މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ، އާންމުންނަށް ފައިދާވާ މަޝްރޫއުތައް ހިންގަން ދަތިވެ، އަދި އެކަމުގެ އާންމުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން ގަރާރަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 52 ވޯޓު ދެއްވިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރި ފަހުން ހުށަހެޅި ދެވަނަ ގަރާރެވެ.
މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވަނީ، މާލެއާއި ވިލިމާލޭގެ ތަރައްގީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ފޯރުކޮށްދީ އެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކެއް ކަމަށް ބުނެ، ކައުންސިލުގެ އިޚްތިޞާޞުން 14 ބިމެއް ދައުލަތަށް ނެގީ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.
އެ 14 ބިމަކީ ކައުންސިލުގެ ބަޖެޓަށް މިހާރު ވެސް އާމްދަނީ ލިބޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކަކަށް ވެފައި، އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ޚާއްސަކޮށްފައިވާ ފައިސާ ކަމަށާއި، އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލޭނެ ކަމަށް ގަރާރުގައިވެއެވެ.
އެ ބިންތައް ނަގަން ހައުސިން މިނިސްޓްރީން ނިންމައިފައިވަނީ ޕާކިން އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުސް ޖާގަތައް ތަރައްގީކުރުން ފަދަ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއުތައް ކައުންސިލުން އެކުލަވައިލަނިކޮށް ކަމަށް ގަރާރުގައި ފާހަގަކޮށް، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުން ވާނެ ކަމަށް ބުނެފައިވެއެވެ.
އެ ނިންމުމުގެ ސަބަބުން ކައުންސިލުގެ ގާނޫނީ ބާރުތައް ހަނިވެގެން ދާނެ ކަމަށް ވެސް، ގަރާރުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ނިންމީ މި މަހުގެ 15ވަނަ ދުވަހެވެ.
އެ މިނިސްޓްރީގެ ނިންމުމާ ގުޅިގެން ކައުންސިލުން ވަނީ ދައުލަތަށް ބިންތައް ނަގައިދިނުން ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް މިދިޔަ މަހުގެ 28ވަނަ ދުވަހު މައްސަލައެއް ވެސް ހުށަހަޅައިފައެވެ.