުމުގެ އިޚްތިޔާރު ހުށަހެޅުން ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

ބިލުގައިވަނީ، އަބުރާ ބެހުމުގެ ދައުވާއެއް އެއް އަހަރު ހަމަވުމުގެ ކުރިން އުފުލަންޖެހޭނެ ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭ ގޮތެއް ނިންމަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައިވާ ގޮތުން އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި ބައިލައްކަ ރުފިޔާއާއި ބައިމިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އެ ފަރާތަށް ލިބިދެވޭނެއެވެ.

comment ކޮމެންޓް