އިންޑިއާގެ ވިސާ ނިޒާމު ލުއިކޮށް، މައިގަނޑު ކެޓަގަރީތައް 9އަށް މަދުކޮށްފި

އިންޑިއާގެ ހޯމް މިނިސްޓްރީ (އެމްއެޗްއޭ) އިން އެ ގައުމުގެ ވިސާ ނިޒާމު ލުއިކޮށް، މައިގަނޑު ވިސާ ކެޓަގަރީތަކުގެ އަދަދު 13 އިން ނުވައަކަށް މަދުކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ވިސާގެ ސަބް-ކެޓަގަރީތައް 49 އިން 23 އަށް ދަށްކޮށް، ފޯމުތަކުގައި ފުރަންޖެހޭ މައުލޫމާތުގެ މިންވަރު ވަނީ 70 އިންސައްތައާ ހަމައަށް މަދުކޮށްފައެވެ. ތަރައްގީވެފައިވާ ގައުމުތަކުގެ ނިޒާމުތައް ދިރާސާކުރުމަށްފަހު ގެނައި މި ބަދަލުގެ ދަށުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކެޓަގަރީތައް 22 އިން 13 އަށް އަދި ސަބް-ކެޓަގަރީތައް 63 އިން 49 އަށް މަދުކުރުމަށްފަހު، އޮގަސްޓް 27 ގައި ވަނީ މިހާރުގެ އަދަދަށް ދަށްކޮށްފައެވެ. މިވަގުތު 172 ގައުމެއްގެ ރައްޔިތުންނަށް 13 ސަބް-ކެޓަގަރީއަކުން އީ-ވިސާ ލިބެއެވެ.

މި ބަދަލުތަކުގެ ތެރެއިން ކުރީގެ ޓޫރިސްޓް ވިސާގެ ނަން "ވިޒިޓާ ވިސާ" އަށް ބަދަލުކޮށް، ވީ-1 އަދި ވީ-2 އަށް ވަނީ ބަހާލާފައެވެ. އެމްއެޗްއޭއިން ބުނި ގޮތުގައި، 30 ދުވަހުގެ މުއްދަތަށް މަލްޓިޕަލް އެންޓްރީއާއެކު ދޫކުރާ ވީ-1 ވިސާގެ ދަށުން ފަތުރުވެރިކަމުގެ އިތުރުން ކުރު މުއްދަތުގެ ވިޔަފާރި ބައްދަލުވުންތަކާއި، ސިއްހީ މަޝްވަރާތަކާއި، ކުރު ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެކެއް، ފަހެއް ނުވަތަ 10 އަހަރުގެ މުއްދަތަށް ދޫކުރާ ވީ-2 ވިސާގައި ފަރުބަދައަށް އެރުމުގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

ބޭސްފަރުވާގެ ވިސާގެ ތެރެއިން އާންމު ފަރުވާތަކަށް އެމް-1 ކަނޑައަޅާފައިވާއިރު، އާޔޫޝް ނިޒާމުގެ ފަރުވާތަކަށް ހާއްސަކޮށްފައިވަނީ އެމް-3 ވިސާއެވެ. އީ-ވިސާ ހިމެނޭހެން މި ދެ ވިސާ ވެސް އާންމު އުސޫލުން ދޫކުރާނީ އެއް އަހަރުގެ މުއްދަތަށް، މަލްޓިޕަލް އެންޓްރީ ލިބޭ ގޮތަށެވެ. މީގެ އިތުރުން، ދަރިވަރުންގެ ވިސާގެ ތެރެއިން ސްކޫލް އަދި ކޮލެޖް ތައުލީމަށް އެސް-1 ކަނޑައަޅާފައިވާއިރު، ޕީއެޗްޑީ އަދި ދިރާސާކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވަނީ އެސް-2 ވިސާއެވެ.

ވިޔަފާރި ވިސާ ބަހާލާފައިވަނީ ދިގު މުއްދަތުގެ ލައިސަންސް ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތަކަށް ދޫކުރާ ބީ-1 އަދި ކުރު މުއްދަތުގެ ކޮންޓްރެކްޓް މަސައްކަތްތަކާއި، ކޮންފަރެންސް، ކުޅިވަރު އަދި ފިލްމީ ހަރަކާތްތަކަށް ދޫކުރާ ބީ-2 އަށެވެ. އިންޑިއާގެ ކުންފުނިތަކުން ގެންނަ ފަންނީ މާހިރުންނާއި އިންޖިނިއަރުންނަށް ކުރިން އީ-ބީ4 ގެ ދަށުން ދޫކުރި ވިސާ، މިހާރު އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް ބީ-2 ކެޓަގަރީން ލިބޭނެއެވެ. އާ އުސޫލުތަކާ އެއްގޮތަށް ވިސާ ދޫކުރުމަށްޓަކައި، މި އަހަރުގެ ނިޔަލަށް އައިޓީ ސިސްޓަމްތައް އަޕްޑޭޓްކޮށް ނިންމާނެ ކަމަށް އެމްއެޗްއޭއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް