ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިންނަތާ އެތައް މަހެއް ވެއްޖެއެވެ. ކޮންމެ ދުވަހަކު ފޮނުވާ މެސެޖުތަކާއި، ހިއްސާކުރާ ފޮޓޯތަކާއި، އަސަރުގަދަ ވޮއިސް ނޯޓުތަކުން ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އިތުބާރު އުފެދި، އެއީ ހަގީގީ ގުޅުމެއް ކަމަށް ހީވާން ފަށާ ހިސާބުން، ކުއްލިއަކަށް އަންނަނީ ފައިސާއަށް ނުވަތަ ޒާތީ މައުލޫމާތަށް އެދި ފޮނުވާ މެސެޖެކެވެ. ނަމަވެސް، އޮންލައިންކޮށް އުފެދޭ މިފަދަ ގުޅުމަކީ ހަގީގަތެއް ކަމަށް ހީވިޔަސް، އެއީ މަކަރާއި ހީލަތުގެ ދަންތުރައަކަށް ވެދާނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ މިފަދަ ލޯބީގެ ސްކޭމްތަކަށް ސަމާލުވުމަށް އާންމުންނަށް މިއަދު އިންޒާރުދީފައެވެ. އޮންލައިންކޮށް ދިމާވާ މީހަކާ އެކު އެތައް މަހެއް ވަންދެން ވާހަކަދައްކައި، ފޮޓޯއާއި ވީޑިއޯ އަދި ވޮއިސް މެސެޖު ބަދަލުކޮށްފައި ވިޔަސް، ފައިސާއަށް ނުވަތަ ޒާތީ މައުލޫމާތަށް އެދޭ ހާލަތްތަކުގައި ފަރުވާތެރިވުމަށް ފުލުހުން އެދެއެވެ.
އިންޓަޕޯލުން ފަށާފައިވާ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއްގެ މެސެޖު ހިއްސާކުރަމުން ފުލުހުން ފާހަގަކުރި ގޮތުގައި، ސްކޭމްކުރާ މީހުން އާންމުންގެ އިތުބާރު ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ.
https://x.com/PoliceMv/status/2121842665893576951
ޒަމާނީ ޓެކްނޮލޮޖީއާއި އޭއައިއަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން މިފަދަ އޮޅުވާލުންތައް ދެނެގަތުން މިހާރު ވަނީ އިތުރަށް އުނދަގޫވެފައެވެ. އިންޓަނެޓުން ލިބެން ހުންނަ މަދު ފޮޓޯތަކެއް ނުވަތަ ކުރު އޯޑިއޯ ކްލިޕްތަކެއް ބޭނުންކޮށްގެން، ހަގީގަތާ އެއްގޮތް ފޮޓޯއާއި ވީޑިއޯ އަދި މީހެއްގެ އަޑު އޭއައި މެދުވެރިކޮށް އުފެއްދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން، ވީޑިއޯއަކުން މީހަކު ފެނުމަކީ ނުވަތަ އަޑު އިވުމަކީ އެ މީހަކީ ހަގީގަތުގައިވެސް އެ ބުނާ މީހާކަން ސާބިތުވާ ކަމެއް ނޫނެވެ.
އިންޓަޕޯލްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ކުށްވެރިން ދަނީ އޭއައި މެދުވެރިކޮށް އުފައްދާ ވަގު ޕްރޮފައިލްތަކާއި ޑީޕްފޭކް ފޮޓޯތައް ބޭނުންކޮށްގެން މީހުންގެ ޖަޒުބާތުތަކާ ކުޅެ، ގުޅުންތައް ބަދަހިކުރަމުންނެވެ.
ރާއްޖޭގައިވެސް ސްކޭމްގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ކުރިން ވިދާޅުވި ގޮތުގައި، މި އަހަރު އެކަނިވެސް ސްކޭމްގެ 1،700 އެއްހާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ސަބަބުން 16 މިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ. މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސައިބާ ކްރައިމްގެ 1،053 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، ސޯޝަލް މީޑިއާއާ ގުޅުންހުރި ސްކޭމްތައް މިދިޔަ އަހަރުގެ 15 މައްސަލައިން މި އަހަރު 109 އަށް އަރާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިފަދަ ކުށްތައް ހުއްޓުވައި، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެންވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ އޮވެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން ކޮންފްރޮންޓޭޝަން ގޯސްޓްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން، ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލިގެން ރިޕޯޓުކުރި 5.3 މިލިއަން ރުފިޔާގެ ތެރެއިން ތިން މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ދޭ އިރުޝާދު ވަރަށް ސާފެވެ. އޮންލައިންކޮށް ދިމާވާ މީހަކު ފައިސާއަށް ނުވަތަ ޒާތީ މައުލޫމާތަށް އެދޭ ހިނދު، އަވަސްއަރުވާލައިގެން ނުވަތަ ޕްރެޝަރުގައި ހުރެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފުލުހުން ލަފާދެއެވެ. އޭގެ ބަދަލުގައި، ގުޅުންތައް އަމިއްލަ ތަބީއީ ދުވެލީގައި ކުރިއަށްދިއުމަށް ފުރުސަތު ދީ، އެ މީހެއްގެ ހަގީގަތް ދެނެގަތުމަށް ސުވާލުކުރުމާއި، ޕްރޮފައިލް ފޮޓޯތަކާއި މައުލޫމާތު އެހެން ތަންތަނުގައި ބޭނުންކޮށްފައިވޭތޯ ސާޗް ޓޫލްތައް މެދުވެރިކޮށް ބެލުމަކީ މުހިންމު ކަމެކެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކުރާ އަމިއްލަ މައުލޫމާތުތަކަށް ފަރުވާތެރިވެ، ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން އެ މީހަކާ މުއާމަލާތްކުރުން ހުއްޓާލައި ފުލުހުންނަށް ރިޕޯޓުކުރަންޖެހެއެވެ.
އޮންލައިން ގުޅުމެއް ކިތަންމެ ހަގީގީ ކަމަށް ދެއްކިޔަސް، ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ މަޑުޖެހިލައި، ކަންކަމުގެ ސައްހަކަން ކަށަވަރުކޮށް، މަކަރުވެރި ދަންތުރައިގައި ނުޖެހި ސަލާމަތްވުމެވެ.