ރަސްމާލެ: ބިންތަކާއި ޔުނިޓުތައް 99 އަހަރަށް ވިއްކާނެ، ގަތުމަށް ފަހު އެހެން ފަރާތަކަށް ވެސް ވިއްކޭނެ

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން: ރެއަލް އެސްޓޭޓް ބިލުގެ ދަށުން، ބިންތަކާއި ޔުނިޓުތައް 99 އަހަރަށް ވިއްކޭނެ -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ދުބާއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ ރެއަލް އެސްޓޭޓް މަޝްރޫއު ފަދަ މަޝްރޫއުތަކުގައި، ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއް ވިއްކޭނީ 99 އަހަރުގެ ދުވަހުގެ މުއްދަތަށް ކަމަށް، ސަރުކާރުން އެކުލަވާލި ރެއަލް އެސްޓޭޓް ބިލުގައި ހިމަނައިފިއެވެ.

ރަސްމާލޭގައި ހިންގާ އިންޓަގްރޭޓެޑް ރެއަލް އެސްޓޭޓް މަޝްރޫއު ހިންގެން އޮތީ އާ ގާނޫނެއްގެ ދަށުން ކަމަށްވާއިރު، އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ބިލެއް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

އެ ބިލުގައި ވަނީ، އިންޓަގްރޭޓެޑް ރެއަލް އެސްޓޭޓް ޒޯނެއްގައި ތަރައްގީކުރެވޭ ނުވަތަ ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް، 99 އަހަރު ދުވަހުގެ މުއްދަތަށް ވިއްކިދާނެ ކަމަށެވެ. އަދި ވިއްކޭނީ، އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ޕްރޮޕަޓީއެއް ގަތުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށް ބިލުގައިވެއެވެ.

އެ ބިލުގެ ދަށުން ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް، އެހެން ފަރާތަކަށް އެ ޕްރޮޕަޓީ ވިއްކުމުގެ އިޚުތިޔާރު ވެސް ލިބިދީފައިވެއެވެ.

އިންޓަގްރޭޓެޑް ރެއަލް އެސްޓޭޓް ޒޯނެއްގައި ތަރައްގީ ކުރެވޭ ނުވަތަ ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތަކަށް، އެ ޕްރޮޕަޓީއެއް މި މާއްދާގައިވާ ގޮތުގެ މަތިން އެހެން ފަރާތަަކަށް ވިއްކުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު

އެ ބިލުގައި ވަނީ، އިންޓަގްރޭޓެޑް ރެއަލް އެސްޓޭޓް ޒޯނަކުން ޕްރޮޕަޓީއެއް ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެއް ހައްގެއް ލިބިގެންނުވާ ކަމަށް ބަޔާންކޮށްފައެވެ.

އެ ބިލުގައިވާ ގޮތުން، އެ ޒޯނެއް ކުއްޔަށް ނަގާ މާސްޓާ ޑިވެލޮޕަރަށް، އެ ގާނޫނާއި މާސްޓާ ޑިވެލޮޕްމެންޓް އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ޒޯނު ތަރައްގީ ކުރުމާއި ޒޯނުގައި ތަރައްގީ ކުރެވޭ ޕްރޮޕަޓީތަކުގެ ލީސްހޯލްޑު ރައިޓްސް ވިއްކުމާއި، އެ ޒޯނު ބެލެހެއްޓުމާއި މެނޭޖުކުރުމުގެ ހައްގު ވަނީ ދީފައެވެ. އަދި އެ މާސްޓާ ޑެވެލޮޕަރަކަށް ޒޯން ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށް ކަމަށް ވެސް ބިލުގައިވެއެވެ.

https://sun.mv/228134

އެ ޒޯނެއްގެ ކުލީގެ މުއްދަތު ހަމަވުމަކުން، އެ ގާނޫނުގެ ދަށުން ޒޯނުގައިވާ މުދަލެއް ގަނެފައިވާ ފަރާތެއްގެ ހައްގުތައް ނުގެއްލޭނެކަން ބިލުގައި ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ބިލުގައި ވަނީ އިސްރާއީލު މީހުންނަށް ރަސްމާލެއާއި އެފަދަ މަޝްރޫއުތަކުން ތަރައްގީ ކުރާ ތަންތަނުން ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާިއ، ޕްރޮޕަޓީ ގަންނަން މައުލޫމާތު އޮޅުވާލައިފިނަމަ އެ ތަނެއް އަތުލާނެ ކަމަށް ބަޔާންކޮށްފައެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހެވެ. އެ އެއްބަސްވުމުގެ ދަށުން ޒަމާނީ ސިޓީއަކާއި މެރީނާއެއް ތަރައްގީކުރުމަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ ދަށުން ފެއްޓެވި މަޝްރޫއެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ މި މަޝްރޫއު ރައީސް މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ ޑިސެންބަރު 18، 2023 ގައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ.

comment ކޮމެންޓް