ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޔަގީންކަން ދިނުމުން 35 ގަޑިއިރަށްފަހު މުޙައްމަދު ސައީދު އޭނާ ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ.
އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވުމުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ އިއްޔެގައެވެ.
ސައީދު ހަޅުތާލު ފެއްޓެވިތާ 10 ވަރަކަށް ގަޑިއިރު ފަހުން، އެކަމުގައި ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެއަށްފަހު ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، 35 ގަޑިއިރަށްފަހު އޭނާ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފައިވާ ކަމަށެވެ. އޭނާއަށް އެކަމުގައި ކުރިއަށްދިއުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށާއި ހޯމް މިނިސްޓަރު އަލީ އިޙްސާން އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ އެ ވައުދުތައް ފުރިހަމައަށް ތަންފީޒުވަމުންދޭތޯ އޭނާ ބަލަމުންދާނެ ކަމަށްވެސް ބުނެފައެވެ. އޭނާ ވަނީ އެކަމުގައި އޭނާއަށް އެއްބާރުލުން ދިން އެންމެނަށް ޝުކުރުއަދާކުރައްވައިފައެވެ.
ސައީދު އިއްޔެ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ މީގެ ދޮޅު އަހަރު ކުރިން ފެށިގެން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި އޭގެ ސަބަބުން އޭނާއަށާއި އޭނާގެ އާއިލާ މީހުންގެ އިތުރުން އަވަށްޓެރިންނަށާއި އެ މަގުތައް ބޭނުންކުރާ އެންމެންނަށް އަސަރު ކުރަމުންދާކަން ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މީހާއަކީ ސައީދުއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް އެނގިފައިވާކަމަށާއި އަދި އޭނާގެ މައްސަލައެއް ހުށަހަޅާ ކޮންމެ ފަހަރަކު ވެސް ގާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އެ މީހާ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓިކަމަށާއި ނަމަވެސް ދޫކޮށްލުމުން އަނެއްކާވެސް އުނދަގޫ ކުރަން ފެށީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.