މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު އަސާސީ ބާވަތްތަކުގެ އަގު ވަނީ 9.96 ޕަސެންޓް އިތުރުވެފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 ޕަސެންޓް އިތުރުވެފައި ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވަނީ، މިދިޔަ މަހު ކެއުމުގެ ބާވަތްތަކުގެ އަގު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10.73 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އެއްގަމު މަހުގެ ބާވަތްތަކުގެ އަގަށް ކަމަށްވާއިރު، އެފަދަ ބާވަތްތަކުގެ އަގު ވަނީ 23.97 ޕަސެންޓް އުފުލިފައެވެ. އަދި ކިރާއި ކިރު އެކުލެވޭ ބާވަތްތަކާއި ބިހުގެ އަގު 12.11 ޕަސެންޓް އުފުލިފައިވާއިރު، ތަރުކާރީގެ އަގު ވަނީ 22.16 ޕަސެންޓް ބޮޑުވެފައެވެ.
މޭވާގެ ބާވަތްތަކަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ މި އަހަރުގެ އޮކްޓޫބަރު މަހު އަގުތައް ވަނީ 13.24 ޕަސެންޓް އުފުލިފައެވެ. ނަމަވެސް އެއީ މިދިޔަ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު 3.32 ޕަސެންޓް އިތުރުވުމެކެވެ.
މީހަކު ބާޒާރުކުރަނީ: މިދިޔަ މަހު މޭވާއާއި ތަރުކާރީގެ އަގު ވެސް ވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު މޭވާގެ އަގު ދަށްވި ނަމަވެސް، މިދިޔަ ޖުލައ މަހާ އަޅައިބަލާއިރު މޭވާގެ އަގުން 3.50 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
މީގެ އިތުރުން، މި އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު ގޭހާއި ތެލުގެ އަގުތައް އުފުލިފައިނުވި ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު އެފަދަ ބާވަތްތަކުގެ އަގު ހުރީ 13.82 ޕަސެންޓް އުފުލިފައި ކަމަށް އެ ރިޕޯޓުގައިވެއެވެ.
ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. އެ ހާލަތު އިތުރަށް ގޯސް ވަނީ، މިއީ ރާއްޖެއިން ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރަކަށް ވުމުންނެވެ.
މި ސަބަބަށްޓަކައި، ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން މިދިޔަ އަހަރު ވެސް އޮތީ އަންދާޒާކޮށްފައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް މަތިވަމުންދާނެ ކަމަށެވެ.