މާލޭގައި، ހިސާބުގަނޑު މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައި ގިނަ ދުވަސްތަކެއްވީ ނަމަވެސް ހައްލުނުވެ އޮތުމުން، ދިވެއްސަކު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފައިރިޝް ފިލައިފައިވަނިކޮށް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު އަލުން ގެންގޮސްފިއެވެ.
ފައިރިޝް ހައްޔަރުކުރީ، އޭނާ އާންމު އުނދަގޫ ކުރާ މައްސަލަ ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު މިދިޔަ މަހުގެ 17ގައި ހެންވޭރު ޕޮލިސް ސްޓޭޝަންގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންދެވި ފަހުންނެވެ. އެ ހަޅުތާލު ފެއްޓެވިތާ 10 ވަރަކަށް ގަޑިއިރު ފަހުން ފައިރިޝް ހައްޔަރުކުރިއިރު، ސައީދު ހަޅުތާލު ނިންމަވައިލެއްވީ ގާތްގަނޑަކަށް 35 ގަޑިއިރު ފަހުންނެވެ.
އެ މައްސަލައިގައި ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއިރު، އެ މުއްދަތު ހަމަވާން އޮތީ މާދަމާއަށެވެ. ނަމަވެސް ފުލުހުން އިއްޔެ ވަނީ، ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް، ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ ތަނަށް ބަދަލުކޮށްފައިވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ފިލައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ފައިރިޝް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ ހޯދައިފައިވަނީ މާލޭން ކަމަށެވެ.
ފައިރިޝް ބަންދުކުރީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
ފުލުހުން މީގެ ކުރިން ބުނީ ފައިރިޝަކީ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓި މީހެއް ކަމަށާއި ނަމަވެސް ބަންދުން ދޫކޮށްލި އިރަށް މީހުންނަށް އުނދަގޫކުރަން އޭނާ ފެށީ ކަމަށެވެ.
އެހެން ނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެއެވެ.
މި މައްސަލައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާއިރު، ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވަނީ، އެ ހަޅުތާލަކީ، ރާއްޖޭގެ މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.
ގާނޫނީ ގޮތުން އެކަމަށް ޙައްލު އޮތްކަން ތަފުސީލުކޮށްދެއްވަމުން ޝަމީމް ވިދާޅުވީ، ފައިރިޝް އާންމު ތަންތަނުގައި މީހުންގެ ގައިގައި ތެޅުމާއި ޢައުރަ ކަޝްފުކުރުން ފަދަ ޢަމަލުތަކަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށްތަކެއް ކަމަށެވެ. އެހެންކަމުން، އޭނާ ކުރާ ކޮންމެ ކުށަކަށް ވަކިވަކިން ކޯޓަށް މައްސަލަ ހުށަހަޅައި، ތިން މަސް ދުވަހުގެ އަދަބު ޖަމާކުރަމުން ގޮސް، މަދުވެގެން ހަ އަހަރު ދުވަހަށް އޭނާ ޖަލުގައި ބެހެއްޓޭނެ މަގު މިހާރު އޮތް ގާނޫނުގެ ތެރެއިން ވެސް ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.