ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ ގޮތުން އިލްމުވެރިންގެ ޖަމިއްޔާގެ މެދުގައި ހުރި ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ހިއްސާކޮށްފިއެވެ.
އިލްމުވެރިންގެ ޖަމިއްޔާއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެހެންވެ ޝަހީމާ އެ ގުޅުމުން ބައްދަލުކޮށް، އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމާއި އިގުތިޞާދީ އަމިއްލަވަންތަކަމާއި ސަގާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރި ޕޯސްޓުގައިވެއެވެ.
އެ ގުޅުމުން ލިޔެފައިވާ ގޮތުގައި އިލްމުވެރިންގެ ކަންބޮޑުވުންތައް ހުށަހެޅީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްކޮށްފައިވާ ގިނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
https://x.com/ilmugeGulhun/status/2109901560088260820
އެ ކަންބޮޑުވުންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ހިއްސާކޮށްދެއްވުމަށް ޝަހީމްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް، އިލްމުވެރިންގެ ގުޅުމުގެ ޕޯސްޓުގައިވެއެވެ.
ޝަހީމްގެ އިތުރުން އިލްމުވެރިންގެ ގުޅުމުން ވަނީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ ބައްދަލުކުރައްވައިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އުޝާމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެއްގެ ދަށުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށް، އިތުރު މަޝްވަރާތަކަށްފަހު ފަހު އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި މި ބަޔަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި ހައުސިން މަޝްރޫއަށް ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލޭގެ ބޮޑު މަޝްރޫއު ކުރިއަށްދާ ވަރަކުންނެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރު 'ސަން'އަށް ދެއްވި އިންޓަވިއުގައި އަންދާޒާކުރެއްވި ގޮތުގައި، މި މަޝްރޫއު ނިމުމުން އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު އެއްކޮށް ނިމުމުން ދާއިމީ ގޮތެއްގައި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއުގައި ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ.
މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރާއި އީގަލް ހިލްސްއިން ވެސް ވަނީ އެފަދަ ނުރައްކަލެއް މި އެގްރިމެންޓްގެ ސަބަބުން ނޯންނާނެ ކަމަށް ބުނެފައެވެ.