އޮޅުވާލައިގެން ގެއަކަށް ގެންގޮސް ގަޑިއެއް ފޭރުމުގެ ތުހުމަތު 3 މީހަކަށް: ކޯޓުގައި ބުނީ ގަޑި ހަދިޔާކުރީ ކަމަށް

ކްރިމިނަލް ކޯޓު: މީހަކު ގެއަކަށް ގެންގޮސް ގަޑިއެއް ފޭރުނު މައްސަލައިގައި ތިން ދިވެހީން ހައްޔަރުކޮށްފި -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

އޮޅުވާލައިގެން މީހަކު ގެއަކަށް ގެންގޮސް، ގަޑިއެއް ފޭރުނު މައްސަލައިގައި ތިން ދިވެހީން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • ކ. މާލެ، މ. އިރާކުމާގެ، އުމުރުން 33 އަހަރުގެ މުޙައްމަދު ނިޝާން ޖަލީލް
  • ސ. ހިތަދޫ، ގަޑުވަރު، އުމުރުން 30 އަހަރުގެ އައުސް އަލީ ޙިލްމީ
  • ށ. ޅައިމަގު، އަތަމާގެ، އުމުރުން 35 އަހަރުގެ ފާރިސް ޢަލީ ޝަރީފް

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ އިތުރުން ފޭރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން އަނިޔާލިބުނު މީހާގެ ބަޔާނާއި ހެކިންގެ ހެކިބަހާއި އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯ ރިޕޯޓުގެ އިތުރުން، ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕް ޝޮޓުތައް ހުށަހަޅާފައިވާ ކަމަށް ތިން މީހުންގެ އަމުރުގައިވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ތިން މީހުންގެ އަމުރުގައިވެސް ތިން މީހުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި ތިން މީހުން ވެގެން މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް، އޭނާގެ އަތުން ބައެއް ސާމާނާއި ފައިސާ އަތުލައި، އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށް އިންވެސްޓިގޭޓިން އޮފިސަރު ބުނެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެ މީހުން ތިބި ކޮޓަރި ތެރެއިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެ ތިން މީހުން ވެސް ކޯޓުގައި ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާކަން އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރެއިން އައުސްގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަނީ ގަދަކަމުން މީހަކު ނުގެންދާ ކަމަށާއި އެ މީހާ ގޮވައިގެން ދިޔައީ އެ މީހާގެ ރުހުމުގައި ކަމަށް ބުނެފައެވެ. އަދި ފެނުނު ގަޑިއަކީ އެ މީހާ އޭނާއަށް ދިން ހަދިޔާއެއް ކަމަށް ބުނެފައެވެ.

ނިޝާން ވަނީ އޭނާ އެކަމުގައި ބައިވެރިނުވާ ކަމަށާއި އެ މީހުން އެ ކޮޓަރިއަށް ދިޔައިރު އޭނާ އޮތީ ނިދާފައި ކަމަށް ބުނެފައެވެ. އަދި އޭނާއަށް އެތަނުގައި ހިނގާދިޔަ ކަންތައްތައް ނޭނގޭ ކަމަށް ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެކަމެއް ކުރީ އޭނާގެ ރައްޓެހި އެހެން ބަޔަކު ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

ފާރިސް ވެސް ކޯޓުގައި ބުނީ އެ ކަމަކީ އޭނާއަށް އެނގިގެން ހިނގައިދިޔަ ކަމެއް ނޫންކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ ބަންދަށް އިއްޔެ 15 ދުވަސް ޖަހާފައެވެ. އެހެންކަމުން މި ތިން މީހުންގެ ބަންދު މުއްދަތު ހަމަވާނީ މިމަހުގެ 28ވާ ހޮނިހިރު ދުވަހަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އޮޅުވާލައިގެން މީހުން ގެއަކަށް ނުވަތަ ގެސްޓްހައުސްއެއް ފަދަ ތަނަކަށް ގެންގޮސް، މުދަލާއި ފައިސާ ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް