މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހި، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނިކޮށް އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް އިއްޔެ ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ހާދިސާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓާއި ސީންއަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާނުގެ އިތުރުން އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑު ވެސް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައި އިތުރަށް ވަނީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފުލުހުން އެދިފައިވަނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓު ޖެހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައިވާތީ ކަމަށެވެ. އަދި އެކަން ހާމަވާ، އެ ހޮސްޕިޓަލުގެ ލިޔެކިޔުމެއް ވެސް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން އޭނާގެ ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާފައިވީ ނަމަވެސް، އޭނާ ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވޭ ހާލަތަކަށް ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަހެއްގައި ބަންދުކުރުމަށް އިއްޔެ ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.