ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު ބަދަލުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 56 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާގައި ކުރިން އޮންނަ ގޮތުން ނަމަ، ގަރާރެއް ހުށަހެޅުމާ އެކު އެ ގަރާރު ބަލައިގަތުމުގެ ކުރިން މެމްބަރުންނަށް އެއަށް ބަހުސްކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ވޯޓު ނަގަނީ ބަހުސް މަރުހަލާ ނިމުމުންނެވެ.
ނަމަވެސް އަލަށް ގެނައި އިސްލާހުގެ ދަށުން، ގަރާރެއް ހުށަހެޅުމާ އެކު އެންމެ ފުރަތަމަ ވެސް ނަގާނީ ގަރާރު ބަލައިގަތުމާ މެދު ވޯޓެކެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން އެ ގަރާރެއް ބަލައިގަންނަން ފާސްނުވެއްޖެ ނަމަ، ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި އެ ގަރާރެއް ވަގުތުން ބާތިލުވާނެއެވެ.
މީގެ އިތުރުން މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް ދެން ގަރާރެއް ހުށައެއް ނޭޅޭނެއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ، ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މައްސަލަ ދިރާސާކުރި އާންމު ކޮމިޓީގެ އިއްތިފާގުން މިދިޔަ ބުދަ ދުވަހު މި ބަދަލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ވޯޓުގެ ކުރިން ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވިއެވެ.
އެހެންނަމަވެސް ޕީއެންސީގެ 55 މެމްބަރުންގެ ވޯޓުން އެ އިސްލާހު ވަނީ ބޭރުކޮށްލައިފައެވެ.
މި ބަދަލާ މެދު އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، ޕީއެންސީގެ މެމްބަރުން ވިދާޅުވީ އިދިކޮޅުން ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ސަރުކާރުގެ ނިންމުންތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެމްޑީޕީން މަޖިލީހަށް ގިނަ ގަރާރުތަކެއް ހުށަހަޅަމުން އަންނައިރު މަޖިލީހުގައި ތިއްބަވަނީ އެ ޕާޓީގެ 13 މެންބަރުންނެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، މަޖިލީހަށް ބަލައިގަނެވެނީ އެ ޕާޓީގެ މެންބަރުން ތާއިދުކުރާ ބިލުތަކެވެ.