އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ރަސްމާލޭގައި ހިންގަން ތައްޔާރުވާ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
އަދާލަތު ޕާޓީން ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާންމު މަސްލަހަތާއި ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ދެކޭ ކަމަށެވެ.
ނަމަވެސް ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމެއް ކަމަށް، އެ ގަރާރުގައިވެއެވެ.
https://x.com/AdhaalathOffice/status/2120224497072849175
އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އޭރުން ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިގުތިޞާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް، އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ ގޮތުން އިލްމުވެރިންގެ ޖަމިއްޔާއިން އެ ޖަމިއްޔާގެ މެދުގައި ހުރި ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ހިއްސާކޮށްފައިވެއެވެ.
އިލްމުވެރިންގެ ޖަމިއްޔާއިން މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެހެންވެ ޝަހީމާ އެ ގުޅުމުން ބައްދަލުކޮށް، އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމާއި އިގުތިޞާދީ އަމިއްލަވަންތަކަމާއި ސަގާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރި ޕޯސްޓުގައިވެއެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރު 'ސަން'އަށް ދެއްވި އިންޓަވިއުގައި އަންދާޒާކުރެއްވި ގޮތުގައި، މި މަޝްރޫއު ނިމުމުން އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު އެއްކޮށް ނިމުމުން ދާއިމީ ގޮތެއްގައި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއުގައި ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ހިމެނެއެވެ.
އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރާއި އީގަލް ހިލްސްއިން ވެސް ވަނީ އެފަދަ ނުރައްކަލެއް މި އެއްބަސްވުމުގެ ސަބަބުން ނޯންނާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
މީގެ އިތުރުން ރަސްމާލެ މަޝްރޫއު ހިންގުމަށް މަގުފަހިވާ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަނީ އެފަދަ މަޝްރޫއުތަކުގައި، ތަރައްގީކުރެވޭ ނުވަތަ ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް، 99 އަހަރު ދުވަހުގެ މުއްދަތަށް ވިއްކިދާނެ ކަމަށް ބަޔާންކޮށްފައެވެ.
އެ ބިލުގެ ދަށުން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް، އެހެން ފަރާތަކަށް އެ ޕްރޮޕަޓީ ވިއްކުމުގެ އިޚުތިޔާރު ވެސް ލިބިދީފައިވެއެވެ. ނަމަވެސް ޕްރޮޕަޓީއެއް ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެއް ހައްގެއް ލިބިގެންނުވާ ކަމަށް ބިލުގައި ބަޔާންކޮށްފައެވެ.