އަދާލަތާ ކޯލިޝަން ހެދުމަށް ފަހު: "ހަމައެކަނި ދުލުން ''ދީނާއި ގައުމަށް'' ޓަކައޭ ބުނުމުން ނުފުދޭ، ފައިދާ ހުރި ގޮތަށް އިސްކަން ދޭން ޖެހޭ"

އަދާލަތާއި ޕީއެންސީން ކޯލިޝަން ހަދަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު: ގައުމަށް އެންމެ ފައިދާހުރި ގޮތް އިސްކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި -- ފޮޓޯ/ ޕީއެންސީ

ހަމައެކަނި ދުލުން ''ދީނާއި ގައުމަށް'' ޓަކައޭ ބުނުމުން ނުފުދޭ ކަމަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް އިސްކަން ދޭން ޖެހޭ ކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީއާއި ޢަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ސަބަބުތަކެއް ފާހަގަކުރައްވައިފައެވެ.

ކޮންގްރެސް ޕާޓީއާއި ޢަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕީއެންސީ

"ދެހާސް އަށާވީހުގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި ދަންމަވާލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި ޑިޕްލޮމެސީގެ ޚާރިޖީ ގުޅުންތައް ގާއިމުކުރައްވައި ދާޚިލީ ހަމަޖެހުމަށް ޖާގަދެއްވައި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި ހަމަޖެހުމަށް ޖާގަދީ އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ." އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ދުވަހަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކޮށް އެކުގައި މަސައްކަތް ކުރުމަށް ޢަދާލަތު ޕާޓީން އެއްބަސްވި އެއްބަސްވުމުން ދޭހަކޮށްދެނީ، ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް މުޢިއްޒުގެ ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަދާލަތު ޕާޓީން މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ދުވަހަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދުކުރައްވައި ރައީސް މުއިއްޒާއެކު މަސައްކަތް ކުރުމަށް އެއްބަސްވި އެއްބަސްވުމުން ދޭހަކޮށްދެނީ ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވިދާޅުވީ، ހަމައެކަނި "ގައުމާއި ދީނަށްޓަކައޭ" ބުނުމަކުން ނުފުދޭނެ ކަމަށާއި، ގައުމީ މަސްލަހަތު ކުރިއަށް ނެރެ ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދޭންޖެހޭ ކަމަށެވެ. ޢަބްދުއްރަޙީމް ވަނީ، ހަގީގަތް އޮޅުވާލައި އަމިއްލަ މަސްލަހަތު އިސްކޮށް، ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި، އެއީ ގައުމަށް އިޚްލާސްތެރިވުން ނޫން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/230506

ކޮންގްރެސް ޕާޓީއާއި ޢަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއާއެކު އިއްތިހާދުވާން އަދާލަތު ޕާޓީން ނިންމީ ހޮނިހިރު ދުވަހުގައެވެ.

އެކަން ހާމަކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތާއި 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު މަސައްކަތްކުރުމަށް އެ ޕާޓީން އަދާލަތު ޕާޓީއަށް ދައުވަތު އެރުވި ކަމަށެވެ.

އެ ބަޔާނުގައިވަނީ އަދާލަތު ޕާޓީ އުފެދުނު މައިގަނޑު މަގުސަދަކީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް އިސްލާމީ އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއެރުވުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަދާލަތުން ކޯލިޝަން ހެދިއިރު، މިދިޔަ ބުދަ ދުވަހު އެ ޕާޓީން އޮތީ، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ރަސްމާލޭގައި ހިންގަން ތައްޔާރުވާ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ރަސްމާލޭގައި ހިންގަން ނިންމައިފައިވާ މަޝްރޫއާ ދެކޮޅަށް އިދިކޮޅުން ހަރަކާތެއް ހިންގާއިރު، އަދާލަތު ޕާޓީގައި ދިގު މުއްދަތަކަށް ރައީސްކަން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް