ކެފޭއެއްގައި ބަޔަކު ހިފަހައްޓައި، އަނިޔާކުރުމުގެ ތުހުމަތުވާ 19 އަހަރުގެ މީހާގެ ބަންދަށް އިތުރު 20 ދުވަސް

ފުލުހުން ގެއެއްގެ ކައިރީގައި ހަރަކާތްތެރިވަނީ: ކެފޭއެއްގައި ބަޔަކު ހިފަހައްޓައި، އަނިޔާކުރި ކަމުގެ ތުހުމަތުވާ 19 އަހަރުގެ ޒުވާނާ އިތުރު 20 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން މިއަދު އިތުރު 20 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 19 އަހަރުގެ ގއ. މާމެންދުއަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ. އެ ތުހުމަތުތަކަށް އެ ޒުވާނާ އިންކާރުކުރެއެވެ.

އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދުކުރީ، 16 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މިއަދު އަލުން ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.

އެ ޒުވާނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އެ މީހުންގެ މެޑިކަލް ރިޕޯޓާއި މީހުންނަށް ލިބުނު އަނިޔާ ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕް ޝޮޓު ހުށަހަޅާފައިވެއެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، އެ ޒުވާނާ ވަނީ ބަޔަކު ކެފޭއެއްގެ ތެރޭގައި ހިފަހައްޓާފައެވެ. މިގޮތުން، އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ، ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ، ބިރުދައްކާފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ ކޯޓުން ބުންޏެވެ.

އެ ކެފޭތެރޭގައި ތިން ގަޑިއިރެއްހާއިރު، ހުއްދަ ނޫން ގޮތުގައި އަނިޔާ ލިބުނު ފަރާތް ހިފެހެއްޓި ކަމަށާއި މީހުންގެ ކުރިމަތީގައި އަނިޔާ ލިބުނު މީހާގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެހެން ފޯނުން ވީޑިއޯ ކޮށްފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ.

މި މައްސަލައިގައި އެ ޒުވާނާ ޝަރުތުކޮށް، ބަންދުން ދޫކޮށްލުމަށް އޭނާގެ ވަކީލު ކޯޓުގައި އެދުނެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ވަނީ، އެ ޒުވާނާ އިތުރު 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ، އަންނަ މަހު އެއްވަނަ ދުވަހަށެވެ.

comment ކޮމެންޓް