ފޮކްސްކޮންގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ 77.5 ބިލިއަން ޓައިވާން ޑޮލަރަށް އަރައިފި

ޓައިވާންގެ އިލެކްޓްރޯނިކްސް ކުންފުނި ފޮކްސްކޮންއަށް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 77.5 ބިލިއަން ޓައިވާން ޑޮލަރު (2.35 ބިލިއަން އެމެރިކާ ޑޮލަރު) ލިބިއްޖެއެވެ.

އެ ކުންފުނިން މިއަދު ނެރުނު މާލީ ރިޕޯޓުގައި ބުނި ގޮތުގައި، ޖުލައި މަހުން ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު މި ފައިދާއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 34 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ބްލޫމްބާގްގެ ސާވޭއަކުން ލަފާކުރި 70.3 ބިލިއަން ޓައިވާން ޑޮލަރާއި، ލަންޑަން ސްޓޮކް އެކްސްޗޭންޖް ގްރޫޕް (އެލްއެސްއީޖީ) އިން ލަފާކުރި 69.6 ބިލިއަން ޓައިވާން ޑޮލަރަށް ވުރެ މަތީ އަދަދެކެވެ. އަދި އެ މުއްދަތުގައި އާމްދަނީ 39 އިންސައްތަ އުފުލި، 7.7 ޓްރިލިއަން ޓައިވާން ޑޮލަރަށް އަރާފައިވާ ކަމަށާއި، ފައިދާ އިތުރުވަމުންދާއިރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސާވަރުތަކަށް އޮތް ޑިމާންޑް ކުރިއަށް އޮތް ތަނުގައިވެސް ވަރުގަދަވާނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެޕަލްގެ އައިފޯން އެސެމްބަލްކުރުމުގެ އިތުރުން، ފޮކްސްކޮންއިން މިހާރު ދަނީ އެމެރިކާގެ އެންވިޑިއާއަށް އޭއައި ސާވަރުތަކާއި، އިލެކްޓްރިކް އުޅަނދުތަކާއި ރޮބޮޓް އުފައްދަމުންނެވެ. އަދި އެ ދެ ކުންފުނި ގުޅިގެން ޓައިވާންގައި އޭއައި ފެކްޓަރީ ސުޕަކޮމްޕިއުޓަރެއް ބިނާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ނަމަވެސް، އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީއަށް ލިބުމާ ގުޅިގެން، އޭއައިގެ ގަވާއިދުތައް ހަރުކަށިކޮށް ޑޭޓާ ސެންޓަރުތައް ފުޅާކުރުން މަޑުޖެހިދާނެ ކަމުގެ ކަންބޮޑުވުމާއެކު، މިދިޔަ ބުރާސްފަތި ދުވަހުގައި ފޮކްސްކޮންއާއި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ވެއްޓިފައެވެ.

މީގެ އިތުރުން، އެންވިޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ކައިވެންޏުން ބޭރުން ބޭއްވި ކަމަށް ބުނާ ގުޅުންތަކެއްގެ މައްސަލަ ފެންމަތިވެ، އޭގެ ތެރޭގައި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭތީ، އޭނާ މަގާމުން ދުރުކުރުމާ މެދު ގޮތެއް ނިންމުމަށް އެ ކުންފުނީގެ ބޯޑުން އިއްޔެ ބައްދަލުކުރި ކަމަށް ސީއެންބީސީން ރިޕޯޓުކޮށްފައިވެއެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް އެންވިޑިއާގެ ބޯޑުން ވަކީލުންގެ ފާމެއް ކަމަށްވާ ވޮޗްޓެލް، ލިޕްޓަން، ރޯޒެން އެންޑް ކަޓްޒް އައްޔަންކޮށްފައިވާ ކަމަށް ބްލޫމްބާގްއިން ރިޕޯޓުކޮށްފައިވެއެވެ.

ޗެޓްބޮޓްތަކާއި އިމޭޖް ޖެނެރޭޓަރުތައް ފަދަ އޭއައި ވަސީލަތްތައް ހިންގުމަށް ސަރުކާރުތަކާއި ކުންފުނިތަކުން ބޮޑެތި ހޭދަތަކެއް ކޮށްގެން ޑޭޓާ ސެންޓަރުތައް ބިނާކުރަމުންދާއިރު، އެ ތަންތަނަށް ބޭނުންވާ ސާވަރުތައް އުފައްދާ ފޮކްސްކޮންގެ ވިޔަފާރި ވަނީ ފުޅާވެފައެވެ. އެހެން ނަމަވެސް، އޭއައި ޑޭޓާ ސެންޓަރުތަކަށް ގިނަ އަދަދެއްގެ ކަރަންޓު ބޭނުންވެ، އިއާދަނުކުރެވޭ ހަކަތައަށް ބަރޯސާވާ ކަރަންޓު ވިއުގަތަކަށް ބާރުބޮޑުވެއެވެ. އަދި ކޮމްޕިއުޓަރު ސާމާނު ފިނިކުރުމަށް ގިނަ އަދަދަކަށް ފެން ބޭނުންވާތީ ފެނުގެ ވަސީލަތްތަކަށް ބާރުބޮޑުވެ، އަޑުގަދަވުމާއި، ތިމާވެށި ތަގައްޔަރުވުމާއި، އެ ތަންތަނުން އުފައްދާ ވަޒީފާގެ އަދަދާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުންތަކާއި ދެކޮޅުވެރިކަން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް