ރިލީޒްކުރުމުގެ ކުރިން ޖީޓީއޭ 6ގެ ޕްރީއޯޑަރުން އެކަނި އެއް ބިލިއަން ޑޮލަރު

ޕްރީ-އޯޑަރު ކުރި ގިނަ މީހުން އިޚްތިޔާރުކޮށްފައިވަނީ ގޭމްގެ އެންމެ އަގުބޮޑު ވާޝަން ކަމަށްވާ 100 ޑޮލަރުގެ "އަލްޓިމޭޓް އެޑިޝަން" ---

މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް "ގްރޭންޑް ތެފްޓް އޮޓޯ" ގެ އައު ބައި، ޖީޓީއޭ 6 ރަސްމީކޮށް ރިލީޒްކުރުމުގެ ކުރިން ޑިޖިޓަލް ޕްރީ-އޯޑަރުން އެކަނިވެސް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، 10.3 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާ ކަމަށް މާކެޓް އެނަލިޓިކްސް ކުންފުނި ސެންސާ ޓަވަރުން އަންދާޒާކޮށްފިއެވެ.

ސެންސާ ޓަވަރުގެ މި ހިސާބުތަކަކީ އެ ކުންފުނީގެ އަންދާޒާތަކެއް ކަމަށާއި، ގޭމް އުފެއްދި ރޮކްސްޓާ ގޭމްސްއިން ނުވަތަ އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ޓޭކް-ޓޫ އިންޓަރެކްޓިވްއިން މި އަދަދުތައް އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، ޓޭކް-ޓޫ އިންޓަރެކްޓިވްގެ ސީއީއޯ ސްޓްރައުސް ޒެލްނިކް ދާދިފަހުން ވިދާޅުވެފައިވަނީ ޖީޓީއޭ 6 ގެ ޕްރީ-އޯޑަރުތައް ހުރީ އެ ކުންފުނިން އުންމީދުކުރި ވަރަށްވުރެ މާ ބޮޑުތަނުން އިތުރުވެފައި ކަމަށެވެ.

ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް އާއި އެސް އަށް ޖީޓީއޭ 6 ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި ގޭމްގެ ޕްރީ-އޯޑަރުތައް ހުޅުވާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

ސެންސާ ޓަވަރުގެ އަންދާޒާތައް ދައްކާގޮތުން ޖީޓީއޭ 6 ގެ ޑިޖިޓަލް ޕްރީ-އޯޑަރުތަކުގެ 75 އިންސައްތަ ހިއްސާކުރަނީ ޕްލޭސްޓޭޝަން 5 އެވެ. އެއީ ގާތްގަނޑަކަށް 751 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ބާކީ 25 އިންސައްތަ ހިއްސާކުރާ އެކްސްބޮކްސް ސީރީޒް އެކްސް އާއި އެސް އިން 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އަންދާޒާކުރެވެއެވެ.

https://sun.mv/229444

ޕްރީ-އޯޑަރު ކުރި ގިނަ މީހުން އިޚްތިޔާރުކޮށްފައިވަނީ ގޭމްގެ އެންމެ އަގުބޮޑު ވާޝަން ކަމަށްވާ 100 ޑޮލަރުގެ "އަލްޓިމޭޓް އެޑިޝަން" އެވެ. އެގޮތުން 89 އިންސައްތަ މީހުން އަލްޓިމޭޓް އެޑިޝަން ގަނެފައިވާއިރު، 80 ޑޮލަރުގެ "ސްޓޭންޑަޑް އެޑިޝަން" އިޚްތިޔާރުކޮށްފައިވަނީ 11 އިންސައްތަ މީހުންނެވެ. ދެ ކޮންސޯލްގައިވެސް މި ނިސްބަތް ހުރީ ދާދި އެއްވަރެއްގައެވެ.

ޕްރީ-އޯޑަރު ކޮށްފައިވާ ކުޅުންތެރިންނަށް ރޮކްސްޓާ ގޭމްސްއިން ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑިޖިޓަލްކޮށް ގޭމް ޕްރީ-ލޯޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރޮކްސްޓާގެ ސަޕޯޓް ވެބްސައިޓުގައިވާ ގޮތުން ކޮންސޯލްއަށް ބަލައި މި ގޭމް އިންސްޓޯލް ކުރުމަށް 212 ޖީބީއާ ހަމައަށް ހުސް ޖާގަ ބޭނުންވާނެއެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު އެ ގައުމެއްގެ ގަޑިން މެންދަމު 12:00 ޖެހުމާއެކު ކުޅުންތެރިންނަށް ގޭމް ކުޅެން ފެށޭނެއެވެ.

އެމެރިކާގެ ފްލޮރިޑާ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޚިޔާލީ ސްޓޭޓެއް ކަމަށްވާ "ލިއޮނިޑާ" ގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ގޭމްގެ ވާހަކަ އެނބުރެނީ ލޫސިއާ ކަމީނޯސް އަދި ޖޭސަން ޑުވާލް ނަމަކަށް ކިޔާ ކުށްވެރި ޖޯޑެއްގެ ވަށައިގެންނެވެ.

މި ދެ ޝަޚުސިއްޔަތުގެ ގުޅުމާއި އަމަލުތައް ސިފަކޮށްފައިވަނީ އެމެރިކާގެ ތާރީޚުގައި މަޝްހޫރުވި ކުށްވެރި ޖޯޑެއް ކަމަށްވާ ބޮނީ ޕާކާ އާއި ކްލައިޑް ބެރޯއާ އެއްގޮތް ގޮތަކަށެވެ. މިހާތަނަށް އާންމުކޮށްފައިވާ ގޭމްގެ ދެ ޓްރެއިލާއިން ވަނީ ގޭމްގެ މާހައުލާއި، ޝަޚުސިއްޔަތުތައް އަދި ވާހަކައިގެ މުހިންމު މަންޒަރުތަކެއް ދައްކާލާފައެވެ.

ފަންނީ ގޮތުން ބަލާއިރު، މިހާރުގެ ކޮންސޯލްތަކުގައި މި ގޭމް ހިންގާނީ ސިކުންތަކު 30 ފްރޭމް (30 އެފްޕީއެސް) ގެ ދުވެލީގައެވެ. ނަމަވެސް ޕްލޭސްޓޭޝަން 5 ޕްރޯ ވާޝަންގައި އިތުރަށް ސާފު ގްރެފިކްސްއާއި ރޭ-ޓްރޭސްޑް ހިޔަނިތައް ހިމެނޭނެއެވެ. މީގެ އިތުރުން އެކްސްބޮކްސް ކްލައުޑް ގޭމިން މެދުވެރިކޮށް އެކްސްބޮކްސް ވަން އަދި އެކްސްބޮކްސް ސީރީޒް އެކްސް އާއި އެސް ގައި މި ގޭމް ސްޓްރީމް ކޮށްގެން ކުޅެވޭނެއެވެ. ސްޓްރީމް ކުރާ ވާޝަންގައި ބޭނުންކުރާނީ އެކްސްބޮކްސް ސީރީޒް އެސް ގެ ގްރެފިކްސް ސެޓިންގްސް ކަމަށްވާއިރު، ގޭމްގެ ޕާފޯމަންސް ބިނާވާނީ އިންޓަނެޓްގެ ސްޕީޑަށެވެ.

ޖީޓީއޭ 6 އުފެއްދުމަށް އެއް ބިލިއަން ޑޮލަރާއި 1.5 ބިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓެއް ޚަރަދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ރޮކްސްޓާ ގޭމްސްއިން މި އަދަދު ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ގޭމް ނެރެނީ 2013 ވަނަ އަހަރު ރިލީޒްކުރި ޖީޓީއޭ 5 އަށް 13 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ދުނިޔޭގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނައިން ވިކުނު ވީޑިއޯ ގޭމް ކަމަށްވާ ޖީޓީއޭ 5 ގެ 230 މިލިއަން ކޮޕީ ވިކިފައިވާއިރު، މުޅި ގްރޭންޑް ތެފްޓް އޮޓޯ ފްރެންޗައިޒްއިން ޖުމްލަ 470 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް ޓޭކް-ޓޫ އިންޓަރެކްޓިވްއިން ބުނެއެވެ.

ޖީޓީއޭ 5 އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނީ ގޭމް ރިލީޒްކުރިތާ ތިން ދުވަސް ފަހުން ކަމަށްވާއިރު، ޖީޓީއޭ 6 ވަނީ ގޭމް ނެރުމުގެ ކުރިން ޕްރީ-އޯޑަރުން އެ ރެކޯޑް މުގުރާލާފައެވެ. އަދި މީގެ ކުރިން އެންމެ ގިނަ ޕްރީ-އޯޑަރު ލިބުނު ގޭމްގެ ގޮތުގައި ރަސްމީކޮށް ރެކޯޑް އޮތް 2020 ވަނަ އަހަރުގެ "ސައިބަޕަންކް 2077" ގެ އަށް މިލިއަން ކޮޕީގެ ރެކޯޑްވެސް ޖީޓީއޭ 6 ވަނީ ފަހަނައަޅައި ގޮސްފައެވެ.

comment ކޮމެންޓް