ކެފޭއެއްގައި 2 މީހަކު ހިފަހައްޓައި އަނިޔާކުރުން: ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކަކު ޝަރުތުކޮށް ދޫކޮށްލި

ކްރިމިނަލް ކޯޓު: ކެފޭއެއްގައި 2 މީހަކަށް އަނިޔާކުރި މައްސަލައެއްގައި، ތުހުމަތުވި އެކަކު ކުށް ކުރީ ފުރަތަމަ ފަހަރަށް ކަމަށްވުމުމް ޝަރުތުކޮށް ދޫކޮށްލައިފައިވޭ --- ސަން ފޮޓޯ

މިދިޔަ މަހު ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އަނިޔާކުރި ކަމުގެ ތުހުމަތުގައި ތިން ދިވެހީން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ކުށެއް ކުރީ ފުރަތަމަ ފަހަރަށް ކަމަށްވާތީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައިވާކަން ހާމަވެއްޖެއެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ، މައްސަލައިގައި ހިމެނޭ ގއ. މާމެންދޫ / އިފަން، އިފްހާމް އަޙްމަދު (19އ)ގެ ބަންދު މުއްދަތު އިއްޔެ އިތުރުކުރިކަން ހާމަވި ތަފުސީލާ އެކުގައެވެ.

އޭނާގެ މައްޗަށް ކުރަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ. އެ ތުހުމަތުތަކަށް އެ ޒުވާނާ އިންކާރުކުރެއެވެ.

އޭނާގެ ކޯޓު އަމުރުގައި ވަނީ، އެ ޒުވާނާ ވަނީ ބަޔަކު ކެފޭއެއްގެ ތެރޭގައި ހިފަހައްޓާފައި ކަމަށެވެ. މިގޮތުން، އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ، ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ، ބިރުދައްކާފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ ކޯޓުން ބުންޏެވެ.

https://sun.mv/230394

އެ ކެފޭތެރޭގައި ތިން ގަޑިއިރެއްހާއިރު، ހުއްދަ ނޫން ގޮތުގައި އަނިޔާ ލިބުނު ފަރާތް ހިފެހެއްޓި ކަމަށާއި މީހުންގެ ކުރިމަތީގައި އަނިޔާ ލިބުނު މީހާގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެހެން ފޯނުން ވީޑިއޯ ކޮށްފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ، އިފްހާމް އިތުރު 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ، އަންނަ މަހު އެއްވަނަ ދުވަހަށެވެ.

ފުލުހުން ރޭ ބުނި ގޮތުގައި އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ޒެނިތު، އައިހަމް ޢާދިލް (24އ) އާއި ކ. ކާށިދޫ / ދުންތަރި، މުޙައްމަދު ޝުނާން (21އ) އެވެ.

އޭގެ ތެރެއިން އައިހަމް މިދިޔަ މަހުގެ 31ގައި ޝަރުތުކުރުމަށް ފަހު ވަނީ ދޫކޮށްލާފައި ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ދައްކައެވެ. އެގޮތުން ކޯޓުން އޭނާ ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައި، ރަށުން ބޭރަށް ދިޔުން މަނާކޮށްފައެވެ.

އެ އަމުރުގައި ވަނީ އޭނާ ދޫކޮށްލީ އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ފުރަތަށް ކުށަށް ވެފައި، ހައްޔަރުކުރީ ވެސް ފުރަތަމަ ފަހަރަށް ކަމަށްވާތީއެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި ޝުނާންގެ ބަންދު މުއްދަތު ޖަހައިފައިވާ ކަމެއް މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.

މީހުން ރަހީނުކޮށް، އެކި ގޮތްގޮތުން ބިރު ދައްކައި ފައިސާ ފޭރުމުގެ ނުރައްކާތެރި މައްސަލަތަކެއް މީގެ ކުރިން ވެސް މާލޭ ސަރަހައްދުގައި ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް