ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކުރި ފަހުން ގަރާރު ހުށަހެޅުމަށް އޮތް ދޮރު ވެސް ބަންދުވީ ކަމަށާއި އިދިކޮޅު މެންބަރުން މަޖިލީހުގައި މަސައްކަތްކުރަން މިހާރު އޮތީ ހަނި ފުރުސަތެއް ކަމަށް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ގެނައި ބަދަލަކީ އެމްޑީޕީގެ މެންބަރުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމަށް ގެނައި ބަދަލެއް ކަމަށެވެ.
"...އަޅުގަނޑުމެން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މަޖިލީހުގެ ގަވައިދަށާއި އަދި ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން ހުއްޓުވަމުން ހުއްޓުވަމުން އައިސް މިހާރު މި އޮތީ މަޖިލީހުގެ މެންބަރުންނަށް ވަރަށް ހަނި ފުރުސަތެއް ރައްޔިތުން ބޭނުންވާ ކަންތައްތަކަށް މަސައްކަތް ކުރުމުގައި،" ނާޒިލް ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަގުތު އޮއްވައި ގަރާރުތަކަށް ބަހުސްކުރުމުގެ ފުރުސަތު ހަނިކުރުމަކީ ޑިމޮކްރަސީއަށް ތާއީދުކުރައްވާ އެއްވެސް ވަޒީރަކު ނުވަތަ މެންބަރަކު ވެސް ތާއީދުކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވިގޮތުގައި ގަރާރު ހުށަހަޅަން ފެށީ ކުއްލި މައްސަލަތަކުގެ ސިފައިގައި އާންމުންގެ އިހުސާސްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ބަހުސްކުރަން ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ.
"އެ ދޮރު މި ދެ ދުވަހު އެ ބަންދުވީ،" ގަލޮޅުގެ ދެ މެންބަރުން ކަމަށްވާ މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރާއި މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލި ކޮށްލުމަށް އިޝާރާތްކުރައްވައި ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ލިބޭ ފުރުސަތުތައް ހަނިކުރި ނަމަވެސް، އެމްޑީޕީގެ 13 މެންބަރުން ތިބީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަނީ ގަރާރުތަކަށް ބަހުސްކުރުމަށް ފަހު ގަރާރުތައް ބަލައިގަންނަން ފެނޭތޯ މެންބަރުންގެ ވޯޓަށް އަހާ ގޮތަށެވެ. ނަމަވެސް ނިމިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ވަނީ، މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް ގަވައިދު ބަދަލުކޮށްފައެވެ. އެ ބަދަލު ގެނައުމަށް ހުށަހެޅުއްވީ ޕީއެންސީއަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.