ފީފާ އިންޓަނޭޝަނަލް ބްރޭކުގައި އިންޑިއާ އާއި ނިއު ޒީލެންޑު ކުޅެން ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު، ތަފާތު ބޮޑު ނަތީޖާއަކުން ނިއު ޒީލެންޑުން ކާމިޔާބުކޮށްފިއެވެ.
އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުން އެޓީމު މޮޅުވެފައިވަނީ 0-5 ގެ ނަތީޖާއިންނެވެ.
މި ދެ ގައުމުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އިންޓަނޭޝަނަލް ބްރޭކެއްގެ ތެރޭގައި އިންޑިއާ އާއި ނިއު ޒީލެންޑުން ދެ މެޗެއް ކުޅެން ވަނީ ނިންމާފައެވެ.
މި މެޗުގައި ނިއު ޒީލެންޑުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، އެޓީމުން އިންޑިއާގެ ގޯލު ހުޅުވާލައިފައިވަނީ ފަސް ވަނަ މިނިޓްގައި އިންޑިއާގެ ޑިފެންޑަރު ބިޖޯއި ވާގީސް އަތުން ބައިކޮޅަށް ވަތް ލަނޑާއެކުއެވެ. ފުރަތަމަ ހާފުގައި ޒީލެންޑުން ކާމިޔާބުކުރި ފަހު ދެ ލަނޑުވެސް ޖަހައިދީފައިވަނީ ޖެސީ ރަންޑަލްއެވެ.
ނިއު ޒީލެންޑުގެ ހަތަރުވަނަ ލަނޑު، މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ ފޯވާޑް، ކްރިސް ވުޑްއެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ލަޗްލަން ބޭލިސްއެވެ.
މި ދެ މެޗަށް އިންޑިއާގެ ސީނިއާ ޓީމުގެ ކުޅުންތެރިން ފޮނުވުމަށްޓަކައި، ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 އަށް އިންޑިއާ އިން ފޮނުވާފައިވަނީ އެގައުމުގެ ޒުވާން ޓީމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަަމަ މެޗުގައި ޕާކިސްތާން އަތުން 2-3 އިން އިންޑިއާ މޮޅުވި މެޗަށް ފަހު، އެ ޓީމުގެ ސްކޮޑުގައި ހިމެނުނު ތިން ކުޅުންތެރިއަކު ނިއު ޒީލެންޑް މެޗު ކުޅެން އެ ސްކޮޑާ ގުޅުނެވެ.
މީގެ އިތުރުން، ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނޭ އިތުރު ކުޅުންތެރިންތަކެއް އެނބުރި ކުލަބަށް ދާން ޖެހުމާއި ބައެއް އަނިޔާގެ މައްސަލަތަކުގެ ސަބަބުން އިންޑިއާއިން މިހާރު ސާފް ޗެމްޕިއަންޝިޕްގައި ގެންގުޅޭ ސްކޮޑުގައި ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނު ކުޅުންތެރިންވެސް ހިމެނެއެވެ. އިންޑިއާ އިން ވަނީ ގްރޫޕް ސްޓޭޖުގެ ދެ ވަަނަ މެޗުގައި 0-1 އިން ރާއްޖެ ބަލިކޮށް ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. ސެމީ ފައިނަލުގައި އިންޑިއާ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.
އިންޑިއާ އާއި ނިއު ޒީލެންޑު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.